ވިޔަފާރި

މޯލްޑިވިއަން ދަތުރުތަކުން ޗައިނާ ޓޫރިސްޓުން އިތުރުވާނެ: އެމްއެމްޕީއާރްސީ

މޯލްޑިވިއަން އިން ޗައިނާގެ އާ މަންޒިލްތަކަށް ފެށި ދަތުރުތަކުގެ ސަބަބުން އެ ގައުމުން ރާއްޖެ އަންނަ ޓޫރިސްޓުންގެ އަދަދު ބޮޑުތަން އިތުރުވެގެންދާނެ ކަމަށް މޯލްޑިވްސް މާކެޓިން އެންޑް ޕީއާރު ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން ބުނެފި އެވެ.

ރާއްޖޭގެ ގައުމީ އެއާލައިން، މޯލްޑިވިއަން އިން ޗައިނާގެ ތިން މަންޒިލަކަށް ދަތުރުތައް ފެށުމާއި ގުޅިގެން އެމްއެމްޕީއާރުސީން ބުނި ގޮތުގައި މޯލްޑިވިއަން ދަތުރުތައް ފެށި ޒީއާން ޕްރޮވިންސަކީ އެ ގައުމުގެ އެންމެ މަޝްހޫރު އެއް ޕްރޮވިންސް ކަމަށެވެ.

މޯލްޑިވިއައިން އިން ޒިއާން ޕްރޮވިންސަށް ފުރަތަމަ ބޭއްވި ފްލައިޓުގައި 199 ޓޫރިސްޓުން އެ ގައުމުން ގެނެސްފައިވެ އެވެ. މި ޓޫރިސްޓުންނަށް މަރުހަބާ ކިއުމުގެ ގޮތުން އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓުގެ، އެރައިވަލްގައި ބޮޑުބެރުގެ އައިޓަމްތަކެއް ވެސް ބާއްވާފައިވެ އެވެ.

ޗައިނާއަށް މޯލްޑިވިއަން ދަތުރުކުރަނީ އެ ގައުމުގެ ޝަންޝާ ޕްރޮވިންސާއި ޒިއާން އަދި ނަންޖިން ޕްރޮވިންސަށެވެ. މި ދަތުރުތަކުން ހަފުތާއަކު 900 އެއްހާ ޗައިނާ ޓޫރިސްޓުން ރާއްޖެ ގެނެވޭނެ ކަމަށް އެ އާލައިނުން ބުނެ އެވެ.

ޗައިނާއަކީ ރާއްޖޭގެ ޓޫރިޒަމްގެ ބޮޑު ބައެއް މިހާރު ހިއްސާ ކުރަމުން އަންނަ އެއް ގައުމެވެ. އެ ގައުމުން މިދިޔަ އަހަރު އެކަނި ވެސް 363،626 ޓޫރިސްޓުން ރާއްޖެއަށް ޒިޔާރަތް ކުރި އެވެ.