ބޭރު ކުޅިވަރު

މޮރީނިއޯގެ ފުރަތަމަ 11 އިން ޖާގަ ދޭނީ ކޮން ބަޔަކަށް؟

May 27, 2016

މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗުކަމާ ހޯސޭ މޮރީނިއޯ ހަވާލުވެއްޖެ އެވެ. މިއަދުގެ ވަގުތެއްގައި ރަސްމީކޮށް ޔުނައިޓެޑުން މިކަން އިއުލާނުކުރާނެ ކަމަށް ބެލެވެ އެވެ.

އެއަށް ފަހު މިހާރު އުފެދޭ އެންމެ ބޮޑު ސުވާލަކަށްވެފައި އޮތީ މޮރީނިއޯގެ ޔުނައިޓެޑް ޓީމުގެ ފުރަތަމަ 11 އެވެ. މޮރީނިއޯއާ އެކު ޔުނައިޓެޑް ތާވަލުގެ ބޮންތިއަށް އަރާނެ ކަމާއި ތަށި އުފުލައިލާނެ ކަމަށް ވެސް އެންމެން އިއްތިފާގުވެ އެވެ. ނަމަވެސް މިހާރު އެއޮތް ޓީމާ އެކު އޭނާ އެކަން ކުރަން ހިފާނެ ކަމަކަށް ހަމަ އެއްގޮތަކަށް ވެސް ގަބޫލެއް ނުކުރެ އެވެ.

ބެލެވެނީ ޔުނައިޓެޑްގެ ފުރަތަމަ 11 އަށް ނިކަން ބޮޑު ބަދަލެއް މޮރީނިއޯއާ އެކު އަންނާނެ ކަމަށެވެ.

ސްވިޑެންގެ ތަރި ޒަލްޓާން އިބްރަހިމޮވިޗަކީ މޮރީނިއޯގެ ފެވަރިޓެކެވެ. އުމުރުން 34 އަހަރުގައި ވެސް ޒަލްޓާނަކީ ޖާދުލެއް ކަމަށް އެންމެން ވެސް އެއްބަސްވެ އެވެ. ތަޖުރިބާކާރުން ބުނަނީ އޭނާ ގެނެސް، އޭނާގެ ނަން ޕްރިންޓްކޮށްފައިވާ ޖާޒީ ވިއްކައިގެން އެކަނި ވެސް ޔުނައިޓެޑަށް ހިންދެމިލެވިދާނެ ކަމަށެވެ.

އެހެންވީމަ ޒަލްޓާން އިބްރާގެ ވާހަކަ ބާއްވާލާފައި މޮރީނިއޯއާ އެކު މި ޓީމަށް އަންނާނެ ކަމަށް ބެލެވޭ އެހެން ކުޅުންތެރިންނަށް ސަމާލުކަން ދެމާ ހިނގާށެވެ. އަދި ޔުނައިޓެޑަށް ކުޅުންތެރިން މުހިންމުވާ ޑިޕާޓްމަންޓްތަކަށް ވެސް ބަލައިލަމާ ހިނގާށެވެ.

މިސާލަކަށް ޑިފެންސަށް ނަޒަރު ހިންގާލާއިރު މިއީ ވެން ހާލްގެ ބެލުމުގެ ދަށުގައި ވަރަށް ބޮޑަށް ހަލާކުވެފައި އޮތް ދިމާއެކެވެ. ޔުނައިޓެޑް ޑިފެންސް ވަރުގަދަކުރުމަށް ފިސާރި ކުޅުންތެރިންތަކެއް އެބަ ބޭނުންވެ އެވެ.

ފްރާންސްގެ ތަރި، ރަފޭލް ވަރާނޭ އަކީ މޮރީނިއޯގެ ފެވަރިޓެކެވެ. މޮރީނިއޯގެ އިރުޝާދާ އެކު ރިއަލް މެޑްރިޑްގައި ތަރިއަކަށް ބަދަލުވި ކުޅުންތެރިއެކެވެ. ޗެލްސީ އަށް މިފަހުން ކޯޗުކަން ކޮށްދިންއިރު އެވަޓަންގެ ޖޯން ސްޓޯންސް އަކީ ވެސް މޮރީނިއޯ ބޭނުންވި ކުޅުންތެރިއެކެވެ.

