ދުނިޔެ

ސްލޮވާކިޔާގައި އިސްލާމް ދީނަށް ފުރުސަތެއް ނެތް: ބޮޑު ވަޒީރު

ސްލޮވޭކިޔާގައި އިސްލާމްދީނަށް އެއްވެސް ފުރުސަތެއް އަދި ޖާގައެއް ނެތް ކަމަށް އެގައުމުގެ ބޮޑު ވަޒީރު ރޮބަޓް ފިކޯ ވިދާޅުވެއްޖެ އެވެ. ރޮބަޓް މިހެން ވިދާޅުވެފައި މިވަނީ ޔޫރަޕަށް ހިޖުރަކުރަމުންދާ ރެފިއުޖީން ގައުމުތަކުގެ މެދުގައި ބަހާލުމަށް އީޔޫއިން އުސޫލުތަކެއް ކަނޑައެޅުމަށް ތައްޔާރުކުރަމުން ދަނިކޮށެވެ.

މިކަމަށް ދެކޮޅު ހަދާ ވާހަކަ ދައްކަވަމުން ސްލޮވޭކިޔާގެ ބޮޑު ވަޒީރު ވިދާޅުވީ، އެތައް ހާސް މުސްލިމުންތަކެއް އެގައުމަށް އައިސް މުސްލިމުންގެ ގޮތްތަަކާއި އުސޫލުތައް އެގައުމުގައި ފެތުރުމަކީ އެއްގޮތަކަށް ވެސް ގަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށެވެ.

"މިއީ ހައިރާންވާ ކަމަކަށް ވެދާނެ، އެކަމަކު މާފުކުރޭ، އިސްލާމް ދީނަށް ސްލެވޭކިޔާގައި ހަމަ އެއްވެސް ޖާގައެއް ނެތް،" ބޮޑު ވަޒީރު ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ، މި ވަގުތަކީ ސިޔާސީ ފަރާތްތައް ފާޅުގައި ވާހަކަ ދައްކާ ހިޔާލު ފާޅުކުރަންވީ ވަގުތު ކަމަށެވެ. ސްލޮވާކިޔާއަށް އެތައް މުސްލިމުންނެއް އެތެރެކުރުމުން އެގައުމުގެ ޒަމާންވީ ސަގާފަތާއި އަމިއްލަވަންތަކަން ނެތިގެންދާނެ ކަމަށް ބޮޑު ވަޒީރު ވިދާޅުވި އެވެ.

"އަހަރެމެން ބޭނުމެއް ނުވޭ އަހަރެމެންގެ ޒަމާންވީ ސަގާފަތް ބަދަލުކުރާކަށް، މުސްލިމުން އެތެރެކޮށްފިނަމަ ސަގާފަތަށް އަސަރުކުރާނެ،" ބޮޑު ވަޒީރު ވިދާޅުވި އެވެ.

ރެފިއުޖީންނާ ގުޅޭ ގޮތުން އިޔޫ ނިންމާ ނިންމުންތަކާމެދު ޔޫރަޕްގެ ބައެއް ގައުމުތަކުން ދަނީ ނުރުހުން ފާޅުކުރަމުންނެވެ. އަދި ގައުމުތަކުގެ މެދުގައި ހިޔާލު ތަފާތުވުންތައް ވެސް ވަނީ އުފެދިފަ އެވެ.