ހަބަރު

މުޒާހަރާ ކުރުމުގެ ހައްގު ހަނިކޮށްފައި ވަނީ ގާނޫނުގެ ދަށުން: އުމަރު

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ޕީޕީއެމް މުޒާހަރާކުރިއިރު އެއްވެ އުޅުން ހަނިކުރެވޭނެ ފަދަ މާއްދާތަކެއް އެއްވެއުޅުމާ ގުޅޭ ގާނޫނުގައި ނެތް ކަމަށާއި އޭރު މުޒާހަރާ ކުރީ ގާނޫނީ އިމުގެ ތެރެއިން ކަމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.

އުމަރު ނަސީރު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ޕީޕީއެމްއިން މުޒާހަރާކުރި އިރު، އެއްވެ އުޅުމުގެ ހައްގު ހަނިކޮށްދޭ ހާލަތްތައް ގާނޫނުގައި ބަޔާންކޮށްފައިނުވާ ކަމަށެވެ. އެ ހައްގު ހަނިކުރެވޭ މާއްދާ އިތުރުކޮށްފައިވަނީ 2013 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 10 ވަނަ ދުވަހު އެވެ. މި އިސްލާހު ގެނެސްފައިވަނީ އެމްޑީޕީގެ ވޯޓާއެކުގައި ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ.

އެއްވެ އުޅުމުގެ ހައްގު ހަނިކުރެވޭނެ ހަ ހާލަތެއް މިހާރު ގާނޫނުގައި ބަޔާންކޮށްފައިވެ އެވެ. އެއީ،

  • ގައުމީ ސަލާމަތަށް ނުރައްކާތެރިވެދާނެ ކަމެއް ކުރިމަތިވުން
  • އާންމު ރައްކާތެރިކަން ދެމެހެއްޓުން
  • ގާނުނުތަކާ އެއްގޮތަށް މުޖުތަމައުގެ ހަމަޖެހުން ގާއިމުކުރުން
  • އާންމު ސިއްހަތު ރައްކާތެރިކުރުން
  • މުޖުތަމައުގެ އާންމު އަހުލާގީ މިންގަނޑު ރައްކާތެރިކުރުން
  • އެހެން ފަރާތްތަކަށް ލިބިދޭ މިނިވަންކަމާއި ހައްގުތައް ރައްކާތެރިކުރުން

މިކަންކަން ބަލާ، އެއްވެ އުޅުމުގެ ހައްގު ހަނިކުރުމަކީ ގާނޫނުގެ ދަށުން ކުރެވޭނެ ކަމެކެވެ.

ޔޫރަޕިއަން ޔޫނިއަން އިން ރާއްޖެއާ ލަންކާއަށް ކަނޑައަޅާފައި ހުންނަ ސަފީރު ޑޭވިޑް ޑެލީ އިއްޔެ މިނިސްޓަރު އުމަރާއި ބައްދަލު ކުރައްވައި ރާއްޖޭގައި އެއްވެ އުޅުމުގެ މިނިވަން ކަމާއި މެދު ސުވާލު އުފެއްދުމުން މިނިސްޓަރު އުމަރު ވިދާޅުވެފައިވަނީ، މާލެ ފިޔަވައި ރާއްޖޭގެ އެހެން ސަރަހައްދު ތަކުގައި އެއްވެސް ހުރަހެއް ނެތި އެއްވެ އުޅުމުގެ މިނިވަންކަން އޮންނާނެ ކަމަށާއި މާލޭގައިވެސް މަގުތައް ފިޔަވައި އެހެން ހުރިހާ ސަރަހައްދެއްގައި އެއްވުންތައް ބޭއްވޭނެ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ގޮތުގައި މާލޭގެ މަގުތަކުގައި މުޒާހަރާކުރުމުން މަނާކުރެވެނީ މަގުތައް ތޮއްޖެހި ދުއްވާ އެއްޗެއްސަށާއި ހިނގާ ފަރާތަތަކަށް ދަތިވާނެތީ އެވެ.