ބޮލީވުޑް

ކަންގަނާއަށް ސަޕޯޓްކޮށްގެން ފިރިމީހާ ހިތްހަމަނުޖެހުނު ކަމެއް ވިދްޔާ އަކަށް ނޭނގެ

May 30, 2016

ބަތަލާ ވިދްޔާ ބާލަން "ޓީން" ގެ ޓްރެއިލާ ލޯންޗްކުރުމަށް ބޭއްވި ހަފްލާގައި ވަނީ ކަންގަނާ ރަނާވަތު އާއި ރިތިކް ރޯޝަންގެ ދެމެދުގައި ހިނގަމުން އަންނަ ބޮޑު ކޯޅުން ގަނޑުގައި ކަންގަނާ އޭނާގެ އަމިއްލަ ނަފްސު ދިމާއުކުރުމަށް ދައްކަމުން އަންނަ ހިތްވަރަށް ސާބަސް ދޭ ކަމަށް ބުނެ، ކަންގަނާ އަށް ތާއީދުކޮށް ވާހަކަދައްކާފަ އެވެ.

ވިދްޔާ، ކަންގަނާ އަށް ތައުރީފުކޮށް އެއިވެންޓުގައި ވާހަކަދެއްކިފަހުން އެކަމާ ރިތިކް ހިތްހަމަނުޖެހި އޭނާއާ ވިދްޔާގެ ފިރިމީހާ އަދި ޕްރޮޑިއުސަރު ސިދާތް ރޯއި ކަޕޫރާ ދެމެދު ހިތްހަމަނުޖެހުންތަކެއް އުފެދުނު ވާހަކަތަކެއް ދެކެވިފަ އެވެ.

ކަންގަނާ އަށް ތާއީދުކޮށް ވިދްޔާ ވާހަކަދެއްކިއިރު، ރިތިކް އައީ ސިދާތް ޕްރޮޑިއުސްކުރާ ފިލްމު "ކާބިލް" ގެ މަންޒަރުތައް ނަގަމުންނެވެ. އަދި ވިދްޔާ ކަންގަނާ އަށް ތައުރީފުކޮށް ދެއްކި ވާހަކަތަކުގެ ސަބަބުން ސިދާތްވެސް ވިދްޔާ ދެކެ ހިތްހަމަނުޖެހުނު ކަމުގެ ވާހަކަތައް ވަނީ ދެކެވިފަ އެވެ.

ވިދްޔާ ފުރަތަމަ ކުޅުނު މަރާތީ ފިލްމު "އޭކް އަލްބޭލާ" ގެ ޓްރެއިލާ ލޯންޗްކުރުމަށް އިއްޔެ ބޭއްވި އިވެންޓްގައި ނޫސްވެރިޔަކު ވަނީ ވިދްޔާ ކުރެން ކަންގަނާ އަށް ސަޕޯޓްކޮށްގެން ފިރިމީހާ ރުޅި އައި ވާހަކަތަކެއް ދެކިވިފައިވާތީ އެއީ ހަގީގަތެއްތޯ އަހާފަ އެވެ. ޖަވާބުގައި ހިނިގަނޑެއް ޖަހާލަމުން ވިދްޔާ ވަނީ ނޫސްވެރިންނާއި ދިމާލަށް ތިމަންނައަށް އެނގިގެން އެކަހަލަ ކަމެއް ނުވާ ކަމަށް ބުނެފަ އެވެ.

"ތިމީހުން ތިބުނަނީއެއްނުން އަހަރެން ކަންގަނާ އަށް ސަޕޯޓްކުރަމޭ ބުނުމުން ސިދާތް އަހަރެން ދެކެ ރުޅިއައޭ. އަހަންނަކަށް ނޭނގެ އޭނަ އަހަރެންދެކެ ރުޅި އައި ކަމެއް" ވިދްޔާ ބުނެފައިވެ އެވެ.

ވިދްޔާ މިހެން ބުނި ނަމަވެސް ބޮލީވުޑްގެ ހަބަރުތައް ގެނެސްދޭ ވެބްސައިޓްތަކުގައިވަނީ ވިދްޔާ ކަންގަނާ އަށް ތައުރީފުކުރުމުން އެކަމާ ރިތިކް ހިތްހަމަނުޖެހުނު ކަމަށާއި އެކަމާ ގުޅިގެން ރިތިކް ސިދާތްއާ ވާހަކަދެއްކި ކަމަށެވެ. އަދި ސިދާތް އަކީ ބޮލީވުޑްގެ އެއްވެސް މީހަކާ މައްސަލަޖެހިގެން އުޅެން ބޭނުންވާ މީހެއް ނުވާއިރު، އޭނާގެ ފިލްމެއް ކުޅޭ ތަރިއަކާ ޖެހޭކަށް އަމުދުން ބޭނުމެއް ނުވާނެ އެވެ.