ރިޕޯޓް

ބެކްޕެކާސް ގިނަ ވެއްޖެ! ރާއްޖެއަށް ގެއްލުންތަ، ފައިދާތަ؟

Feb 9, 2015
4

ހަމައެކަނި ދަބަސް ކޮނޑުގައި އަޅުވައިގެން "ހުސްއަތާ" ދުނިޔޭގެ އެކި ކަންކޮޅުތަކަށް ދަތުރުކުރާ ގިނަ ބަޔަކު އުޅެ އެވެ. މިއީ ބަޖެޓު ޓޫރިސްޓުންނެވެ. ނުވަތަ "ބެކްޕެކާސް" ޓޫރިސްޓުން އެވެ. މިއީ މިހާރު އެންމެ ކުރިއަރަކުން އަންނަ އެއް ޓޫރިޒަމެވެ. ރާއްޖޭގައި ވެސް މި ކަން އޮތީ މިގޮތަށެވެ. މި މާކެޓު ވަނީ ރާއްޖެއާ ދިމާލަށް އެނބުރެން ފަށާފަ އެވެ. ނަމަވެސް ބެކްޕެކާސްގެ ސަބަބުން ޓޫރިޒަމަށް އަންނާނެ ބަދަލުތައް އޮތީ ނޭނގުމުގެ ތެރޭގަ އެވެ. ސުވާލަކީ ހޭދަކުރުން މަދު މި ޓޫރިސްޓުންގެ ސަބަބުން ޓޫރިޒަމަށް ކުރަނީ ކޮން އަސަރެއް ބާއެވެ؟ މި ގޮތަށް އަންނަ ޓޫރިސްޓުންގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް ފައިދާ ކުރޭ ހެއްޔެވެ؟

"ރާއްޖެއަށް މިހާރު ގިނަ އަދަދަކަށް ބެކްޕެކާސް ޓޫރިސްޓުން އާދޭ. މި ގޮތަށް އަންނަ ޓޫރިސްޓުންގެ ސަބަބުން ރާއްޖޭގެ އިކޮނޮމީއަކަށް މާބޮޑު ފައިދާއެއް ނުކުރޭ،" ޓޫރިޒަމް ދާއިރާގައި މަސައްކަތް ކުރާ އިސް ފަރާތެއް ނަން ނުޖެހުމަށް އެދި ބުންޏެވެ.

ދުނިޔޭގެ ޓޫރިޒަމް ޖަމިއްޔާ، ވޯލްޑް ޓޫރިޒަމް އޮގަނައިޒޭޝަން (ޑަބްލިއުޓީއޯ) ގެ ހިސާބުތައް ދައްކާ ގޮތުގައި ބެކްޕެކާސްގެ ގޮތުގައި ގިނައިން ދަތުރު ކުރަނީ ޒުވާނުންނެވެ. މި ގޮތަށް ބެކްޕެކާސްގެ ގޮތުގައި އާއްމުކޮށް ދަތުރުކުރަނީ 25 އަހަރާއި 30 އަހަރުގެ ޒުވާނުންނެވެ. ޓޫރިޒަމް ޖަމިއްޔާގެ ހިސާބުތައް ދައްކާ ގޮތުގައި 2002 ވަނަ އަހަރު 160 މިލިއަން ޒުވާން ޓޫރިސްޓުން ދުނިޔޭގެ އެކި ކަންކޮޅުތަކަށް ދަތުރުކޮށްފައިވެ އެވެ. އަދި އެ ޖަމިއްޔާގެ ހިސާބުތައް ދައްކާ ގޮތުގައި 2020 ވަނަ އަހަރު އަންނަން ވާއިރަށް މި އަދަދު 300 މިލިއަނަށް އަރާނެ އެވެ. މި ގޮތަށް އެންމެ ގިނައިން ދަތުރުކުރަނީ އޮސްޓްރޭލިޔާގެ ރައްޔިތުންނެވެ. އެ ގައުމުން ދަތުރުކުރި މީހުންގެ އަތުން އެކި ގައުމުތަކަށް 2013 ވަނަ އަހަރު އެކަނިވެސް 26 މިލިއަން ޑޮލަރު ވަރު ލިބިފައިވެ އެވެ.

