ބޮލީވުޑް

"އުޅްތާ ޕަންޖާބު" ނެރުން މަޑުޖައްސުވައިފި

May 27, 2016

ޝާހިދު ކަޕޫރާއި ކަރީނާ ކަޕޫރް އާއި އާލިއާ ބަޓް އަދި ދިލިޖް ދޮސަންޖް އެކުގައި ފެނިގެންދާ ފިލްމު "އުޅްތާ ޕަންޖާބު" އަންނަ މަހުގެ 17 ވަނަ ދުވަހު ރިލީޒްކުރުމަށް ހަމަޖެހިފައިވާއިރު ސެންސަރު ބޯޑުން މިވަނީ ފިލްމުގައި މާގިނައިން ބޭއަދަބީ ބަސްތައް ބޭނުންކޮށްފައިވާ ކަމަށް ބުނެ ފިލްމު ރިލީޒްކުރުން މަޑުޖައްސުވައިފަ އެވެ.

"އުޅްތާ ޕަންޖާބު" އަކީ ޕަންޖާބުގެ ޑްރަގް މައްސަލަތަކުގެ އަނދިރި ފަރާތް ދައްކުވައިދޭ ފިލްމެކެވެ. މިފިލްމު ޕްރޮމޯޓްކުރުމުގެ މަސައްކަތް ފެށިގެން މިހާރު ކުރިއަށްދާއިރު ސެންސަރު ބޯޑުން ވަނީ ފިލްމުގައި ބޭއަދަބީ ބަސްތައް މާގިނައިން ބޭނުންކޮށްފައިވާ ކަމަށާއި ފިލްމުން ބައެއް މަންޒަރުތައް އުނިކޮށްގެން ނޫނީ ފިލްމު ސިނަމާތަކުގައި ދެއްކުމުގެ ހުއްދަ ނުދޭނެ ކަމަށް ބުނެފަ އެވެ.

ބޮލީވުޑްގެ ބައެއް ހަބަރުތައް ގެނެސްދޭ ނޫސްތަކުގައިވާ ގޮތުން މިފިލްމުގެ އެއް ޕްރޮޑިއުސަރު ކަމަށްވާ އަނޫރާގް ކަޝްޔަޕް ވަނީ މިފިލްމު ސެންސަރު ބޯޑުން ހިފެހެއްޓުމުން އިންފޮމޭޝަން އެންޑް ބްރޯޑްކާސްޓިންގެ ސްޓޭޓް މިނިސްޓަރާ ވެސް ބައްދަލުކޮށް މަޝްވަރާކޮށްފަ އެވެ.

ސެންސަރު ބޯޑުން މިފިލްމުގެ މަންޒަރުތައް އުނިކުރަން އެންގުމާ ގުޅިގެން ފިލްމު ރިލީޒްކުރުން މަޑުޖައްސާލާފައިވާ ކަމުގެ ވާހަކަތަކެއްވެސް އަންނަނީ ދެކެވެމުންނެވެ.

މިފިލްމުގެ ޓްރެއިލާވެސް މިހާރު ރިލީޒްކޮށްފައިވާިރު، ޓްރެއިލާއިން ވެސް ހުތުރު ބަސްތައް މިފިލްމުގައި ބޭނުންކޮށްފައިވާ ވަރު އެނގިގެންދެ އެވެ. ނަމަވެސް ފިލްމުގެ ޓްރެއިލާއާ މެދު ސެންސަރު ބޯޑުގެ އެއްވެސް މައްސަލައެއް ނެތް އިރު، ކުއްލިއަކަށް ފިލްމުގައި ހަޑިހުތުރު ބަސް މާގިނައިން ބޭނުންކޮށްފައިވާ ކަމަށް ބުނެ ފިލްމު ރިލީޒްކުރުން ސެންސަރު ބޯޑުން ހުއްޓުވުމުން ބައެއް ފަރާތްތަކުން ވަނީ ސޯޝަލް މީޑިއާގައި ނުރުހުންފާޅުކޮށްފަ އެވެ.

"އުޅްތާ ޕަންޖާބު" ގެ ޓްރެއިލާ:

"އުޅްތާ ޕަންޖާބު" ގެ ޑައިރެކްޓަރު އަބީޝެކް ޗޮއުބޭ މީގެކުރިން ވަނީ މިފިލްމުގައި ދައްކުވައިދޭން ބޭނުންވަނީ ޕަންޖާބުގެ ޒުވާނުން މަސްތުވާތަކެތީގެ ވަބާގައި ޖެހި މުޅި މުޖުތަމައު ހަލާކުވެފައިވާ މިންވަރާއި ފިލްމުން ދައްކުވައިދޭން ބޭނުންވަނީ ޕަންޖާބުގެ ހަގީގީ ހާލަތުކަމަށް ބުނެފަ އެވެ.

މިފިލްމުގައި ޝާހިދު ކަޕޫރު ފެނިގެންދަނީ މަސްތުވާތަކެތީގެ ޝިކާރައަކަށްވެފައިވާ ޒުވާން ރޮކް ލަވަކިޔުންތެރިއެއްގެ ގޮތުގަ އެވެ. އަދި އާލިއާ ހޮކީ ކުޅުންތެރިއަކަށް ވާން ބޭނުންވާ ޒުވާން އަންހެން ކުއްޖެއްގެ ރޯލު ކުޅެފައިވާއިރު ކަރީނާ އަކީ ޑޮކްޓަރެއްގެ ރޯލުންނެވެ. އަދި ދިލިޖް ފެނިގެންދަނީ ފުލުހެއްގެ ގޮތުގަ އެވެ.