ޔުނައިޓެޑްގެ ޑިފެންސަށް އިތުރުކުރަން އެ ޓީމުން ބަލާ އަނެއް ކުޅުންތެރިޔަކީ ޒެނިތުގެ އެޒެކުއިލް ގެރޭއި އެވެ. މިއީ ޑޭވިޑް މޮއޭސްގެ ޒަމާނުން ފެށިގެން ޔުނައިޓެޑުން ފާރަލަމުން އަންނަ ކުޅުންތެރިއެކެވެ.

އާދައިގެ ބަޖެޓަކުން ޑިފެންސްގެ މައްސަލަތަކަށް ހައްލެ ހޯދިދާނެ ކަމަށް ބެލެވުނަސް ޔުނައިޓެޑްގެ މިޑްފީލްޑް އޭރިއާ މިހާރަށް ވުރެ ވަރުގަދަ ކުރަން ބޭނުން ނަމަ ފުދޭވަރަކަށް ގަދަ އަށް ހޭދަކުރަން ޖެހޭނެ އެވެ. މިސާލަކަށް ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ގެރެތު ބޭލް އަދި ފްރާންސްގެ ތަރި ޕައުލް ޕޮގްބާ ފަދަ ތަރިން މި ޓީމަށް އިތުރުކުރަން ހިފައިފި ނަމަ ވަރަށް ބޮޑު ޚަރަދެއްކުރަން ޖެހޭނެ އެވެ.

މިޑްފީލްޑަށް ކުޅުންތެރިން ހޯދަން ޔުނައިޓެޑުން ބާޒާރަށް ނުކުންނާނެ ކަމަށް ބެލެވޭއިރު ގޯލު ނުޖެހުމުގެ މައްސަލަ އަކީ ވެސް ޔުނައިޓެޑުން އަންނަ ސީޒަނަށް ހައްލުކުރަން ބޭނުންވެފައި އޮތް ބޮޑު މައްސަލަ އެކެވެ.

އެތުލެޓިކޯ މެޑްރިޑްގެ ތަރި ގްރިޒްމަން އަކީ ޔުނައިޓެޑުން ހިފައިފާނެ ކުޅުންތެރިއެކެވެ. ރިއަލް މެޑްރިޑްގެ ހަމޭސް ރޮޑްރިގޭޒް އާއި ނަޕޯލީގެ ގޮންޒާލޯ ހިގުއިން އަކީ އަންނަ ސީޒަނުގައި އޯލްޑް ޓްރެފޮޑުން ފެނިދާނެ ކުޅުންތެރިންނެވެ. މިފަދަ ކުޅުންތެރިންތަކެއް ލިބިއްޖެ ނަމަ އެންތޮނީ މާޝިއަލް އާއި އުއްމީދީ ތަރި މާކަސް ރަޝްފޯޑާ އެކު ޔުނައިޓެޑް ހިފަހައްޓަން އެހެން ޓީމުތަކަށް ވަރަށް ވެސް އުނދަގޫވާނެ އެވެ.

އެކަމަކު ޔަގީނަށް ވެސް ޔުނައިޓެޑް އަންނަ ސީޒަނަށް ނުކުންނައިރު އެންމެ ގިނަ ބަޔަކު ބަލައިލަން ބޭނުންވާނީ މޮރީނިއޯ އާއި ޒަލްޓާން އިބްރަހިމޮވިޗް އެކުގައި ދަނޑަށް ނުކުންނަ މަންޒަރެވެ. މި ދެ ރައްޓެހިން އެކުގައި ނުކުމެ، ޔުނައިޓެޑްގެ ވާދަވެރި މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާއާ ދެކޮޅަށް ދައްކާ ކުޅުމަކަށް ވެސް ގިނަ ބަޔަކު ޝައުގުވެރިވާނެ އެވެ.