ގެސްޓް ހައުސް ވިޔަފާރި ރާއްޖެއަށް އައުން ވެގެން ދިޔައީ ރާއްޖޭގެ ޓޫރިޒަމްގެ "މޫނުމަތި" ބަދަލު ވެގެން ދިޔަ އެއް ކަމަށެވެ. ދެހާސް ދިހަ ވަނަ އަހަރުން ފެށިގެން ރާއްޖޭގެ ރަށްރަށުގައި ޓޫރިޒަމް ފުޅާވެގެން ދިއުން ވެގެން ދިޔައީ ބެކްޕެކާސް އިން ރާއްޖެއާ ދިމާލަށް ދަތުރުފެށި އެއް ސަބަބެވެ. މިހާރު ރާއްޖޭގެ ގިނަ ގެސްޓް ހައުސްތަކުގައި ބެކްޕެކާސް މަޑު ކުރެ އެވެ. ރާއްޖޭގައި މިވަގުތު ހިދުމަތް ދެމުން ގެންދާ 216 ގެސްޓް ހައުސްގައި ހުރި 3،156 އެނދުގެ ތެރެއިން ގިނަ އެނދުތައް ވިއްކަމުންދަނީ ބަޖެޓް ޓޫރިސްޓުން ނުވަތަ ބެކް ޕެކާސް އަށެވެ. މިއީ ގެސްޓް ހައުސްތަކުގެ ޓާގެޓެވެ.

ޓޫރިޒަމް ދާއިރާގައި މަސައްކަތްކުރާ ބައެއް ފަރާތްތަކުން ދެކޭ ގޮތުގައި ބެކްޕެކާސް ޓޫރިސްޓުންގެ ސަބަބުން ރާއްޖޭގެ ޓޫރިޒަމަށް ފައިދާ ކުރެ އެވެ. އަނެއް ބައެއްގެ ނަޒަރުގައި މި ފަދަ ޓޫރިސްޓުންގެ ސަބަބުން ޓޫރިޒަމަށް މާބޮޑު ފައިދާއެއް ނުކުރެ އެވެ.

 މާފުށީ "އަރީނާ" ގެސްޓް ހައުސް އިން ވާހަކަ ދެއްކި އޮފިޝަލަކު ވިދާޅުވި ގޮތުގައި ބަޖެޓް ޓޫރިސްޓުންގެ ސަބަބުން ގެސްޓް ހައުސް ވިޔަފާރިއަށް ފައިދާއެއް ނުކުރެ އެވެ.

"ގިނަ ގެސްޓުން ހަމައެކަނި އައިސް މި މަޑުކޮށްލަނީ. އެ މީހުން އިތުރު ހޭދަތަކެއް ނުކުރޭ. މިފަދަ ޓޫރިސްޓުންގެ ފަރާތުން އަޅުގަނޑުމެންނަށް ލިބޭ ފައިދާ އަށް ވުރެ ބޮޑަށް ގަވަރުމެންޓަށް ލިބޭ ފައިދާ ބޮޑުވާނެ ކަން ނޭނގެ. މި ގޮތަށް އަންނަ މީހުންގެ ހޭދަ ކުރުން ވަރަށް މަދު،" އޮފިޝަލް ބުންޏެވެ.

ނަމަވެސް، ޓޫރިސްޓުން ގެންނަ ބައެއް ކުންފުނިތަކުގެ ހިޔާލު މުޅިން ތަފާތެވެ.

ރާއްޖެއަށް ޓޫރިސްޓުން ގެންނަ އެންމެ ބޮޑު އެއް ކުންފުނި ކަމަށްވާ ކެޕިޓަލް ޓްރެވަލްގެ ވެރިޔާ ޔޫސުފު ރިފްއަތު ވިދާޅުވި ގޮތުގައި ބެކްޕެކާސް ނުވަތަ ބަޖެޓު ޓޫރިސްޓުންގެ ސަބަބުން އިންޑަސްޓްރީއަށް ފައިދާވާނެ އެވެ.

"ކޮންމެ ތަނެއްގައި ވެސް ފަގީރުންނާއި މުއްސަންދިން އުޅޭ. މި ގޮތަށް ބެކްޕެކާސްއަކީ ފަގީރުން ނުވަތަ ބަޖެޓު ޓޫރިސްޓުން. މި ޓޫރިސްޓުން މި އަންނަނީ އާއްމުކޮށް ރާއްޖޭގެ ގެސްޓް ހައުސްތަކަށް. މިފަދަ ގެސްޓުންގެ ސަބަބުން ޖުމްލަ ގޮތެއްގައި ޓޫރިޒަމަށް ފައިދާ ވޭ،" ރިފްއަތު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ބަޖެޓް ޓޫރިސްޓުން ގިނަވި ނަމަވެސް ރިސޯޓުތަކުގެ މާކެޓު ނު ގެއްލޭނެ އެވެ.

"ރިސޯޓުތަކުގައި މިހާރަކުނެތް މިޑުލް ރޭންޖުގެ އެނދުތަކެއް. ރިސޯޓުތަކުގައި މިހުރީ މިޑުލް ރޭންޖުގެ ޓޫރިސްޓުންނަށް އެފޯޑު ކުރެވޭ އަގުތަކެއް ނޫން. ރިސޯޓުތަކުގެ އެނދުތައް މި ހުރީ 400 ޑޮލަރުން ފެށިން 10،000 ޑޮލަރާއި 15،000 ޑޮލަރު ވަރަށް. އެހެންވެ ގެސްޓް ހައުސްތަކަށް ބަޖެޓު ޓޫރިސްޓުން މި އަންނަނީ. އެހެންވެ މި ވަރުގެ އަގެއްގައި އަންނަ އަގެއްގައި ބެކްޕެކާސް އަކަށް ރިސޯޓުތަކަށް ނާދެވޭ،" ރިފްއަތު ވިދާޅުވި އެވެ.

