- އެސްޓީއޯއިން ކޮންމެ ރަށެއްގައި ބޭސް ފިހާރައެއް ހުރޭ
- މި ބޭސް ފިހާރައިން ބައެއް ޓެސްޓްތައް ހެދޭ
ބައެއް ކުދި ކުދި ޓެސްޓްތައް ހެދުމުގެ ހިދުމަތާ އެކު އެސްޓީއޯ ހެންވޭރު ބޭސް ފިހާރަ މިރޭ ހުޅުވައި ހިދުމަތް ދޭން ފަށައިފި އެވެ.
މަޖީދީ މަގުން، ޕީޖީ އޮފީހާ ޖެހިގެން ހުންނަ މި ބޭސް ފިހާރަ ހުޅުއްވައިދެއްވީ، އެސްޓީއޯގެ ޗެއާމަން އަހުމަދު ނިޔާޒެވެ. ޒަމާނީ ފެންވަރަށް ހަދާފައިވާ، އެ ބޭސް ފިހާރައިގައި ބޮޑީމާސް އިންޑެކްސް ޓެސްޓާއި ޕްރެޝަރު ބެލުން ފަދަ ޓެކްސްޓްތައް އެތަނުން ހިލޭ ކުރެވެ އެވެ. އަދި އާސަންދައިގެ ދަށުން އެ ފިހާރައިން ބޭސް ލިބޭނެ އެވެ.
އެސްޓީއޯގެ ޗެއާމަން އަހުމަދު ނިޔާޒު ވިދާޅުވީ އެ ބޭސްފިހާރަ ހުޅުވުމަކީ ރާއްޖޭގެ ރައްޔިތުންނަށް އަގުހެޔޮކޮށް ފަސޭހައިން ބޭސް ލިބޭނެ އިންތިޒާމް ހަމަޖެއްސުމަށް މި ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ދަށުން އެސްޓީއޯ އިންކުރިއަށް ގެންދިޔަ ކަމެއް ކަމަށެވެ.
"ރާއްޖޭގެ ހުރިހާ އެސްޓީއޯއިން ވަނީ ބޭސް ފިހާރަ ހުޅުވާފަ. މިހާރު އެ ބޭސް ފިހާރަތަކުން ހުރިހާ ރައްޔިތުންނަށްވެސް ހިދުމަތް ލިބެމުންދާނެ،" ނިޔާޒު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މިރޭ ހުޅުވޭ ބޭސް ފިހާރައަކީ އެހެން ބޭސް ފިހާރަތަކަށްވުރެ ފެންވަރު ރަނގަޅު ބޭސް ފިހާރައެއް ކަމަށެވެ.
"މިތަނުން ބޮޑީ މާސް އިންޑެކްސްއާއި ބްލަޑް ޕްރެޝަރު ބެލޭނެ. ނިއުޓްރިޝަންއާ ބެހޭ މައުލޫމާތުވެސް ލިބޭނެ،" ނިޔާޒު ވިދާޅުވި އެވެ.
އެގޮތުން މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި މިހާރު އެސްޓީއޯގެ ބޭސްފިހާރައެއް ހުންނަކަން އޭނާ ފާހަގަ ކުރެއްވި އެވެ. އަދި އެ ތަންތަނުން އަގުހެޔޮކޮށް ބޭސް ލިބޭ އިރު، އާސަންދައިން ބޭސް ލިބޭނެ ކަން ވެސް އޭނާ ފާހަގަ ކުރެއްވި އެވެ.
ނިޔާޒު ވިދާޅުވީ ބޭސް ފިހާރަ މަޝްރޫއު ނިންމާލުމުގައި ރައީސް ޔާމީން އަބްދުލް ގައްޔޫމް މުހިންމު ދައުރެއް އަދާކުރެއްވި ކަމަށެވެ.
"ސިއްހީ ހިދުމަތް ފުޅާ ކުރުމަށް މުސްތަގުބަލުގައިވެސް ގިނަ ކަންތައްތަކެއް ކުރާނެ،" ނިޔާޒު ވިދާޅުވި އެވެ.
އެސްޓީއޯއިން މިރޭ ބޭއްވި ރަސްމިއްޔާތުގައި ތެލެސީމިޔާ ސެންޓަރުގެ ތިން ޕޭޝަންޓުންނަށް ކްރޯނޯ ޕަންޕު ހަވާލުކޮށްފައިވެއެވެ. އަދި މީގެ އިތުރުން ބްލަޑް ސާވިސް އާއި ނަމަނަ ވެއްޓަށްވެސް އެހީއެއް ދީފައިވެ އެވެ.
އެސްޓީއޯގެ ބޭސްފިހާރައެއް މާލޭގައި މިވަގުތު ހުންނަނީ އައިޖީއެމްއެޗްގެ ތެރޭގަ އެވެ. އެސްޓީއޯ އަކީ ރާއްޖެއަށް ފުޅާދާއިރާއެއްގައި ބޭސް ސަޕްލައި ކުރާ އެއް ކުންފުންޏެވެ.