ހަބަރު

ތިނަދޫގެ ބިން ހިއްކުމުގެ މަސައްކަތް ފަށައިފި

ގދ. ތިނަދޫގައި ހިއްކުމަށް ހަމަޖެހިފައިވާ 55 ހެކްޓަރުގެ ބިން ހިއްކުމުގެ މަސައްކަތް ރަސްމީކޮށް ފަށައިފި އެވެ.

މަސައްކަތް ރަސްމީކޮށް ފަށްޓަވައިދެއްވީ ތިނަދޫގައި މިއަދު އޮތް ހާއްސަ ރަސްމިއްޔާތެއްގައި ފިނޭންސް މިނިސްޓަރު އަބުދުﷲ ޖިހާދެވެ.

މިއަދު ތިނަދޫގައި ބޭއްވި ރަސްމިއްޔާތެއްގައި ތިނަދޫގެ 55 ހެކްޓަރުގެ ބިން ހިއްކުމުގެ ބޮޑު މަޝްރޫއު އިފްތިތާހުކޮށްދެއްވީ ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދު އެވެ. ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ޖިހާދު ވިދާޅުވީ ރަށެއް ތަރައްގީ ކުރެވޭނީ ރަށުގައި ތަރައްގީވެފައިވާ ބޮޑު އާބާދީއެއް ބިނާކުރެވިގެން ކަމަށެވެ. ބިން ހިއްކާ ރަށްތަކުގެ ތެރެއިން އެންމެ އަވަހަށް އާބާދުވާ ރަށަކަށް ތިނަދޫ ވާނެ ކަމަށެވެ.

ތިނަދޫގެ ބިން ހިއްކުމުގެ މަޝްރޫއަކީ 765 މިލިއަން ރުފިޔާގެ ޕްރޮޖެކްޓެކެވެ.

މިއަދުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެން ޕީޕީއެމް ޕީޖީ ގްރޫޕްގެ ލީޑަރު އަހްމަދު ނިހާން ހަސަން މަނިކު ވިދާޅުވީ ތިނަދޫ ތަރައްގީކޮށް ގިނަ މަޝްރޫއުތަކެއް ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށެވެ. ތިނަދޫ ގޮތަށް ތަރައްގީ ކުރެވޭނެ އެހެން ރަށެއްގައި ރާއްޖޭގައި ނޯންނާނެ ކަމަށް ނިހާނު ވިދާޅުވި އެވެ.

ތިނަދޫގައި 55 ހެކްޓަރުގެ ބިން ހިއްކައި 1852 މީޓަރުގެ ރިވެޓްމެންޓެއް ޖަހަން ހަވާލުކޮށްފައިވަނީ ނެދަލެންޑްސްގެ ވެން އޫޑް ޑްރެޖިން އެންޑް މެރިންކޮންޓްރެކްޓާ އެވެ.

ތިނަދޫއަކީ މީގެ ކުރިންވެސް ވަރަށް ބޮޑަށް ހިއްކައިގެން ބޮޑުކޮށްފައިވާ ރަށެކެވެ. މިފަހަރު ކުރިއަށްގެންދާ ހިއްކުމުގެ މަޝްރޫއުގެ ދަށުން އެރަށުގެ ދެކުނު ފަރާތުން 4 ހެކްޓަރު އަދި އުތުރު ފަރާތުން 51 ހެކްޓަރުގެ ބިން ހިއްކަން ވަނީ ނިންމާފަ އެވެ.

މި މަސައްކަތަކީ ކުރިއަށް އޮތް 25 ވަރަކަށް ދުވަހުގެ ތެރޭގައި ހިއްކައި ނިންމާލެވޭނެ ކަމަށް ހައުސިން މިނިސްޓްރީން އުންމީދުކުރެ އެވެ.