ހަބަރު

ފުށިދިއްގަރު ފަރަށް އުރުނު ބޯޓު ފުންނުކުރެވި ހަތަރު މަސް!

  • ބޯޓަކީ އެމްއެމް އެކްސްޕޯޓްގެ އުޅަނދެެއް
  • އެ ކުންފުންޏަށް މާލީ މައްސަލަތައް ކުރިމަތިވެފައިވޭ
  • ފަރަށް ބޮޑެތި ގެއްލުންތަކެއް ލިބުމުގެ ބިރުބޮޑު

ހުޅުމާލެ ދެވަނަ ފޭސްގެ މަގުތައް ހެދުމުގެ މަސައްކަތަށް ހިލަ ބަރުކޮށްގެން ދަތުރުކުރަނިކޮށް މާލެ އަތޮޅު ފުށި ދިއްގަރު ފަރަށް އުރުނު އިންޑިއާގެ މޯހަން މުތާ އެކްސްޕޯޓް، އެމްއެމް އެކްސްޕޯޓް ގެ ޓަގް ބޯޓު އެ ފަރަށް އަރާފައި އޮންނަތާ ހަތަރު މަހަށްވުރެ ގިނަ ދުވަސްވެއްޖެ އެވެ. އެކަމާ ގުޅިގެން އެ ފަރަށް ބޮޑެތި ގެއްލުންތަކެއް ލިބި ދާނެ ކަމުގެ ކަންބޮޑުވުން ވަނީ ބޮޑުވެފަ އެވެ.

އެހެން ނަމަވެސް، އެ ބޯޓް ފުންކުރުމުގެ މަސައްކަތް ވެރި ފަރާތުން ނުކުރާ ކަމަށް އެންވަޔަރުމަންޓް މިނިސްޓްރީގެ އޮފިޝަލަކު މިއަދު "އަވަސް" އަށް ކަށަވަރުކޮށްދިނެވެ. އެހެން ނަމަވެސް އެ ކަންކަން ބަލައި މޮނީޓާ ކުރަން ޖެހޭ އޮތޯރިޓީ އީޕީއޭގެ ބަހެއް ލިބޭ ގޮތެއް ނުވި އެވެ.

ހިލަ ބަރުކޮށްގެން ދަތުރުކުރަމުން ދަނިކޮށް އެ ޓަގު ބޯޓާއި ބޯޓު ކަފު ޖަހައިގެން ގެނައި ބާޖު ފުށދިއްގަރު ފަރަށް އެރީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގަ އެވެ. އެހެން ނަމަވެސް މުދާ ބަރުކޮށްފައި އޮތް ޓަގް ވަނީ ފުންކޮށްފަ އެވެ.

އެކަމާ ގުޅިގެން އެންވަޔަރަމަންޓް މިނިސްޓްރީގެ އޮފިޝަލަކު "އަވަސް" އަށް މައުލޫމާތު ދެމުން ބުނީ، ޓަގް ފުންކުރުމާ ގުޅޭގޮތުން އެ ބޯޓް ނިސްބަތްވާ އެމްއެމް އެކްސްޕޯޓު ކުންފުންޏާ ވާހަކަތައް ދައްކަމުން އަންނަ ކަމަށެވެ. ފަރަށް ލިބިފައިވާ ގެއްލުންތައް ވެސް ބަލައި އެސެސްމަންޓް ހެދެން އަންނަނީ އެ ބޯޓް ފުންކުރެވިގެން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އެކަމާ މަޝްވަރާތައް އެބަ ކުރެވޭ. އެހެން ނަމަވެސް އެ ފަރާތުގެ އެކަށީގެންވާ އެއްބާރުލުމެއް ނުލިބޭ،" އޮފިޝަލް ވިދާޅުވި އެވެ.

ފުށި ދިއްގަރު ފަރަށް އުރުނު ޓަގް ބޯޓެއް ފުން ނުކޮށް ގިނަ ދުވަހު އެތަނުގައި ބޭއްވުމަކީ ފަރު ހަލާކުވެ ތިމާވެއްޓަށް ބޮޑު ގެއްލުމެއް ލިބިދާނެ ކަމެއް ކަމަށް މިނިސްޓްރީ އިން އެއްބަސްވެ އެވެ. އަދި އެ ބޯޓް ފުންނުކުރާ ނަމަ އެކަށީގެންވާ ފިޔަވަޅު އަޅަން ޖެހިދާނެ ކަމަށް ވެސް އެ މިނިސްޓްރީގެ އޮފިޝަލް ވިދާޅުވި އެވެ. އެނގިފައިވާ ގޮތުގައި އެ ބޯޓް ފުންނުކުރެވިގެން އުލެނީ އެ ކުންފުންޏަށް ކުރިމަތިވި މާލީ މައްސަލަތަކެއްގެ ސަބަބުންނެވެ.

ފަރަށް އަރާ އުޅަނދުތަކުގެ ސަބަބުން އެ ފަރަކަށް ލިބޭ ގެއްލުންތަކަށް ޖޫރިމައިނާ ކުރުމަކީ ރާއްޖޭގެ ތިމާވެށި ހިމާޔަތްކޮށް ރައްކާތެރިކުރުމާ ބެހޭ ގާނޫނުން އީޕީއޭ އަށް ލިބިދީފައިވާ ބާރެކެވެ. އެގޮތުން ކަނޑައަޅާ މުއްދަތުގެ ތެރޭގައި ފުން ނުކުރެވިއްޖެނަމަ އެއް މިލިއަން ރުފިޔާ އަށް ވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާ ކުރުމުގެ އިހްތިޔާރު އެންވަޔަރަމަންޓް މިނިސްޓްރީއަށް ލިބިގެންވެ އެވެ.