ހަބަރު

ލަންކާ ކުންފުންޏަކުން ހުޅުމާލޭގައި އެއްބިލިއަން ރުފިޔާގެ މަޝްރޫއެއް

May 31, 2016
3
  • ތިން ޓަވަރު އެ ކުންފުނިން ހަދާނެ
  • ލަންކާ ކުންފުންޏަކުން ކުރާ އެންމެ ބޮޑު އިންވެސްޓް
  • ކޮންމެ ޓަވަރެއްގައި 14 ފްލޯ ހުރޭ

ހުޅުމާލޭގައި ލަގްޒަރީ އެޕާޓްމަންޓް ކޮމްޕްލެކްސްތަކެއް އެޅުމަށް ސްރީލަންކާގެ ކުންފުންޏަކުން، 95 މިލިއަން ޑޮލަރު (1.5 ބިލިއަން ރުފިޔާ) އިންވެސްޓް ކުރުމަށް ނިންމައިފި އެވެ.

ސްރީލަންކާގެ ޑެއިލީ ނިއުސްއިން ބުނި ގޮތުގައި ހުޅުމާލޭގައި އެ މަޝްރޫއު ހިންގަނީ، ސްރީލަންކާގެ ރިއަލް އެސްޓޭޓްގެ ދާއިރާގައި ވެސް ގިނަ ޕްރޮޖެކްޓްތަކެއް ހިންގާ، ކޮރަލް ޕްރޮޕަޓީ ޑިވަލޮޕާސް ނަމަކަށް ކިޔާ ކުންފުންޏަކުންނެވެ. "ވައި ކޮރަލް ލަގްޒަރީ އެޕާޓަމަންޓް އެންޑް މޯލް" ގެ ނަމުގައި ކުރިއަށް ގެންދާ އެ މަޝްރޫއާ ގުޅޭ ގޮތުން، އެ ކުންފުނީގެ ޗެއާމަން ޑރ. ޕްރަބާ ސްބްރަމާނިއަން އާ ހަވާލާދީ އެ ނޫހުން ބުނެފައި ވަނީ ހަތަރު ޓަވަރު ހުންނަ ގޮތަށް ހަދާ މި ލަގްޒަރީ ފްލެޓްތަކުގައި 14 ފްލޯ ހިމެނޭ ކަމަށެވެ. އަދި އެއް ޓަވަރު އަނެއް ޓަވަރާ ގުޅުވާލާފައި ހުންނަ އިރު ކޮންމެ، ޓަވަރެއްގައި ވެސް ޝޮޕިން މޯލްތަކާއި އެހެން ވެސް ކުޅިވަރު ކުޅޭ ތަންތަން އަދި މުޅި ހުޅުމާލެ ފެންނާނެ ގޮތަށް ހިތްފަސޭހަ ވިއުއެއް ހިމަނާފައި ވާނެ ކަމަށް ވެސް ޗެއާމަން ވަނީ ވިދާޅުވެފަ އެވެ.

އެ މަޝްރޫއު ހިންގަނީ ހުޅުމާލޭގެ ކޮން ސަރަހައްދެއްގައި ކަމެއް އަދި އެ މަސައްކަތް ފަށަނީ ކޮން ދުވަހަކު ކަމެއް ވެސް ސާފެއް ނުވި އެވެ.

އެ ނޫހުން ބުނި ގޮތުގައި މިއީ ލަންކާ ކުންފުންޏަކުން ރާއްޖޭގައި ކުރާ އެންމެ ބޮޑު އިންވެސްޓްމަންޓެވެ. އަދި ބްރިޖް މަޝްރޫއަށް ފަހު ހިންގާ އެންމެ އަގުބޮޑު މަޝްރޫއަކީ މިއީ ކަމަށް ވެސް އެ ނޫހުން ބުންޏެވެ.