ދައުލަތުގެ އާމްދަނީ

ހަތަރު މަހުގެ އާމްދަނީ 11 ބިލިއަނަށް

ދައުލަތަށް މި އަހަރުގެ މިހާތަނަށް އާމްދަނީގެ ގޮތުގައި 11 ބިލިއަން ރުފިޔާ ލިބިއްޖެ އެވެ.

ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ މަހުގެ 25 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތަށް ޖުމްލަ 11.1 ބިލިއަން ރުފިޔާ ލިބިފައިވާއިރު މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއަށްވުރެ 3.7 ޕަސެންޓް އިތުރުވުމެކެވެ.

ދައުލަތަށް މިދިޔަ އަހަރުގެ މި މުއްދަތުގައި އާމްދަނީގެ ގޮތުގައި 10.7 ބިލިއަން ރުފިޔާ ލިބުނެވެ.

ޓެކްސް އާމްދަނީގެ ގޮތުގައި މި އަހަރު ދައުލަތަށް 9.2 ބިލިއަން ރުފިޔާ ލިބިފައިވާއިރު ޓެކްސް ނޫން އާމްދަނީގެ ގޮތުގައި 1.8 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ.

ދައުލަތަށް މި އަހަރު އެންމެ ބޮޑު އާމްދަނީއެއް ލިބުނީ ޖީއެސްޓީ އިންނެވެ. ޖީއެސްޓީގެ ގޮތުގައި 5.1 ބިލިއަން ރުފިޔާ ލިބުނުއިރު ބިޒްނަސް އެންޑް ޕްރޮޕަޓީ ޓެކްސްގެ ގޮތުގައި 2.6 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ.

މީގެ އިތުރުން އެއާޕޯޓް ޓެކުހާއި ފީގެ ތެރޭގައި ހިމެނޭ ޑިޕާޗާ ޓެކްސް އާއި އެއާޕޯޓް ޑިވެލޮޕްމަންޓް ފީ އިން ޖުމްލަ 704 މިލިއަން ރުފިޔާ އަދި އިމްޕޯޓް ޑިއުޓީިން 700 މިލިއަން ރުފިޔާ ދައުލަތަށް ލިބުނެވެ.