ހަބަރު

ދިވެހިންނަށް ޗައިނާއިން އޮންއެރައިވަލް ވިސާ ހަމަޖެހޭނެ ކަމަށް އުންމީދު ކުރަން: ސަފީރު

ޗައިނާއަށް ދާ ދިވެހިންނަށް އޮންއެރައިވަލް ވިސާ ލިބޭނެ އިންތިޒާމް ހަމަޖެހޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށް، ޗައިނާގައި ހުންނަވާ ދިވެހި ސަފީރު، މުހައްމަދު ފައިސަލް ވިދާޅުވެއްޖެ އެވެ.

ޗައިނާގެ ގްލޯބަލް ޓައިމްސް ނޫހަށް ދެއްވި އިންޓަވިއުއެއްގައި، ފައިސަލް ވިދާޅުވީ ޗައިނާޢަށް ދާ ދިވެހިންނަށް، އެ ގައުމުން ދޭ 72 ގަޑިއިރު އޮންއެރައިވަލް ވިސާ ލިބުމަކީ ލިބޭނެ ވަރަށް ބޮޑު ފަސޭހައެއް ކަމަށެވެ. އަދި އެކަމަށް ޓަކައި މަސައްކަތް ކުރައްވާނެ ކަމަށް ފައިސަލް ވިދާޅުވި އެވެ. ޗައިނާއަށް ދިޔުމަށް ޓަކައި ދިވެހިން މިހާރު ދުރާލާ ވިސާ ނަގަން ޖެހެ އެވެ.

ޗައިނާ އާއި ރާއްޖޭގެ ގުޅުން އިތުރަށް ރަނގަޅު ކުރުމުގެ ގޮތުން ދެ ގައުމުގެ ދެމެދުގައި ދަތުރުކުރާ ފްލައިޓްތައް އިތުރު ކުރަން ޖެހޭ ކަމަށް ފައިސަލް ވިދާޅުވި އެވެ. އަދި ރާއްޖޭގެ މަހުގެ އުފެއްދުންތައް ޗައިނާއަށް އެކްސްޕޯޓް ކުރެވޭނެ ފަސޭހަ އިންތިޒާމްތަކެއް ހަމަޖެއްސުމުގެ މުހިންމު ކަމަށް ވެސް ސަފީރު ވިދާޅުވި އެވެ.

ޗައިނާގެ އިންވެސްޓްމަންޓްތައް ރާއްޖޭގައި އިތުރު ކުރުމުގެ މުހިންމުކަން ފާހަގަ ކުރައްވަމުން ފައިސަލް ވިދާޅުވީ ޗައިނާގެ ގިނަ ކުންފުނިތަކަކަށް ރާއްޖޭގައި އިންވެސްޓް ކުރެވޭނެ ދާއިރާތަކާއި ފުރުސަތުތައް ގިނަ ކަމަށެވެ. އަދި ޗައިނާގެ އިންވެސްޓްމަންޓްތައް ރާއްޖޭގައި ގިނަ ކުރުމަށް މަރުހަބާ ކިޔާ ކަމަށް ވެސް ވިދާޅުވި އެވެ. އަދި ސިލްކް ރޫޓްގެ ތެރެއިން ޗައިނާ އާއި ރާއްޖޭގެ އިންވެސްޓްމަންޓްތައް އިތުރު ކުރެވޭނެ ކަމުގެ ޔަގީންކަން އޮތް ކަމަށް ވެސް ފައިސަލް ވަނީ ވިދާޅުވެފަ އެވެ.

"ރައީސް ޔާމީން ޗައިނާއަށް ކުރެއްވި ދަތުރުފުޅާއި ޗައިނާގެ ރައީސް ޝީ ޖިންޕިން ރާއްޖެއަށް ކުރެއްވި ދަތުރުފުޅަށް ފަހު މި ދެ ގައުމުގެ ގުޅުން މި ވަނީ އިތުރަށް ބަދަހިވެފައި. އެ ގުޅުން އިތުރަށް ކުރިއަށް ގެންދިޔުމަށް މި ވަނީ ފުރުސަތުތަކެއް ލިބިފައި. މިއަހަރަކީ ވެސް ދެ ގައުމުގެ ގުޅުމަށް އަނެއްކާ ވެސް އިތުރު ބަދަހިކަމެއް އަންނާނެ އަހަރުތަކެއް،" ފައިސަލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި މިއަހަރު ރާއްޖެ އަށް އަންނާނެ ކަމަށް އަންދާޒާ ކުރާ 1.4 މިލިއަން ޓޫރިސްޓުންގެ ތެރެއިން ބޮޑު ބައެއް އަންނާނީ ޗައިނާއިންނެވެ. އަދި ދެ ގައުމުގެ ދެމެދުގައި ޓޫރިޒަމް މިހާރަށް ވުރެ ބޮޑަށް ތަރައްގީ ކުރުމުގެ މުހިންމުކަން ބޮޑު ކަމަށް ވެސް ފައިސަލް ވިދާޅުވި އެވެ. އަދި ދެ ގައުމަށް ޒިޔާރަތް ކުރާ ޓޫރިސްޓުންގެ މެދުގައި، ދެ ގައުމުގެ ޝަގާފަތް ހިއްސާ ކުރުމުގެ މުހިންމުކަން ވެސް ބޮޑު ކަމަށް ވިދާޅުވި އެވެ.