ބޭރު ކުޅިވަރު

ކުޅުންތެރިން ނެގީ ހަމަލާދިނުމަށް: އިނގިރޭސި ކޯޗު

Jun 2, 2016

އަންނަ ހަފުތާގައި ފްރާންސްގައި ފަށާ ޔޫރޯ ފުޓްބޯޅަ މުބާރާތަށް އިނގިރޭސި ގައުމީ ޓީމަށް ކުޅުންތެރިން ނެގީ ހަމަލާދޭން އިސްކަންދީގެން ކަމަށް ކޯޗު ރޯއި ހޮޖްސަން ބުނެފި އެވެ.

އޭނާ މިހެން ބުނީ ލެސްޓާ ސިޓީގެ ޑްރިންކް ވޯޓާ ކަޓުލާފައި 18 އަހަރުގެ ފޯވަޑް މާކަސް ރަޝްފޯޑް ނެގުމާގުޅިން އަމާޒުވެފައިވާ ބައެއްް ފާޑުކިއުންތަކާ ހެދި އެވެ.

"ބައެއް މީހުން ސުވާލުކޮށްފާނެ އަހަރެންގެ ޓީމުގައި އިތުރު ފޯވަޑަކު ހުރުމުން. އަހަރެން ގަބޫލުކުރާ ގޮތުގައި ޓީމުގައި ގިނަ ވަގުތުތަކުގައި ތަފާތު ނެރެދޭނީ އެޓޭކަރުން. ރަޝްފޯޑް ޓީމަށް އައުމުގެ މައިގަނޑު ސަބަބަކީ އެއީ. ސީޒަނުގެ ފަހުކޮޅު ރަނގަޅަށް ކުޅެފައި އޭނާ ޔޫރޯ އަށް ދިއުމަކީ ވަރަށް ޝައުގުވެރިކުރުވަނިވި ކަމެއް،" ކޯޗު ބުންޏެވެ.

ހޮޖްސަން ބުނީ ޑިފެންސް ކުރުމަކީ މުޅި ޓީމުގެ ޒިންމާއެއް ކަމަށެވެ.

"އަހަރެންގެ ޓީމުގައި އެބަތިބި ޑިފެންސް ހަމައަކަށް އަޅުވާލެވޭނެ ދުވެލި ހުރި ކުޅުންތެރިން. ޓީމުގައި ރަނގަޅު ފަހަތަކާއި މޮޅު ކީޕަރަކު އެބަހުރި. އަހަރެން އުފާކުރަން ހުނަރުވެރި ޓީމެއް އޮތުމުން،" ކޯޗު ބުންޏެވެ.

ޔޫރޯގައި އިނގިރޭސިން ކުޅެން ޖެހެނީ ވޭލްސް އާއި ރަޝިޔާ އަދި ސްލޮވާކިޔާއާ އެވެ.

ހޮޖްސަންގެ ޓީމުން ޑްރިންކް ވޯޓާ ބާކީ ކުރުމުން އެކަމާ އެންމެ ފާޅުކަން ބޮޑުގޮތެއްގައި ފާޑުކިޔާފައިވަނީ ކުރީގެ ކެޕްޓަން އެލަން ޝިއަރާ އެވެ. އޭނާ ބުނީ ޑްރިންކް ވޯޓާ ބާކީ ކުރުމަކީ ހެދި ގޯހެއް ކަމަށެވެ.