ހަބަރު

ނޮޅިވަރަމް މީހުންނަށް ފެނުނީ މަރުވެފައި އޮތް ކިނބުލެއް

ހދ. ނޮޅިވަރަމަށް މަރުވެފައި އޮތް ކިނބުމެއް ލައްގާފައިވާ ކަމަށް އެ ރަށު ކައުންސިލުން ބުނެފި އެވެ.

ރަށު ކައުންސިލްގެ ނައިބު ރައީސް އަބްދުﷲ ޝަރީފް ވިދާޅުވީ މަރުވެފައި އޮތް ކިނބޫ ލައްގާފައި ވަނީ އެ ރަށުގެ ދެކުނު ފަރާތު ގޮޑުދޮށަށް ކަމަށެވެ. އަދި އެ ކިނބޫލައްގާފައި އޮއްވާ ފެނިފައި ވަނީ ހެނދުނު 10:00 އެހާކަންހާއިރު އަތިރި މައްޗަށް ނިކުމެ އުޅުނު ބަޔަކަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. 

އޭނާ ވިދާޅުވި ގޮތުގައި މަރުވެ ގިނަ ދުވަސްވުމުގެ ސަބަބުން ކިނބޫ އޮތީ ވަރަށް ބޮޑަށް ހަލާކުވެ، ކުނިވެފަ އެވެ.

"އެއީ ކިނބުލެއް ހަމަ ޔަގީންވޭ. އެހެންނަމަވެސް މަރުވެ ގިނަ ދުވަސްވެފައި ވަނީ. ވަރަށް ރީއްޗަށް އެއީ ކިނބުލެއްކަން އެނގޭ،" ޝަރީފް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކިނބޫ ވަޅުލުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށެވެ. އަދި ފުލުހުންނަށް ވެސް އެކަން ވަނީ މިހާރު ރިޕޯޓްކޮށްފަ އެވެ. 

މިދިޔަ ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ރާއްޖޭގެ ހަތް ސަރަހައްދަކުން ކިނބޫ ވަނީ ފެނިފަ އެވެ. އެގޮތުން އިއްޔެ ވެސް ތިން ސަރަހައްދަކުން ކިނބޫ ފެނުނު ކަމުގެ ރިޕޯޓްތައް ވަނީ ލިބިފަ އެވެ. ސިފައިން ދަނީ ކިނބޫ ފެނޭތޯ އެ ސަރަހައްދުތައް ބަލަމުންނެވެ. އެންވަޔަރުމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ބުނެފައި ވަނީ މިދުވަސްވަރު ކިނބޫ ފެނުން އިތުރުވެފައި ވަނީ އިރުވައި މޫސުމާ ގުޅިގެން އޮޔެވަރަށް އައި ބަދަލަކާ ގުޅިގެންނެވެ. އަދި އެތަކެތި އަންނަނީ ސްރީލަންކާ އާއި އިންޑިއާގެ ސަރަހައްދުތަކުން ބެހިގެން ކަމަށް ވެސް އީޕީއޭން ވަނީ ލަފާކޮށްފަ އެވެ.