ރާއްޖެ ކުޅިވަރު

ނިއު އަށް ސްލޮވާކިއާގެ މިޑްފީލްޑަރެއް

ސްލޮވާކިއާގެ ތަޖުރިބާކާރު އެޓޭކިން މިޑްފީލްޑަރެއް ނިއު ރޭޑިއަންޓާ ގުޅިއްޖެ އެވެ.

ފާއިތުވި ތިން އަހަރުގެ ލީގު ޗެމްޕިއަން ނިއުއާ ގުޅުނު މިޑްފީލްޑަރު ވިލިއަމް މަކޯ ،33، ފާއިތުވި ދެ ސީޒަންގައި ކުޅުނީ ތައިލޭންޑްގެ ދެވަނަ ޑިވިޝަންގެ ކްލަބެއް ކަމަށްވާ އެންގްތޮންގް އެފްސީއަށެވެ. އެ ކްލަބުގައި ފާއިތުވި ދެ ސީޒަންގައި މަކޯ ވަނީ 21 ލަނޑު ޖަހައިފަ އެވެ. ކުރިން ސްލޮވާކިއާ އާއި ހަންގޭރީގެ ފުރަތަމަ ޑިވިޝަންގެ ކްލަބުތަކަށް ކުޅެފައިވާ މަކޯ ވަނީ މިހާރު މާލެ އައިސްފަ އެވެ.

ނިއު އިން ވަނީ ކުރިން ލިވަޕޫލްގެ ޔޫތު އެކެޑަމީގައި ކުޅެފައިވާ ޒުވާން ފޯވަޑް ޑޭވިޑް މޮލީ ވެސް އެ ޓީމަށް ސޮއިކޮށްފައިވާކަން ކަށަވަރުކޮށްދީފަ އެވެ.

ލިވަޕޫލްގެ ކޯޗަކަށް ސްޕެއިންގެ ރަފައެލް ބެނިޓޭޒް ހުރިއިރު މޯލީ ލިވަޕޫލަށް ގުޅުނީ ލޫޓަން އިންނެވެ. މޯލީ ވަނީ ލިވަޕޫލްގެ 18 އަހަރުން ދަށުގެ ޓީމަށް ގިނަ މެޗުތަކެއް ކުޅެފަ އެވެ. ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯ އަށް އުފަން މޯލީ ވަނީ އިންގްލެންޑްގެ 16 އަހަރުން ދަށުގެ ޓީމާއި 17 އަހަރުން ދަށުގެ ޓީމަށް ކުޅެފަ އެވެ.

މޯލީ ވަނީ ވުލްވްސް އަށް ވެސް ކުޅެފަ އެވެ. އެންމެ ފަހުން މޯލީ ކުޅުނީ އިނގިރޭސި ފަސް ވަނަ ޑިވިޝަންގެ ކްލަބެއް ކަމަށްވާ ބޯރްހެމްވުޑްއަށެވެ.