ދުނިޔެ

މި ސަރަހައްދުގެ މަސައްކަތު މީހުންނަށް ސައުދީގައި ޖައްސާ ހާލު!

ދެކުނު އޭޝިއާގެ މީހުންނަށް ސައުދި އަރަބިއްޔާގައި އިހާނެތި ގޮތްތައް ހަދާ ވާހަކައަކީ މިދުވަސްވަރު ވަރަށް ބާރަށް ދެކެވެމުން އަންނަ ވާހަކައެކެވެ. މި ވާހަކަ ސަމާލުކަމަށް ގެނެސްފައިވަނީ އިންޑިއާއިންނެވެ.

އިންޑިއާގެ ހާރިޖީ ވަޒީރާ ޝުޝްމާ ސްވަރާޖް މިދިޔަ ހަފުތާގެ ތެރޭގައި ވިދާޅުވެފައިވަނީ ސައުދި އަރަބިއްޔާއަށް ވަޒީފާ އަދާކުރުމަށް ދާ އިންޑިއާ އަންހެނުންނަށް އެ ގައުމުން ވަރަށް ބޮޑަށް އިހުމާލުވަމުންދާ ކަމަށެވެ. އެގޮތުން ސައޫދި އަރަބިއްޔާއަށް ގެންދާ އިންޑިއާގެ ނަރުހުން ފަދަ މީހުން އެއް ކުންފުނިން އަނެއް ކުންފުންޏަށް ވިއްކުން ވެސް އާންމުވެފައިވާ ކަމަށެވެ.

މީގެއިތުރުން ގެންދާ މަސައްކަތް ނޫން އެހެން މަސައްކަތްތައް ކުރުވުމާއި ގޭގައި އަޅުންގެ ގޮތުގައި ގެންގުޅުން ވެސް ސައުދީގައި އާންމުވެފައިވާ ކަމަށް އިންޑިއާއިން ވަނީ ތުހުމަތުކޮށްފަ އެވެ. އަދި އެގޮތަށް މަސައްކަތުދާ މީހުންނަށް މުސާރަ ނުދޭ މައްސަލަ ވެސް އިންޑިއާއިން ވަނީ ދުނިޔޭގެ ސަމާލު ކަމަށް ގެނެސްފަ އެވެ.

އިންޑިއާއިން ސައުދި އަރަބިއްޔާއަށް ބޮޑެތި ތުހުމަތުތަކެއް ކޮށްފައިވަނިކޮށް އެ ގައުމުން ވަނީ އެ ތުހުމަތުތައް ދޮގުކޮށްފަ އެވެ. ސައުދީގެ އެންމެ ބޮޑު އެއް ރެކްރޫޓްމެންޓް ކުންފުނީގެ ވެރިޔާ ސައުދުލްބައްދާހް ވިދާޅުވެފައިވަނީ، ނަރުހުންނާއި ޑޮކްޓަރުން ފަދަ ވަޒީފާތަކުގައި އިންޑިއާގެ އަންހެނުން މަސައްކަތްކުރާ ކަމަށާއި ނަމަވެސް ގޭގައި ހާދިމުންގެ ގޮތުގައި އިންޑިއާގެ އަންހެނުން ނޫޅޭ ކަމަށެވެ.

ސައުދި އަރަބިއްޔާއިން މިހެން ބުނެފައިވަނިކޮށް، އަނެއްކާވެސް މިވަނީ މިފަދަ މައްސަލައެއް ފެންމަތިވެފަ އެވެ. އެއީ ސައުދީގައި 13 އަހަރުވަންދެން އަޅެއްގެ ގޮތުގައި ގެންގުޅުނު ސްރިލަންކާ އަންހެނެއްގެ މައްސަލަ އެވެ. އާސިއާ އުއްމަ ނަމަކަށްކިޔާ މި މީހާ މީގެ 13 އަހަރު ކުރިން ސައުދީއަށް ގެންގޮސްފައިވަނީ ސްކޫލަށްދާ ތިން ކުދިން ބެލެހެއްޓުމަށެވެ. އޭނާ ދިޔައީ މަހު މުސާރައެއްގެ ގޮތުގައި 400 ރިޔާލު ލިބޭ ގޮތަށެވެ.

އެހެންނަމަވެސް އެ އަންހެން މީހާގެ ނަސީބު ވަރަށް ދެރަ އެވެ. ތޭރަ އަހަރު ވަންދެން އެ އަންހެން މީހާ އުޅިފައިވަނީ އެއްވެސް މުސާރައެއް ނުލިބި، އަޅެއްގެ ގޮތުގަ އެވެ.

ލަންކާގެ އަންހެން މީހާއަށް އެއްވެސް މުސާރައެއް ނުދީ އަޅެއްގެ ގޮތުގައި ގެންގުޅެމުންދާކަން ފަޅާއަރާފައިވަނީ އެ އަންހެން މީހާގެ ޕާސްޕޯޓް އާ ކުރަން އައުމުންނެވެ. ސައުދީގައި ހުންނަ ލަންކާގެ އެމްބަސީއިން އަންހެން މީހާއާ ބެހޭ އިތުރު މައުލޫމާތު ހޯދުމަށްފަހު އެ މައްސަލަ ވަނީ ފުލުހުންނަށް ހުށަހަޅާފަ އެވެ.

މައްސަލަ ބެލުމަށްފަހު ސައުދީގެ ހައިކޯޓުން ވަނީ އެ އަންހެން މީހާ އެގައުމަށް ގެނައި މީހާއަށް 13 އަހަރަށްވީ ފައިސާއަށް އަންހެން މީހާއަށް ދައްކާ ހަލާސްކުރުމަށް އަމުރުކޮށްފަ އެވެ. އެއީ، 66,800 ރިޔާލެވެ.

ތޭރަ އަހަރު އަޅުވެތިކަމުގައި އުޅެން ޖެހުމުން އަންހެން މީހާ ވަނީ އޭނާގެ މާދާރީ ބަސް ކަމަށް ޓަމިލް އެއްކޮށް ހަނދާން ނެތިފަ އެވެ. މިހާރު އޭނާއަށް ވާހަކަ ދައްކަން އެނގެނީ އަރަބި ބަހުންނެވެ. މިހާރު އޭނާ ހުރީ އާއިލާއާއެކު ލަންކާގަ އެވެ. އޭނާ ސަލާމަތްކުރުމަށް ލަންކާ އެމްބަސީއިން ކޮށްދިން މަސައްކަތަށް އޭނާ ވަނީ ޝުކުރުއަދާކޮށްފަ އެވެ.