އެހެން ޓްރެވަލް އެޖެންސީއެއް ކަމަށްވާ އިނަ މޯލްޑިވްސްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ގިޔާސް ވިދާޅުވި ގޮތުގައި ބަޖެޓު ބެކްޕެކާސްގެ ސަބަބުން "ކޮމިއުނިޓީ" އަށް ފައިދާ ކުރާނެ އެވެ.

"މިފަދަ ޓޫރިސްޓުންގެ ސަބަބުން ޓޫރިޒަމަށް މާބޮޑު ފައިދާއެއް ނުކުރިނަމަވެސް މިކަމުގެ ސަބަބުން ކޮމިއުނިޓީއަށް ފައިދާތަކެއް ކުރޭ. މިގޮތަށް އަންނަ ޓޫރިސްޓުންގެ ސަބަބުން ރަށްރަށުގައި ހުންނަ ފިހާރަތަކުން ވިޔަފާރި ކުރުންފަދަ ކަންތައްތައް ކުރޭ. އެހެންވެ މިފަދަ ޓޫރިސްޓުންގެ ސަބަބުން ކޮމިއުނިޓީއަށް ފައިދާތަކެއް ލިބޭ،" އަބްދުﷲ ވިދާޅުވި އެވެ.

ޓޫރިޒަމް ދާއިރާގެ ބައެއް ފަރާތްތަކުން ދެކޭ ގޮތުގައި މިގޮތަށް އަންނަ ޓޫރިސްޓުންގެ ސަބަބުން ބައެއް އިޖުތިމާއީ މައްސަލަތަކެއް ނުކުތުމަކީ އެކަށީގެންވާ ކަމެކެވެ. 

ނަން ނުޖެހުމަށް އެދި ވާހަކަ ދެއްކ ޓުއާ އޮޕަރޭޓަރެއް ބުނި ގޮތުގައި ބުކިން ނުހަދައިވެސް ގިނަ މީހުން އަންނަ ކަމަށެވެ.

"ބައެއް މީހުން މި އަންނަނީ ހަމައެކަނި ޓިކެޓު ނަގާލައިގެން އައިސް ރަށްރަށުގެ ގޭގޭގައި ވެސް 10 ވަރަކަށް ޑޮލަރު ދީފައި އެބަ ނިދާލާ. މިފަދަ މީހުންގެ އަތުގައި ގިނަ ފަހަރު އެއްވެސް އެއްޗެއް ނުހުރޭ. މިގޮތަށް އަންނަ މީހުންނަށް ރަށްރަށުގެ މީހުން ބައެއް ފަހަރު ކާންދޭން ޖެހިފައި އެބަހުރި. މިކަމުގެ ސަބަބުން އިޖުތިމާއީ މައްސަލަތަކެއް ނުކުމެ ދާނެ،" ޓުއާ އޮޕަރޭޓަރެއް ބުންޏެވެ.

ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމިއްޔާ "މަޓާޓޯ" ގެ ރައީސް އަދި އިނަ މޯލްޑިވްސްގެ ޑެޕިއުޓީ އެމްޑީ ގިޔާސް ވިދާޅުވި ގޮތުގައި ބެކްޕެކާސް ޓޫރިސްޓު މާކެޓުގެ ސަބަބުން ޓޫރިޒަމަށް "ކޮންމެވެސް" ގެއްލުމެއް ވުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ. މި ދާއިރާ ރަނގަޅަށް ރެގިއުލޭޓްކޮށް ބެލެހެއްޓެން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"މިގޮތަށް އަންނަ ޓޫރިސްޓުގެ ސަބަބުން މަތީ ފަންތީގެ ރިސޯޓުތަކަށް އަންނަ ޓޫރިސްޓުންނަށް އެއާލައިނުން ޝީޓް ނުލިބުން ފަދަ ކަމެއް ދިމާވެއްޖެނަމަ މިއީ މައްސަލައެއް،" ގިޔާސް ވިދާޅުވި އެވެ.

"ބެކްޕެކާސް" މާކެޓަކީ މިއަދުގެ ޓޫރިޒަމްގެ ޓްރެންޑެވެ. މިއީ ގިނަ ޒުވާން ޓޫރިސްޓުން ދަތުރު ކުރަން ބޭނުންވާ ގޮތެވެ. އެހެންކަމުން މިކަމަށް މަރުހަބާ ކިޔަން ޖެހެ އެވެ. އަދި ހަމަމިއާއެކު މިކަން ރަނގަޅަށް ރެގިއުލޭޓް ވެސް ކުރަން ޖެހެ އެވެ.