ހަބަރު

އެސްޓީއޯއިން މެޑިކަލް ވެއާހައުސްއެއް ގާއިމް ކުރަނީ

އެސްޓީއޯ އިން ރާއްޖެ އެތެރެކުރާ ބޭސްތައް އެއްތަނެއްގައި ރައްކާ ކުރާނެ މެޑިކަލް ވެއާ ހައުސްއެއް މި އަހަރުގެ ތެރޭގައި ހަދާނެ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

ސަރުކާރުގެ ވިޔަފާރި ކުންފުނިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު ވިދާޅުވީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެސްޓީއޯގެ 187 ބޭސްފިހާރަ ހިނގާއިރު އެ ފިހާރަތަކަށް ބޭސް ފޯރު ކޮށްދިނުމަށް ވަރަށް ގިނަ ގޮންޖެހުންތައް ހުންނަ ކަމަށެވެ.

އަދި ވިދާޅުވީ ރާއްޖެ އެތެރެކުރާ ބޭސްތައް ރަށްރަށަށް ފޮނުވަން ޖެެހެނީ ވަކި ވަކި ވެއާ ހައުސްތަކެއްގައި ބަހައްޓައި ބަންދު ކޮށްގެން ކަމަށާއި އޭގެ ބަދަލުގައި މިހާރު އެސްޓީއޯއިން އަމާޒު ހިފާފައި ވަނީ ރާއްޖެ އެތެރެކުރާ ހުރިހާ ބޭހެއް އެއްތަނެއްގައި ރައްކާކޮށް ރަށްރަށަށް އެ ވަގުތަށް ބޭނުންވާ ބޭސް ލަސްނުކޮށް ފޮނުވުމަށް އޮޓޮމޭޓެޑް ވެއާހައުސްއެއް ގާއިމް ކުރާށެވެ.

"މިހާރު ބޭސްތައް އެކި އެކި ވެއާ ހައުސްތަކުގައި ހުންނާތީ ރަށްރަށަށް ފޮނުވުމަށް ވަގުތު ނަގާ. ގާތްގަނޑަކަށް ހަތެއް ނޫނީ 10 ދުވަހުގެ މުއްދަތެއް އެބަނަގާ ބޭސްތައް ރަށްރަށަށް ފޮނުވަން... މިހާރު ބޭނުން ވަނީ ވީހާވެސް އަވަހަކަށް
ރަށު ފާމަސީތަކަށް ބޭނުންވާ ބޭސް ފޯރުކޮށްދިނުމުގައި އެފިޝަންޓުކޮށް ހިދުމަތް ދިނުން،" އަމްރު ވިދާޅުވި އެވެ.

ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އެސްޓީއޯގެ ބޭސްފިހާރަ ގާއިމް ކޮށްފައިވާއިރު ރާއްޖޭގައި ހުންނަ އެހެނިހެން ބޭސްފިހާރަތަކަށް ވެސް އެސްޓީއޯއިން ބޭސް ފޯރުކޮށް ދެއެވެ. މިވަގުތު އެސްޓިީއޯ އިން ރާއްޖެ އެތެރެކުރާ ބޭސްތައް ރައްކާ ހަތަރު ވެއާހައުސް އެއްގަ އެވެ.