ބޭރު ކުޅިވަރު

ލެވޮންޑޯސްކީ ގަތުމަށް ރެއާލްއިން މަސައްކަތް ފަށައިފި

ޕޮލެންޑްގެ ފޯވަޑް ރޮބަޓް ލެވޮންޑޯސްކީ ގަތުމަށް ސްޕޭނުގެ ރެއާލް މެޑްރިޑުން މަސައްކަތް ފަށައިފި އެވެ.

ޖަރުމަނުގެ ބަޔާން މިއުނިކަށް ކުޅޭ ފޯވަޑްގެ އެޖެންޓް ބުނީ ރެއާލްއާއެކު މަޝްވަރާކުރިކަން ބަޔާން އަށް ވެސް އަންގާފައިވާނެ ކަމަށެވެ.

ރެއާލްއިން ލެވޮންޑޯސްކީ ގަންނަން ބޭނުންވަނީ އެކުލަބުގެ މިހާރުގެ އެއްވަނަ ފޯވަޑް ކަރީމް ބެންޒެމާ ވިއްކާލަން ބޭނުންވާތީ އެވެ.

"ރެއާލް މެޑްރިޑުން ވަނީ އަހަރުމެންނާ ވާހަކަ ދައްކާފައި. އެމީހުން ދެއްކި ހުރިހާ ވާހަކައެއް އަހަރުމެން އަޑުއެހިން. އެއީ ވަރަށް ބޮޑު އަދި ވަރަށް ކާމިޔާބު ކުލަބެއް. އަހަރުމެން ވިސްނާނަން އެމީހުން ދެއްކި ވާހަކަތަކަށް. އަދި އެމީހުންގެ ވާހަކަތައް ވާނީ ބަޔާން އަށް ކިޔާދީފައި،" ލެވޮންޑޯސްކީ އެޖެންޓް ބުންޏެވެ.

ލެވޮންޑޯސްކީ އަކީ ޖަރުމަނު ލީގުގައި އެންމެ އަވަހަށް 100 ގޯލު ހަމަކުރި ބިދޭސީ ކުޅުންތެރިޔާ އެވެ. އޭނާ ވަނީ ހުސްވި ސީޒަނުގައި ޖަރުމަނު ލީގުގެ ރަންބޫޓު ހޯދައިފަ އެވެ. އަދި ނުވަ މިިނިޓް ތެރޭގައި ފަސް ގޯލު ޖަހައިގެން ރެކޯޑް ހަދައިފަ އެވެ.