ހަބަރު

ޒާހިރު އަވަހާރަވުމާ ގުޅިގެން ގައުމީ ދިދަ ބައިދަނޑިއަށް ތިރިކުރަން ނިންމައިފި

ދިވެހި ދައުލަތަށާއި ރާއްޖޭގެ ކުޅިވަރުގެ ދާއިރާއަށް ވަރަށް އަގުހުރި ހިދުމަތްތަކެއް ކުރައްވާފައިވާ ނިޝާން އިއްޒުއްދީނުގެ އިއްޒަތްގެ ވެރިޔާ މުހައްމަދު ޒާހިރު ނަސީރު އަވަހާރަވުމާ ގުޅިގެން ގައުމީ ދިދަ ބައިދަނޑިއަށް ތިރިކުރުމަށް ރައީސް އަބްދުﷲ ޔާމީން ނިންމަވައިފި އެވެ. އަދި ރައީސްގެ ދެކަނބަލުން ވަނީ އެ އާއިލާއަށް ތައުޒިޔާ ވެސް ފޮނުއްވައިފަ އެވެ.

ރައީސް އޮފީހުން ބުނީ، ޒާހިރު ނަސީރު އަވަހާރަވި ހަބަރު ލިބިވަޑައިގަތުމާ ގުޅިގެން، އެ ބޭފުޅާގެ އާއިލާއަށް ރައީސް ޔާމީން ފޯނުން ގުޅުއްވައި، ވަރަށް އިހްލާސްތެރިކަމާއެކު ތައުޒިޔާ ވިދާޅުވެފައިވާ ކަމަށެވެ. އަދި މި ހަބަރު އެއްސެވީ ވަރަށް ފުން ހިތާމައާ އެކުގައި ކަމަށް ވިދާޅުވެ، ޒާހިރަކީ ދިވެހި ސަރުކާރަށާއި ރައްޔިތުންނަށް ވަރަށް އިހްލާސްތެރި ހިދްމަތްތަކެއް ކޮށްދެއްވި އަދި ރާއްޖޭގެ ކުޅިވަރަށް ވަރަށްދިގު މުއްދަތެއްގައި ވަރަށް ގިނަގުނަ ހިދުމަތްތަކެއް ކުރައްވައި، މި ދާއިރާގެ ތަރައްގީއަށް ބުރަ މަސައްކަތްޕުޅުތަކެއް ކުރެއްވި ބޭފުޅެއްކަން ރައީސް ފާހަގަކުރެއްވިއެވެ.

ޒާހިރު ނަސީރު އަވަހާރަވެފައިވަނީ މިއަދު ފަތިހު އެވެ. ކުއްލި ހާލަތުގައި އައިޖީއެމްއެޗަށް ގެންދިޔައިރު ވެސް އަވަހާރަވެފައި ކަމަށް އާއިލާއިން ވަނީ ބުނެފަ އެވެ. އަވަހާރަވިއިރު އުމުރުފުޅަކީ 87 އެވެ.

ޒާހިރު ނަސީރު، ކުޅިވަރުގެ އިތުރުން ނޫސްވެރިކަމަށް ކޮށްދެއްވި ހިދުމަތުގެ އަގު ވަޒަންކޮށް މީޑިއާ ކައުންސިލުން މި މަހު ނޫސްވެރިކަމުގެ ލައިފްޓައިމް އެޗީވްމަންޓް އެވޯޑް އަރުވާފައިވެ އެވެ.

ރާއްޖޭގެ އޮލިމްޕިކް ކޮމިޓީގެ ރައީސްކަން އެންމެ ގިނަ ދުވަހު ކުރެއްވި ޒާހިރު ނަސީރު މަޝްހޫރުވެ ވަޑައިގެންފައި ވަނީ އަދި އާންމުންގެ ގިނަ ބަޔަކު ބަލައިގެންފައި ވަނީ ދިވެހި ކުޅިވަރުގެ "ބައްޕައެއް" ގެ ގޮތުގަ އެވެ. ކުޅިވަރާ ބެހޭ ގިނަ އިސް މަގާމުތަކެއް އެބޭފުޅާ ފުރުއްވައިފަ އެވެ.

އެބޭފުޅާ ދިވެހި ނޫސްވެރިކަމަށް ކުރެއްވި ހިދުމަތް ވެސް އަގުނުކުރެވޭހާ ބޮޑެވެ. އެގޮތުން އެންމެ ފުރަތަމަ ރާއްޖޭގައި އިނގިރޭސި ބަހުން ނެރުނު ނޫސް، މޯނިން ސަންގެ ބާނީ އަކީ ވެސް ނަސީރެވެ. އަދި ކުޅިވަރަށް ހާއްސަކޮށް ނޫހެއް ނެރުއްވަން ފެއްޓެވީ ފަރާތަކީ ވެސް އެބޭފުޅާ އެވެ.

ޒާހިރު ނަސީރުގެ ނޫސްވެރިކަމުގެ ހަޔާތް ފެއްޓެވީ އަވަށްޓެރި، ސްރީލަންކާގައި ކިޔަވަން އުޅުއްވި ދުވަސްވަރު އެ ގައުމުގެ ނޫސްތަކަށް ލިޔުއްވުމުގެ ތެރެއިންނެވެ. ޒާހިރު ވަނީ ކުޅިވަރުގެ ދާއިރާ އިންނާއި އެހެނިހެން ވެސް ދާއިރާތަކުން ގިނަ ލިޔުންތަކެއް ލިޔުއްވައި ނޫސްތަކުގައި ޝާއިއު ކުރައްވާފަ އެވެ.