ބޮލީވުޑް

ސަނީ ލިއޯނީ ދެން ފެންނާނީ އަރްބާޒް ޚާން އާއެކު

May 31, 2016

ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ބޮޑު މަގުބޫލުކަމެއް ހޯދި ބޮލީވުޑްގެ ބަތަލާ ސަނީ ލިއޯން މިފަހުން ޓޯލްކް ޝޯއެއްގައި ވަނީ ބޮލީވުޑްގެ މަޝްހޫރު ތަރިންނާއެކު ފިލްމު ކުޅެން ބޭނުންވާ ކަމުގެ ޝައުގުވެރިކަން ފާޅުކޮށްފަ އެވެ.

ސަނީ މިހެން ބުނިތާ ދުވަސްކޮޅެއްގެ ތެރޭގައި ވަނީ ސުޕަސްޓާ ޝާހްރުކް ޚާން އާއެކު "ރައީސް" ގެ އައިޓަމް ލަވައެއް ކުޅުމުގެ ފުރުސަތު ލިބިގެން ގޮސްފަ އެވެ. އަދި ބައެއް އެހެނިހެން ތަރިން ވެސް ވަނީ ސަނީ އާއެކު ފިލްމު ކުޅުމުގެ ޝައުގުވެރިކަން ފާޅުކޮށްފަ އެވެ.

ބޮލީވުޑްގެ ހަބަރުތައް ބުނާގޮތުން ސަނީ ދެން އެންމެ އަވަހަށް ފެނިގެންދާނީ ސަލްމާން ޚާންގެ ކޮއްކޮ އަރްބާޒް ޚާން އާއެކު ކުޅޭ ފިލްމަކުންނެވެ. މިހާރު އެމްޓީވީ އިން ދައްކަމުން އަންނަ ރިއަލިޓީ ޝޯ ސްޕްލިޓްވިލާގެ ނުވަ ވަނަ ސީޒަންގެ މަންޒަރުތައް ސަނީ ނަގަމުން އަންނައިރު، އަރްބާޒް އާއެކު ކުޅޭ ފިލްމުގެ ޝޫޓިން ފެށުމަށް ހަމަޖެހިފައިވަނީ އޮގަސްޓް މަހުގެ ތެރޭގަ އެވެ.

މިފިލްމުގެ ލީޑްރޯލުގައި ސަނީ ހިމަނަން ފިލްމު އުފައްދާ ފަރާތުން އޭނާ ބޭނުންވެގެން އޭނާއާ ވާހަކަދައްކަމުން އަންނަނީ މިދިޔަ އަހަރު ނިކުތް "ރާގިނީ އެމްއެމްއެސް 2" ރިލީޒްވި ހިސާބުން ފެށިގެންނެވެ. ނަމަވެސް މިފިލްމުން ރޯލެއް ހުށަހެޅުމުން ވަގުތުން ސަނީ އެރޯލު ކުޅެން އެއްބަސްވެފައި ކަމަށް ފިލްމު އުފައްދާ ފަރާތުން ވަނީ ބުނެފަ އެވެ. އަދި އަރްބާޒް ވެސް މިފިލްމު ކުޅެން އެއްބަސްވެފައިވާ ކަމަށް ވެސް ވަނީ ބުނެފަ އެެވެ.

މުޅިން އަލަށް ޑައިރެކްޝަންގެ ގޮނޑީގައި އިށީންނަ ރާޖީވް ވާލިއާ ޑައިރެކްޓްކުރާ "ތޭރާ އިންތިޒާރް" ކިޔާ މިފިލްމުގައި އަރްބާޒް ފެނިގެންދާނީ ސަނީގެ ލޯބިވެރިޔާގެ ގޮތުގަ އެވެ. މިފިލްމުގެ މަންޒަރުތައް ނެގުމަށް ހަމަޖެހިފައިވަނީ އިންޑިއާގެ ގުޖްރާތްގެ ކަޗްގެ އިތުރުން ކޮންމެވެސް އެހެން ގައުމެއްގަ އެވެ.

"ޖިސް 2" އިން ސަނީ ބޮލީވުޑަށް ތައާރަފުވެފައިވަނީ 2012 ވަނަ އަހަރު އެވެ.