ބޭރު ކުޅިވަރު

ރޮއިސްގެ އުފަންދުވަހު ޖަރުމަނު ޓީމުން ބާކީކޮށްފި

May 31, 2016

ޔޫރޯ އަށް ޖަރުމަނުގެ ގައުމީ ވެސް ޓީމުން ބޮރޫޝިޔާ ޑޯޓްމުންޑްގެ ހުނަރުވެރި މިޑްފީލްޑަރު މާކޯ ރޮއިސް އަށް ޖާގައެއްނެތަކަން އޭނާ އުފަންދުވަހު އެނގިއްޖެ އެވެ.

އެންމެ ފަހުގެ ވޯލްޑް ކަޕް ކާމިޔާބުކުރި ޖަރުމަނު ޓީމުން އަނިޔާގެ ސަބަބުން ބާކީކުރި ކުޅުންތެރިޔާ މި ފަހަރު ޓީމުގައި ހިމަނަން ކޯޗު ޖޯހިމް ލޯ ކިތަންމެ ބޭނުންވި ނަމަވެސް މިފަހަރު ވެސް އެކަން ނުވީ އަނިޔާގެ ސަބަބުންނެވެ.

ހުސްވި ސީޒަނަށް ފަހު ގައުމީ ޓީމުގެ ޕްރެކްޓިހަށް ނުކުތް ނަމަވެސް އެންމެ ފަހު ވަގުތު އޭނާ ޓީމަށް ނުނެގީ ބޮރޫޝިޔާ ޑޯޓްމުންޑްގެ މެޑިކަލް ޓީމުގެ ލަފާގެ މަތިންނެވެ.

"މެޑިކަލް ޓީމުން އަހަންނަށް ދީފައިވާ މެސެޖަކީ އޭނާ މުޅިން ފިޓްނޫން ކަމަށް. އަހަރެން ވަރަށް ބޭނުން އޭނާ ހިމަނަން. އެކަމަކު ފިޓްނޫންވީމަ ރޮއިސް ޖެހުނީ މަޑުކުރަން،" ޖޯޗު ޖޯހިމް ލޯ ބުންޏެވެ.

ރޮއިސް އަށް ޓީމުން ޖާގަ ގެއްލުނީ އޭނާގެ 27 ވަނަ އުފަންދުވަހު އެވެ. މިހެންވެ ގިނަ ކުޅުންތެރިން ވަނީ އެކަމާ ހިތާމަކުރާކަން ފާޅުކޮށްފަ އެވެ.

ރޮއިސް އަށް ޖާގަ ގެއްލުނު ނަމަވެސް އަނިޔާގެ ސަބަބުން ސީޒަނުގައި ގިނަ މެޗުތަކެއްް ގެއްލުނު މެންޗެސްޓާ ޔުނައިޓެޑުގެ ބަސްޓިއަން ސްވައިންސްޓައިގާ ވަނީ ޓީމުގައި ހިމަނާފަ އެވެ. ކޯޗު ބުނީ ތަޖުރިބާކާރު މިޑްފީލްޑަރު ހުރީ ކުޅެވާ ހާލަތުގައި ކަމަށެވެ.

ޖަރުމަނު ޓީމުން ވޯލްޑް ކަޕް ހޯދި ގިނަ ކުޅުންތެރިންނަށް ކޯޗު ޖާގަ ދީފައިވެ އެވެ. އޭގެ ތެރޭގައި ބަޔާން މިއުނިކްގެ މާރިއޯ ގޮޓްޒޭ ވެސް ހިމެނެ އެވެ. ވޯލްޑް ކަޕް ފައިނަލުގައި އާޖެންޓިނާ ކޮޅަށް އިތުރު ވަގުތުގައި ލަނޑު ޖެހި ގޮޓްޒޭ އަށް ބަޔާންގައި ކުޅުމުގެ ފުރުސަތު ލިބެނީ ވަރަށް މަދުންނެވެ. ނަމަވެސް ގައުމީ ޓީމުން ކޯޗު އޭނާ އަށް ޖާގަ ދެނީ އިތުބާރުކުރާލެއް ބޮޑުވުމުންނެވެ.

ލިވަޕޫލްގެ އެމްރޭ ޗާން އާއި ބަޔާންގެ ތޯމަސް މުލާ އާއި މެސުޓް ހުމެލްސް އަދި ކީޕަރު މެނުއަލް ނޯޔާ އަށް ވެސް ޓިމުން ޖާގަ ދީފައިވެ އެވެ.