ބޮލީވުޑް

އައިޝްވާރިޔާގެ "ސަރްބްޖިތް" ޕާކިސްތަނުގައި އަޅުވާނެ ބަޔަކުނުވި!

May 28, 2016

މިދިޔަ ހަފްތާގެ ހުކުރު ދުވަހު ރިލީޒްކުރި އައިޝްވާރިޔާ ރާއީ އާއި ރަންދީޕު ހޫޑާ ލީޑްރޯލުން ފެނިގެންދާ "ސަރްބްޖިތް" އަކީ އޮޅިގެން ޕާކިސްތާނުގެ ބޯޑަރު ހުރަސްކުރެވި، ޕާކިސްތާނަށް ވަދެވުނު އިންޑިއާ ދަނޑުވެރިއެއް ކަމަށްވާ ސަރްބްޖިތް ސިންގްގެ ހަޔާތުގެ މައްޗަށް އުފައްދާފައިވާ ފިލްމެކެވެ.

އިންޑިއާއިން ޖާސޫސްކުރަން ފޮނުވި މީހެއް ކަމަށް ބުނެ، ސަރްބްޖިތް ޕާކިސްތާނުގެ ޖަލުގައި ވަރަށް އަނިޔާވެރިކޮށް 13 އަހަރު ވަންދެން ގެންގުޅެނިކޮށް ވަނީ މަރުވެފަ އެވެ.

ޑައިރެކްޓަރު އޮމަންގް ކުމާރު ވަނީ މިފިލްމު ރިލީޒްކުރުމުގެ ކުރިން ފިލްމު ޕާކިސްތާނުގައި ދައްކަން ބޭނުންވާ ކަމަށް ބުނެފަ އެވެ. ނަމަވެސް މި ފިލްމު ރިލީޒްކުރިތާ ހަފްތާއެއް އިއްޔެ އަށް ވީއިރު، ޕާކިސްތާނުގައި މިފިލްމު އަޅުވައިދޭނެ ބަޔަކު ނެތިގެން ވަނީ ނުދެއްކިފަ އެވެ.

"ސަރްބްޖިތް" ޕާކިސްތާނުގެ ސިނަމާތަކުގައި ދެއްކުމުގެ ގޮތުން އެގައުމުގެ އެއްވެސް ޑިސްޓްރިބިއުޓަރަކު މި ފިލްމު އެޅުވުމުގެ ޝައުގުވެރިކަން ނެތީ މިފިލްމުގެ ވާހަކައިގެން ގޮތުން ޕާކިސްތާނުން މި ފިލްމަށް މާބޮޑު ތާއީދެއް ނުލިބޭނެ ކަމަށްވުމާއި އަދި މިފިލްމަކީ ޕާކިސްތާނާއި ދެކޮޅު ކަންތައްތަކެއް ފެނިގެންދާ ފިލްމަކަށް ވުމުން އެގައުމުގައި ނޭޅުވޭނެތީ ކަމަށްވެ އެވެ.

މިކަމާ ގުޅިގެން ޕާކިސްތާނުގެ ސެންސަރު ބޯޑުގެ ޗެއާމަން މޮބާޝިރް ހަސަން ވަނީ މިހާތަނަށް މި ފިލްމު އެގައުމުގައި ދައްކަން ޝައުގުވެރިވެގެން އެއްވެސް ޑިސްޓްރިބިއުޓަރަކު އެފިލްމު އެޅުވުމުގެ ހުއްދަ ހޯދުމަށް އައިސްފައިނުވާ ކަމަށް ބުނެފަ އެވެ.

މޮބާޝިރް ވެސް ވަނީ މިފިލްމު އެގައުމުގައި ދެއްކުމަށް އެދި އެއްވެސް ފަރާތަކުން އައިސްފައނުވަނީ ފިލްމުގެ ވާހަކަ އަކީ ޕާކިސްްތާނާ ވަރަށް ގުޅުން ހުރި ވާހަކަވުމުން ކަމަށް ލަފާކުރެވޭ ކަމަށް ވެސް ބުނެފަ އެވެ.

މީގެއިތުރުންވެސް ޕާކިސްތާނުގައި ޑިސްޓްރިބިއުޓަރަކު ވަނީ މިފިލްމަކީ ޕާކިސްތާނާ ދެކޮޅު ފިލްމެއްކަން އެގައުމުގެ ރައްޔިތުން ގަބޫލުކުރާ ކަމަށާއި އެހެންކަމުން ފިލްމު އެޅުވުމުގެ ހުއްދަ ހޯދަން ދިއުމަކީ ވެސް ބޭކަރު ކަމެއް ކަމަށް ބުނެފަ އެވެ.

މި ފިލްމަކީ ބޭބެ ޕާކިސްތާނުގެ ޖަލަށްލުމުން އަނބުރާ ގައުމަށް ގެންނަށް ދައްތައަކު ކުރާ މަސައްކަތް ދައްކުވައިދޭ ފިލްމެކެވެ. ނަމަވެސް އޭނާގެ މަސައްކަތް ކާމިޔާބު ނުވެ، ގައިދީންތަކެއް ތަޅައިގެން އެއަނިޔާގައި ޕާކިސްތާނުގައި ސަރްބްޖިތް މަރުވެ އެވެ.

ރިލީޒްކުރިތާ ހަފްތާއެއް ވެގެން ގޮސްފައިވާއިރު، މިފިލްމަށް އިންޑިއާއިން ވެސް މާބޮޑު ތަރުހީބެއް ލިބިގެން ގޮސްފައެއް ނުވެ އެވެ. މިހާތަނަށް މިފިލްމަށް އިންޑިއާއިން ލިބިގެން ގޮސްފައިވަނީ އެންމެ 22 ކްރޯޑެވެ.