ބޮލީވުޑް

ފާޑުކީ މީހުންނަށް ފަރްދީން ރައްދުދީފި

May 28, 2016
1

ކުރީގެ މަޝްހޫރު ތަރިއެއް ކަމަށްވާ ފަރްދީން ޚާން ފިލްމު ކުޅުން ހުއްޓާލުމަށްފަހު އަމިއްލަ ވިޔަފާރިއެއް ފައްޓައިގެން އުޅޭތާ މިހާރު ހަ އަހަރު ވަނީ އެވެ.

މީގެ ހަފްތާއެއްހާ ދުވަސް ކުރިން ފަރްދީން މިހާރު ހުންނަ ގޮތުގެ ފޮޓޯތައް އާންމުވުމާއެކު އޭނާ އަށް ވަނީ އެތަކެއް ބައެއްގެ ފާޑުކިޔުން އަމާޒުވެފަ އެވެ. ސަބަބަކީ އެންމެފަހުން ފިލްމު ކުޅުނުއިރު ހުރި ވަރަށް ވުރެން އެތައް ގުނައެއް ފަލަވެ، ފަރްދީންގެ ސިފަ ހުތުވެފައިވާތީ އެވެ.

ފަރްދީން އަށް ސޯޝަލް މީޑިއާގައި އެތައް ބަޔަކު މަލާމާތްކޮށް ހަޖޫޖަހަމުން ދަނިކޮށް އޭނާ ވަނީ ފާޑުކިޔާމުން އަންނަ މީހުނަށް ވަރުގަދަ ރައްދެއްދީފަ އެވެ.

އެންމެފަހުން 2010 ވަނަ އަހަރު ނިކުތް "ދުލްހާ މިލްގަޔާ" އިން ފެނިގެން ގޮސްފައިވާ ފަރްދީން ވަނީ އޭނާ ފަލަވެގެން އެކަމާ ޖޯކު ޖަހައި އޭނާ އަށް ކިތަންމެ މަލާމާތެއް ކުރިޔަސް އެކަމުން އޭނާއަށް އެއްވެސް އަސަރެއް ނުުރާނެ ކަމަށާއި މިހާރު އޭނާ އުޅެމުން މިއަންނަނީ ހަޔާތުގެ އެންމެ އުފާވެރި ދުވަސްތަކުގައި ކަމަށް ބުނެ ފާޑުކީ މީހުންނަށް ރައްދު ދިނުމުގެ ގޮތުން ފޭސްބުކްގައި ލިޔެފަ އެވެ.

ފަރްދީން ލިޔުނު މިމެސެޖުގައ ވަނީ ފާޑުކީ މީހުންނަށް ރައްދު ދިނުމުގެ އިތުރުން އެންމެ ހިތްދަތި ވަގުތުތަކުގައި ވެސް އޭނާ އާއެކު ތިބޭ ފޭނުންނަށް އެކަމަށްޓަކައި ޝުކުރު އަދާކޮށްފަ އެވެ.

"އެއްވެސް ލަދެއް ނުގަނޭ އަދި މީހަކު ލަދެއް ނުވެސް ގަންނުވަން. ފާޑުކިޔަސް ފަރުވާލެއް ނެތް. އެކަމާ ދެރައެއް ނުވޭ. އަދި އަހަަރެން ދެލޯ އަނދިރި އެއްވެސް ނޫން. ހަގީގަތުގައި އަހަރެން މިވަގުތު ދިރިއުޅެމުން މިއަންނަނީ ހަޔާތުގެ އެންމެ އުފާވެރި ދުވަސްތަައް، އަހަރެންގެ ފަލަކަން އަހަރެން އުފަލުގަ އުޅޭ މިންވަރު ހަމަކޮށްދޭ" ފަރްދީން ލިޔެފައިވެ އެވެ.

ފަރްދީން އިތުރަށް ވަނީ އޭނާ އަށް ޖޯކުޖަހައިގެން ބަޔަކު މީހުންނަށް މަޖާވުމުން އުފާކުރާ ކަމަށާއި އަދިވެސް މަޖާކުރަން ވަގުތު އޮތިއްޔާ އަމިއްލަ މީހާގެ ސިފައެއް ފަހަރު ނަމަވެސް ލޯގަނޑުން ބެލުމަށް އެދިފަ އެވެ.

ގިނަބަޔަކު ފަރްދީން އަށް މަލާމާތުގެ ބަސްތައް ރައްދުކޮށްފައިވާއިރު، އެއްބަޔަކު ވަނީ އޭނާއަށް ތާއީދުވެސް ކޮށްފަ އެވެ.

ނަވާރަސަތޭކަ ނުވަދިހަ އަށެއްގައި ބޮލީވުޑަށް ތައާރަފުވި ފަރްދީން އަކީ އެއްއިރެއްގައި ވެސް މާކާމިޔާބު ލިބުނު ތަރިއެއް ނޫނެވެ. ދެހާހުގެ ކުރީކޮޅުގައި އޭނާ ވިދާލި ނަމަވެސް މާކާމިޔާބު ފިލްމުތަކެއް ނުކުޅެވި އޭނާގެ ކެރިއަރު ވަނީ ނިމިގެން ގޮސްފަ އެވެ.