ދުނިޔެ

ރާއްޖެ ބައިވެރިވާ ޕެރިސް އެގްރިމެންޓް އުވާލާނެ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

ދުނިޔޭގެ ގިނަ ގައުމުތަކަކުން ބައިވެރިވެގެން އެކުލަވާލި ޕެރިސް އެގްރިމެންޓް އުވާލާނެ ކަމަށް އެމެރިކާގެ ރިޕަބްލިކަން ޕާޓީގެ ރިއާސީ ޓިކެޓް ކާމިޔާބުކުރައްވާފައިވާ ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.

ޕެރިސް އެގްރިމެންޓަކީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ޕެރިހުގައި އެކުލަވާލި އެގްރިމެންޓެކެވެ. މި އެގްރިމެންޓް އެކުލަވައިލުމުގައި އެއޯސިސްގެ ރިޔާސަތު ބަލަހައްޓާ ގައުމުގެ ހައިސިއްޔަތުން ރާއްޖެއިން ވަނީ އިސް ދައުރެއް އަދާކޮށްފަ އެވެ. ކުދި ޖަޒީރާ ގައުމުތަކުގެ ހައްގުގައި ވަކާލާތުކޮށް ކޮޕް 21 އަކީ ކާމިޔާބު ކޮންފަރެންސަކަށް ހެދުމުގައި ވެސް ރާއްޖެއިން އިސްދައުރެއް އަދާކުރި އެވެ. އަދި އެގްރިމެންޓްގައި ސޮއިކުރި ފުރަތަމަ ގައުމުތަކުގެ ތެރޭގައި ވެސް ރާއްޖެ ހިމެނުނެވެ.

ޓްރަމްޕްގެ ހަކަތައާ ގުޅޭ ސިޔާސަތާ ބެހޭ ގޮތުން ފުރަތަމަ ފަހަރަށް ވާހަކަ ދައްކަވަމުން ވަނީ ޕެރިސް އެގްރިމެންޓް އުވާލާނެ ކަމަށް ވައުދުވެލައްވާފަ އެވެ. ޓްރަމްޕް ވިދާޅުވީ، ޕެރިސް އެގްރިމެންޓަކީ އެމެރިކާއަށް ގެއްލުންވާނެ އެގްރިމެންޓެއް ކަމަށެވެ. އެގޮތުން އެ އެގްރިމެންޓްގެ ސަބަބުން އެމެރިކާގެ ވިޔަފާރިއަށް ގެއްލުންވާނެ ކަމަށެވެ. އަދި އެމެރިކާގެ ހަކަތައިގެ މައްޗަށް އެހެން ގައުމުތަކަށް އަތްގަދަ ނުކުރެވޭނެ ކަމަށާއި އެކަން އެގޮތަށްވިޔަ ނުދޭނެ ކަމަށް ޓްރަމްޕް ވިދާޅުވި އެވެ.

ޕެރިސް އެގްރީމަންޓުގެ ތެރޭގައި ޖައްވަށް ބޭރުކުރާ ގްރީން ހައުސް ގޭހުގެ މިންވަރު މަދުކޮށް ބެލެންސް ކުރުމާއި ފިނިހޫނުމިން ދެ ޑިގްރީ ސެލްސިއަސް އަށް ވުރެ ދަށްކުރުން ގުޅިގެން މަސައްކަތް ކުރުން ހިމެނެ އެވެ. މިމަސައްކަތް ކުރިޔަށް ދާގޮތް ރާއްޖެއިން ވެސް ކޮންމެ ފަސް އަހަރަކުން މުތޯލިއާ ކުރަން ޖެހޭ އިރު 2020 ގެ ފަހުން ތަރައްގީވަމުން އަންނަ ގައުމުތަކަށް އަހަރަކު 100 ބިލިއަން ޑޮލަރުގެ އެހީ ލިބެ އެވެ.