ވިޔަފާރި

އަންނަ މަހުން ފެށިގެން މުދަލު ޒަކާތް ދައްކަން ޖެހޭނީ މީރާއަށް

May 31, 2016

އަންނަ މަހުގެ އެކަކުން ފެށިގެން މުދަލުގެ ޒަކާތް ދައްކަން ޖެހޭނީ ދައުލަތުގެ ޓެކްސް އިދާރާ މީރާއަށް ކަމަށް އެ އޮތޯރިޓީ އިން ބުނެފި އެވެ.

މުދަލު ޒަކާތް ނެގުމާއި އެ ފައިސާ ބެލެހެއްޓުމުގެ ކަންކަން މީރާއަށް ހަވާލުކުރުމަށް އިސްލާމިކް މިނިސްޓްރީ އާއި އެ އޮތޯރިޓީ އިން އެމްއޯޔޫއެއްގައި ސޮއި ކުރީ މިދިޔަ މާޗް މަހުގެ ތެރޭގަ އެވެ. މީރާ އިން ބުނީ އަންނަ މަހުގެ އެކަކުން ފެށިގެން މުދަލު ޒަކާތް ދައްކަން ޖެހޭނީ އެ އިދާރާއަށް ކަމަށެވެ.

މީރާއިން ބުނީ، އެ އިދާރާގެ އޮފީސްތައް ގާއިމްކޮށްފައި ނުވާ ރަށްރަށުގައި މުދަލު ޒަކާތް ދައްކަން ޖެހޭނީ އެ ރަށެއްގެ ކައުންސިލަށް ކަމަށެވެ. އަދި މުދަލު ޒަކާތް ދައްކާ އިރު އެކަމަށް ހާއްސަކޮށް މީރާއިން ތައާރަފްކޮށްފައިވާ، ފޯމް 510 ނަމްބަރު ފޯމު ފުރިހަމަކޮށް ފައިސާއާ އެކު ހުށަހަޅަން ޖެހޭނެ ކަމަށް ވެސް މީރާ އިން ބުންޏެވެ. ފޯމް މީރާގެ ވެބްސައިޓުން ލިބޭނެ އެވެ.

މުދަލު ޒަކާތް ބަލައި ގަތުން މީރާއަށް ކުރިއަށް ގެންދިޔަ ނަމަވެސް، ފިތުރު ޒަކާތް ދައްކަން ޖެހޭނީ ކުރިއެކޭ ވެސް އެއްގޮތަށް އިސްލާމިކް މިނިސްޓްރީ އަށެވެ.