ބޮލީވުޑް

ޖޯން އެދެނީ ބިޕާޝާ އަށް ބާއްޖަވެރި ކައިވެންޏަކަށް

May 29, 2016

ބޮލީވުޑްގެ މަޝްހޫރު ބަތަލާ ބިޕާޝާ ބާސޫ ވަނީ ލޯބީގެ ގޮތުން އެތަކެއް މީހުންނާއި ގުޅިގެން އުޅެފަ އެވެ. ބައެއް ފިލްމީ ތަރިންނާއި އަދި ފިލްމީ ދާއިރާގައި ހަރަކާތްތެރިވި މީހުންނާ ވެސް ބިޕާޝާ ލޯބީގެ ގޮތުން ގުޅިގެން އުޅެފައިވާއިރު، އޭނާގެ ހުރިހާ ލޯބީގެ ގުޅުންތަކުގެ ތެރެއިން އެކްޓަރު ޖޯން އަބްރަހަމް އާއި ބިޕާޝާގެ ގުޅުމަށް ވަނީ އެތަކެއް ބައެއްގެ ސަމާލުކަން ލިބިގެން ގޮސްފަ އެވެ.

ގާތްގަނޑަކަށް ނުވަ އަހަރު ވަންދެން މިދެތަރިން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށްފަހު ރުޅިވެ، ޖޯން ވަނީ 2014 ވަނަ އަހަރު ކައިވެނިކޮށްފަ އެވެ. އަދި ބިޕާޝާ ވެސް ވަނީ މިދިޔަ މަހުގައި އެކްޓަރު ކަރަން ސިންގް ގްރޯވަރާ ކައިވެނިކޮށްފަ އެވެ.

ބިޕާޝާ އާއި ކަރަންގެ ކައިވެނީގެ ހަފްލާގައި ބޮލީވުޑްގެ ނަން މަޝްހޫރު ގިނަތަރިންނެއް ވަނީ ބައިވެރިވެފަ އެވެ. އޭގެތެރޭގައި ބިޕާޝާގެ ކުރީގެ ލޯބިވެރިޔާ ޑީނޯ މޯރީއޯ ވެސް ހިމެނެ އެވެ.

ޖޯން އާއި ބިޕާޝާ ރުޅިވެ، ޖޯން ކައިވެނިކޮށްފައިވީ ނަމަވެސް އަބަދުވެސް ބިޕާޝާއާ ބެހޭގޮތުން ޖޯން އާއި ސުވާލުތައް އަންނަނީ ކުރިމަތިވަމުންނެވެ. އެގޮތުން މިފަހުން ޖޯން އާއި ވަނީ ބިޕާޝާ އާއި ކަރަންގެ ކައިވެންޏާއި ބެހޭގޮތުން ވެސް ސުވާލުކޮށްފަ އެވެ. އެކައިވެންޏާއި ބެހޭގޮތުން ސުވާލުކުރުން ޖޯން ވަނީ އޭނާ އެދެނީ ބިޕާޝާ އާއި ފިރިމީހާ ކަރަން އަށް އުފާވެރި ހަޔާތަކަށް ކަމަށް ބުނެފަ އެވެ.

ނުވަ އަހަރުވީ ލޯބީގެ ގުޅުން ޖޯން އާއި ބިޕާޝާ ނިމުމަކަށް ގެނައި ސަބަބެއް މިދެތަރިންކުރެ އެކަކުވެސް ހާމަކޮށްފައެއް ނުވެ އެވެ. ނަމަވެސް ޖޯން ބިޕާޝާ އަށް ބާއްޖަވެރި ކައިވެންޏަކަށް އެދެމުން އޭނާގެ ހިތުގައި ބިޕާޝާއާ މެދު އެއްވެސް ރުޅިވެރިކަމެއް ނެތްކަން ހާމަވެ އެވެ.

ޖޯން ދެން އެންމެ އަވަހަށް ފެނިގެންދާނީ ވަރުން ދަވަން އާއި ޖެކުއަލީން ފާނެންޑޭޒްއާ އެކު "ޑިޝޫމް" އިންނެވެ.