ބޭރު ކުޅިވަރު

ޔޫރޯ އަށް އެންމެ ގިނަ ކުޅުންތެރިން ނެގީ ޕްރެމިއާ ލީގުން

Jun 2, 2016
2

އަންނަ ހަފުތާގައި ފްރާންސްގައި ފަށާ ޔޫރަޕުގެ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތުގައި އެންމެ ގިނައިން ކުޅޭނީ ޕްރެމިއާ ލީގުގެ ކުޅުންތެރިން ކަމަސް ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.

ޖުމުލަ 24 ޓީމު ވާދަކުރާ މުބާރާތުގައި ކުޅޭ 552 ކުޅުންތެރިންގެ ތެރެއިން 103 ކުޅުންތެެރިންނަކީ ޕްރެމިއާ ލީގުގައި ކުޅޭ ކުޅުންތެރިންނެވެ. ދެ ވަނަ އަށް އެންމެ ގިނަ ކުޅުންތެރިން ތިބީ ޖަރުމަނު ބުންޑަސްލީގާއިންނެވެ. އެއީ 57 ކުޅުންތެރިންނެވެ.

ޔޫރޮޕާ ލީގާއި ޗެމްޕިއަންސް ލީގު ސްޕޭނުގެ ދެ ކުލަބު ކަމަށްވާ ސެވިއްޔާ އާއި ރެއާލް މެޑްރިޑް ހޯދި ނަމަވެސް އެ ލީގުން ޔޫރޯގައި ކުޅޭނީ އެންމެ 34 ކުޅުންތެރިންނެވެ.

ކުލަބުތަކުގެ ތެރެއިން ޔޫރޯގައި ކުޅޭ އެންމެ ގިނަ ކުޅުންތެރިން ނިސްބަތްވާ ދެ ކުލަބަކީ އިނގިރޭސިވިލާތުގެ ލިވަޕޫލް އާއި އިޓަލީގެ ޗެމްޕިއަން ޔުވެންޓަސް އެވެ. މިއިން ކޮންމެ ޓީމަކުން 12 ކުޅުންތެރިން ޔޫރޯގައި ވާދަކުރާއިރު ޓޮޓެންހަމް އިން 11 ކުޅުންތެރިން އަދި މެންޗެސްޓާ ޔުނައިޓެޑުގެ 10 ކުޅުންތެރިއަކު ޔޫރޯގައި ކުޅޭނެ އެވެ.

އަނެއްކޮޅުން މުބާރާތުގައި ވާދަކުރާ 24 ގައުމުގެ ތެރެއިން 18 ގައުމެއްގެ ކެޕްޓަންކަން ކުރާނީ ވެސް ޕްރެމިއާ ލީގުގެ ކުޅުންތެރިންނެވެ.
ވޭލްސް ޓީމުގައި އިނގިރޭސި ލީގުގައި ކުޅޭ 13 ކުޅުންތެރިން ތިބިއިރު އަޔަލޭންޑާއި ބެލްޖިއަމުގައި 12 ކުޅުންތެރިއަކުވެ އެވެ.