ބޮލީވުޑް

މިދުވަސްވަރު އަނިލް ކަޕޫރަށް އަބަދު އެއް ސުވާލެއް!

May 31, 2016
1

މަޝްހޫރު އެކްޓަރު އަނިލް ކަޕޫރުގެ އަންހެން ދަރިފުޅު ސޯނަމް ކަޕޫރަކީ ބޮލީވުޑްގެ ބަތަލާއިންގެ ތެރެއިން އެންމެ ނަން މަޝްހޫރު ތަރިންގެ ތެރޭގައި ހިމެނޭ އެކަކެވެ. ދެވަނަ ދަރިފުޅު ރީއާ ކަޕޫރު ކެމެރާގެ ކުރިމަތިން ނުފެނު ނަމަވެސް ސޯނަމް އެކޭ އެއްވަރަށް މިދާއިރާގައި އޭނާ އަންނަނީ ކެމެރާގެ ފުރަގަހުގައި ހަރަކާތްތެރި ވަމުންނެވެ.

ދެން އަންހެން ކުދިން މިދާއިރާގައި މިހާރު ވިދަލާފައިވާއިރު، ބައްޕަ އާއި ދެދައްތަގެ ފިޔަވަޅުމަތިން ހަރްޝްވަރްދަން ކަޕޫރުވެސް އަންނަނީ ބޮލީވުޑަށް އުފަންވާން ތައްޔާރުވަމުންނެވެ.

ޑައިރެކްޓަރު ރާކޭޝް އޯމްޕްރަކާޝް މެހެރާގެ "މިރްޒިޔާ" އިން ހަރްޝްވަރްދަން ބޮލީވުޑަށް ތައާރަފުވާއިރު، މިއީ މިއަހަރުގައި އަލަށް ތައާރަފުވާ އެކްޓަރުންގެ ތެރެއިން އެންމެ ބެލުންތެރިން އިންތިޒާރުކުރަމުން އެކަކެވެ.

މިފަހަކަށް އައިސް އަނިލް ކަޕޫރު ކޮންމެ ތަނަކަށް ދިޔަޔަސް އޭނާއާ ކުރިމަތިވާ ސުވާލަކީ ފިރިހެން ދަރިފުޅި ހަރްޝްވަރްދަން ބޮލީވުޑަށް ނިކުތުމާ ބެހޭގޮތުންނެވެ. މިފިލްމު ރިލިޒްކުރާނެ ވަކި ތާރީހެއް ކަނޑައެޅިފައިނުވާއިރު އަނިލް ވަނީ ބެލުންތެރިން ހަރްޝްގެ ފިލްމަށް އިންތިޒާރުކުރަމުންދާކަން އެނގޭތީ އުފާކުރާ ކަމަށް ބުނެފަ އެވެ. އަދި އަނިލް ވަނީ މިހާރު އޭނާކުރެން އޭނާގެ ވާހަކައަށް ވުރެން ހަރްޝްގެ ވާހަކަ އަހާ ކަމަށްވެސް ބުނެފަ އެވެ.

"މިރްޒިޔާ" ކުޅެން ހަރްޝްވަރްދަން އެއްބަސްވެ ފިލްމު ކުޅެން ފެށި ހިސާބުން ފެށިގެން ފިލްމު ރިލީޒްވުމާ ހަމައަށް އޭނާ ބޮލީވުޑްގެ އެކި އިވެންޓްތަކާއި ބޭރުތެރެއިން ފެންނަލެއް ވަނީ މަދުވެފަ އެވެ. ސަބަބެއް ކަމަށް ވަނީ ފިލްމު އުފައްދާ ފަރާތުން މިފިލްމުގެ ހަރްޝްވަރްދަން ފެނިގެންދާ ގޮތް ފިލްމު ރިލީޒްވުމުން ކުރިން ދައްކަން ބޭނުންނުވާތީވެ އެވެ.

ހަރްޝްވަރްދަން ބޮލީވުޑަށް ތައާރަފުވާން އުޅޭކަމުގެ އަޑުތަކާއެކު އޭނާގެ ފޮޓޯތައް ސޯޝަލް މީޑިއާގައި ވަނީ ދައުރުވާން ފަށާފަ އެވެ. އޭނާގެ ރީތިކަމުގެ ޖާދޫގައި މިހާރު ވެސް އެތަކެއް އަންހެން ކުދިންނެއް ވަނީ ޖެހިފަ އެވެ.