ބޭރު ކުޅިވަރު

ރަޝްފޯޑާއި ވިލްޝެއާ ހިމަނައިގެން އިނގިރޭސި ޓީމު ފައިނަލްކޮށްފި

May 31, 2016

އުމުރުން އެންމެ 18 އަހަރުގެ މެންޗެސްޓާ ޔުނަައިޓެޑުގެ ޒުވާން ފޯވަޑް މާކަސް ރަޝްފޯޑާއި އާސެނަލްގެ ޖެކް ވިލްޝެއާ ހިމަނައިގެން ޔޫރޯ އަށް ދާ އިނގިރޭސި ގައުމީ ޓީމު ފައިނަލްކޮށްފި އެވެ.

ކޯޗު ރޯއި ހޮޖްސަން ނެގި 23 ކުޅުންތެރިންގެ ޓީމުން ޖާގަ ގެއްލުނީ ޕްރެމިއާ ލީގުގެ ޗެމްޕިއަން ލެސްޓާ ސިޓީގެ މިޑްފީލްޑަރު ޑްރިންކް ވޯޓާ އާއި ނިއުކާސަލްގެ ޓައުންސެންޑް އަދި މެންޗެސްޓާ ސިޓީގެ ފަބިއަން ޑެލްޕަށެވެ.

މުޅިން ފިޓްނުވާތީވެ އިނގިރޭސިން އެންމެ ފަހުން ކުޅުނު ދެ މެޗުގައި ނުކުޅެހުރި ލިވަޕޫލްގެ ފޯވަޑް ޑެނިއަލް ސްޓަރިޖަށް ޖާގަ ދީފައިވާއިރު، ލިވަޕޫލްގެ ކެޕްޓަން ޖޯޑަން ހެންޑަސަން އަށް ވެސް ޖާގަ ދީފައިވެ އެވެ.

ކެޕްޓަން ވޭން ރޫނީއާއެކު ކުރިއަށް ކުޅެން ނެގި ޓޮޓެންހަމުގެ ހެރީ ކޭން އާއި ލެސްޓާ ސިޓީގެ ޖިމީ ވާޑީ އަކީ ޕްރެމިއާ ލީގުގައި ނިމިދިޔަ ސީޒަނުގައި އެންމެ ގިނަ ލަނޑު ޖެހި ދެ ކުޅުންތެރިންނެވެ. މި ދެ ކުޅުންތެރިން ތުރުކީ ކޮޅަށް ގޯލު ޖެހިއިރު ރަޝްފޯޑާއި ރޫނީ ވަނީ މިދިޔަ ހަފުތާގައި އޮސްޓްރޭލިޔާ ކޮޅަށް ލަނޑު ޖަހައިފަ އެެވެ.

ލިވަަޕޫލްގެ ނެތަނިއަލް ކްލައިން އާއި ޖޭމްސް މިލްނާ އަދި އާދަމް ލަލާނާ ޓީމުން ޖާގަ ހޯދިއިރު މެންޗެސްޓާ ސިޓީގެ ރަހީމް ސްޓާލިން އާއި ކީޕަރު ޖޯހާޓް އަދި ޗެލްސީގެ ގެރީ ކާހިލް އާއި މެންޗެސްޓާ ޔުނައިޓެޑުގެ ކްރިސް ސްމޯލިން އާއި އެވަޓަންގެ ޖޯން ސްޓޯން ރޮސް ބާކްލޭ އަދި ޓޮޓެންހަމުގެ ޑެލޭ އަލީ ވެސް ޓީމުން ޖާގަ ހޯދި އެވެ.

އަންނަ މަހު 10ގައި ފްރާންސްގައި ފަށާ ޔޫރޯގެ ކުރިން އިނގިރޭސި ޓީމު ކުޅޭ ރަހުމަތްތެރިކަމުގެ ފަހު މެޗުގައި މާދަމާ ނޫން އަނެއްރޭ ކުޅޭނީ ޕޯޗުގަލްއާ އެވެ.