ހަބަރު

ޖަމީލް އިސްކޮށް ހުންނަވައި ޔުނައިޓެޑް އޮޕޮޒިޝަން އިއުލާންކޮށްފި

Jun 1, 2016
4

ކުރީގެ ނައިބު ރައީސް މުހައްމަދު ޖަމީލް އަހުމަދު އިސްކޮށް ހުންނަވައި، އިދިކޮޅު ލީޑަރުން ހިމެނޭ ގޮތަށް އިދިކޮޅު ކޯލިޝަން، މޯލްޑިވްސް ޔުނައިޓެޑް އޮޕޮޒިޝަން މޫވްމަންޓް އިއުލާންކޮށްފި އެވެ.

ލަންޑަންގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ޔުނައިޓެޑް އޮޕޮޒިޝަން އިއުލާންކޮށްދެއްވީ، އިނގިރޭސިވިލާތުން ހިމާޔަތް ހޯއްދަވައިގެން ހުންނެވި ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ. ޔުނައިޓެޑް އޮޕޮޒިޝަންގެ ލީޑަރަކީ ކުރީގެ ނައިބު ރައީސް ޖަމީލް ކަން އިއުލާން ކުރައްވަމުން ނަޝީދު ވަނީ އިދިކޮޅު ފަރާތްތަކުގެ މެދުގައި ހުރި ހިޔާލުތަފާތުވުންތައް ނައްތާލައި ޑިމޮކްރަސީއަށް ޓަކައި އެންމެން އެއްގަލަކަށް އަރައިގެން މަސައްކަތް ކުރުމަށް ގޮވާލައްވައިފަ އެވެ. އަދި މީގެ ކުރީގެ ކޯލިޝަންތަކަށް ވީ ގޮތަށް މިފަހަރު ނުވާނެ ކަމަށާއި މިއީ މާ ވަރުގަދަ ކޯލިޝަނެއް ކަމަށް ނަޝީދު ވިދާޅުވި އެވެ. ރާއްޖޭގެ ޑިމޮކްރަސީ ނެތެމުން އަންނަ ކަމަށާއި ކޮރަޕްޝަނާއި ފަސާދަ އާންމުވެފައިވާ ކަމަށާއި ހިޔާލުފާޅު ކުރުމުގެ މިނިވަންކަމަށް ހުރަސްއެޅިފައިވާކަން ނަޝީދު ފާހަގަ ކުރެއްވި އެވެ.

އެ ހަފްލާގައި ވާހަކަދައްކަވަމުން ޖަމީލް ވިދާޅުވީ، 2008 އަށް ފަހު ރާއްޖެއަށް ޑިމޮކްރަސީ އަންނަމުން ދިޔަ ކަމަށާއި އޭރު މިނިވަންކަން ވެސް އޮތް ކަމަށެވެ. އެހެން ނަމަވެސް ރައީސް އަބްދުﷲ ޔާމީން ވަޑައިގެން ސިޔާސީ ވާދަވެރިން ނައްތާލައި އިންސާނިއްޔަތާ ހިލާފު އަމަލުތައް ހިންގައި ކޮރަޕްޝަނާއި ފަސާދަ އިންތިހާއަށް އާންމު ކުރައްވާފައިވާ ކަމަށް ވެސް ޖަމީލް ވިދާޅުވި އެވެ. އަދި ޓޫރިސްޓުންނަށް ރާއްޖެއަކީ ސުވަރުގެއެއް ކަމުގައި ވިޔަސް، ދިވެހިންނަށް ރާއްޖެއަކީ ސުވަރުގެއެއް ނޫން ކަމަށް ވެސް ވިދާޅުވި އެވެ. އަދި އިންޑިއާގަނޑުގެ ސަލާމަތަށް ވެސް ބޮޑު ނުރައްކަލެއް ކުރިމަތިވެފައިވާކަމަށް ޖަމީލް ވިދާޅުވި އެވެ. ތަފްސީލް އަންނަނީ...