އަހަރުތަކެއްގެ މެދު ކެނޑުމަކަށްފަހު ޔާރާ ޕްރޮޑަކްޝަނުން ތަފާތު ފިލްމެއްގެ މަސައްކަތް ފަށައިފި އެވެ."ވިޝްކާ"ގެ ނަމުގައި ހަދާ މި ފިލްމަކީ ކްރައިމް ޑްރާމާއެއް ގޮތަށް ޖޮންރާއަށް ފިޓުކޮށްފައިވާ ފިލްމެކެވެ. މި ފިލްމަކީ ރާއްޖޭގެ މިހާރުގެ މުޖުތަމައުގައި ހުރި މައްސަލަތަކުގެ މައްޗަށްވެސް އަލިއަޅުވާލައިގެން ތައްޔާރުކޮށްފައިވާ ފިލްމެކެވެ. އައިޝަތު ރިޝްމީ ޕްރޮޑިއުސްކޮށް ރަވީ ފާރޫގު ޑައިރެކްޓްކުރާ މި ފިލްމުގެ ޝޫޓިން މިހާރުވަނީ ނިންމާލާފަ އެވެ.
ރިޝްމީ، ސައީދު އަދި ރަވީ ފެނިގެންދާ މި ފިލްމާ ބެހޭގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެމުން ޕްރޮޑަކްޝަން ޓީމުން ބުނީ މި ފިލްމުގައި ރާއްޖޭގެ މިހާރުގެ މަސްރަހު ވަރަށް ރަނގަޅަށް ފެނިގެންދާނެ ކަމަށާއި ސިޔާސީ މަސްރަހު އަދި މާރާމާރީގެ މައްސަލަތަކަށްވެސް އަލިއަޅުވާލާފައިވާނެ ކަމަށެވެ.
"މިއީ ވަރަށް ސެންސިޓިވް ތީމް އަކަށް ހަދާ ފިލްމެއް، ފުލުހުންނާވެސް ވަރަށް ބޮޑަށް ބައެއް ސީންތައް ވަރަށް ބޮޑަށް މަޝްވަރާކޮށްފައި، އެއީ ފުލުހުންނާއި އެމްއެންޑީއެފް އަދި ރެޑްކްރެސެންޓުގެ އެހީތެރިކަން ވަރަށް ބޮޑަށް ލިބުނު. ފަހަރުގައި އަޅުގަނޑުމެންނަށް މައްސަލައަކަށް ނުވެފައި، ފުލުހުންނަށްވެސް މައްސަލައަކަށް ނުވިޔަސް އާންމު ރައްޔިތު މީހާއަށް ވެދާނެ މައްސަލަ އަކަށް. އެހާވެސް ސެންސިޓިވް ތީމެއް މީ" ފިލްމުގެ ޕްރޮޑަކްޝަން ޓީމުގެ ފަރާތުން ރަވީ ބުންޏެވެ.
އަންނަ އޮގަސްޓު މަހު ރިލީޒްކުރަން ހަމަޖެހިފައިވާ މި ފިލްމު އަޅުވަން އަދި ހަމަޖެހިފައި އޮތީ ޝުވެކް ސިނަމާގަ އެވެ. ހުސް އެންޓި ހީރޯއިން ފެނިގެންދާ މި ފިލްމާ ބެހޭގޮތުން ފިލްމުގެ ތަރި ސައީދު ބުނީ މިއީ ފިލްމީ ދާއިރާގައި އޭނާ ހޭދަކުރި 19 އަހަރުގައިވެސް ކުރެވުނު އެންމެ ތަފާތު ތަޖުރިބާ ކަަމަށެވެ.
މި ފިލްމުގައި މުޅިން އަލަށް ފިލްމީ ދާއިރާއަށް ނުކުންނަން ބޭނުންވާ ފަރާތްތަކަށް އެފުރުސަތު ހޯދައިދީފައިވެ އެވެ. އެގޮތުން ފިލްމުގެ ޓެކްނިކަލް ހުރިހާ ކަމެއްވެސް ކުރަނީ މަދޮޝިޕްގެ ފަރާތުނެނެވެ. މަދޮޝިޕުން ވަނީ މީގެކުރިންވެސް ފިލްމީ ދާއިރާގައި ހަރަކާތްތެރިވެފަ އެވެ. ނަމަވެސް މިއީ ފީޗާ ފިލްމެއްގައި އެކުންފުނިން މަސައްކަތް ކުރި ފުރަތަމަ ފަހަރެވެ. އަދި ފިލްމުގެ ސަޕޯޓިން ރޯލްތަކުންވެސް އާ ކުދިން ފެންނައިރު ފިލްމުގެ ސްޓައިލިސްޓުންނާއި މޭކަޕް އާޓިސްޓުންގެ ގޮތުގައިވެސް ހަރަކާތްތެރިވެފައިވަނީ ފިލްމީ ދާއިރާއަށް މުޅިން އަލަށް ނުކުތް ފަރާތްތަކެއް ކަމަށް ޕްރޮޑަކްޝަން ޓީމުން މައުލޫމާތުދެ އެވެ.
ލިޕްސިންކް ކުރާ އެއް ލަވަ މި ފިލްމުގައި ހިމެނޭއިރު މިއީ އަބުދުﷲ ވިޝާމްގެ ވާހަކައަކަށް މަހުދީ ސްކްރީންޕްލޭ ތައްޔާރުކޮށްފައިވާ ފިލްމެއް ކަމަށްވެ އެވެ. އެ ލަވައިގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވަނީ ސިމްބޮލިކް ރިކޯޑްސް އިންނެވެ. ޔާރާ ޕްރޮޑަކްޝަނުން މިއަދު ވަނީ "ވިޝްކާ" ގެ ޓީޒާވެސް ލޯންޗުކޮށްފަ އެވެ.
ޔާރާ ޕްރޮޑަކްޝަނުން އެންމެ ފަހުން ފިލްމެއް ޕްރޮޑިއުސްކޮށްފައިވަނީ 2011 ވަނަ އަހަރެވެ