ބޮލީވުޑް

"ސަރްކާރް 3" ގައި ވެސް އަމީތާބް ބައްޗަން

May 30, 2016

މެގަސްޓާ އަމީތާބް ބައްޗަން ޑައިރެކްޓަރު ރާމް ގޯޕާލް ވަރްމާގެ "ސަރްކާރް" ސިލްސިލާގެ ތިން ވަނަ ފިލްމު "ސަރްކާރް 3" ގައި ފެނިގެންދާނެކަން ޔަގީންކޮށްދީފަ އެވެ.

އަމީތާބް ދެން އެންމެ އަވަހަށް ފެނިގެންދާ ފިލްމު، "ޓީން" ގެ ޓްރެއިލާ ލޯންޗްކުރުމަށް ބޭއްވި ހަފްލާގައި ވާހަކަދައްކަމުން ވަނީ މިފިލްމާއި ގުޅޭގޮތުން ރާމް ގޯޕާލްއާ މިހާރު ވާހަކަދައްކަމުން އަންނަ ކަމަށާއި ފިލްމުގެ ވާހަކައިގެ މަސައްކަތާ ގުޅޭގޮތުން މަޝްވަރާ ކުރަމުން އަންނައިރު މިފިލްމުގެ މަސައްކަތް ވެސް ވަރަށް އަވަހަށް ފެށިގެންދާނެ ކަމަށް ބުނެފަ އެވެ.

މިފިލްމާއި ބެހޭގޮތުން ވާހަކަދައްކަމުން އަމީތާބް ވަނީ މިސިލްސިލާގެ ދެވަނަ ބައި "ސަރްކާރް ރާޖް" 2008 ވަނަ އަހަރު ރިލީޒްވިފަހުން އޭނާ އާއި ރާމް ގޯޕާލްއާ ދެމެދު މައްސަލަތަކެއް ޖެހިގެން އުޅޭކަމުގެ ވާހަކަތައް ދެކެވިގެން ގޮސްފައިވީ ނަމަވެސް އެއީ ދޮގެއް ކަމަށް ބުނެފަ އެވެ.

"މީގެކުރިން އަހަރެން ހީކުރީ އެންމެ ގިނަފިލްމުތައް އެއް ޑައިރެކްޓަރަކާ އެކީ ކުޅެވިފައިވަނީ ރުޝިކޭޝް މުކަރްޖީ އާއެކީ ކަމަށް. ނަމަވެސް ފިލްމުތައް ގުނާލުމުން އެނގިއްޖެ އެންމެ ގިނަ ފިލްމުތައް ކުޅެވިފައިވަނީ ރާމް ގޯޕާލް އާއެކު ކަން" އަމީތާބް ބުނެފައިވެ އެވެ.

"ސަރްކާރް" ގެ ފުރަތަމަ ބައި އަދި ދެވަނަ ބައިގައިވެސް ފެނިގެން ގޮސްފައިވަނީ އަމީތާބް އެވެ. އަދި ކުރީގެ ދެފިލްމުގައި ވެސް އަމީތާބް އާއެކު ދަރިފުޅު އަބީޝެކް ބައްޗަން ވެސް ފެނިގެން ގޮސްފައިވާއިރު، ދެވަނަ ބައިގައި ދަނބި ދަރިފުޅު އައިޝްވާރިޔާ ރާއީ ވެސް ވަނީ ފެނިގެން ގޮސްފަ އެވެ.

ދެހާސް ފަސް ވަނަ އަހަރުން ފެށިގެން ނެރެމުން އަންނަ މިސިލްސިލާގެ ފިލްމުތަކަކީ އިންޑިއާގެ ސިޔާސީ މަސްރަހުގައި ހިނގާ ޖަރީމާތަކަށް އަލިއަޅުވާލައިގެން އުފައްދާފައިވާ ފިލްމުތަކެކެވެ.

"ސަރްކާރް 3" ގެ މަންޒަރުތައް ނެގުމަށް ހަމަޖެހިފައިވަނީ މުމްބައިގެ އިތުރުން ލަންޑަންގަ އެވެ.