ހަބަރު

މެޓް އޮފީސް ތަރައްގީ ކުރަން ބޮޑެތި މަސައްކަތްތަކެއް

މޯލްޑިވްސް ނޭޝަނަލް މީޓިއޮރޮލޮޖިކަލް ސެންޓާ (މެޓް)ގެ ހިދުމަތްތައް ފުޅާކޮށް، މިރީޖަންގައި ވެސް ހުރި އެންމެ ރަނގަޅު މޫސުން ލަފާ ކުރާތަނަކަށް އެތަން ހެދުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް އެންވަޔަރުމަންޓް މިނިސްޓަރު ތޯރިގު އިބްރާހިމް ވިދާޅުވެއްޖެ އެވެ.

މޮންސޫން ފޯރަމް އިފްތިތާހު ކުރުމަށް މިއަދު ޝީ ބިލްޑިންގައި ބޭއްވި ރަސަމިއްޔާތުގައި ވާހަކަދައްކަވަމުން ތޯރިގު ވިދާޅުވީ މެޓް އޮފީސް އިތުރަށް ތަރައްގީކޮށް މޫސުން ލަފާ ކުރާ ވަރު މިހާރަށް ވުރެ ފެންވަރު ރަނގަޅު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރާ ކަމަށެވެ. އެގޮތުން ފްލައިޓްތަކަށް މޫސުމާ ބެހޭ މައުލޫމާތުތައް ފޯރުކޮށްދިނުމަށް ހާއްސަކޮށްގެން ބޭނުން ކުރާ، ޓޮޕްލޯ ރާޑަރު އެއްވެސް ވަރަކަށް މަސައްކަތް ނުކުރި ނަމަވެސް މިހާރު ބޮޑެތި ހަރަދުތަކެއް ކޮށްގެން ވެދާ ރާޑާ މަރާމާތުކޮށްފައިވާ ކަަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ތޯރިގު ވިދާޅުވީ މިދިޔަ އަހަރު ތެރޭގައި ވެސް 15 އިލެކްޓްރޯނިކް ވެދާ ސްޓޭޝަންތަކެއް އެކި ރަށްރަށުގައި ބެހެއްޓިފައިވާ ކަމަށާއި އަދި ކުރިން ބަހައްޓާފައިވާ ގިނަ ސްޓޭޝަންތައް މަރާމާތު ކުރުމުގެ މަސައްކަތްވެސް ކޮށްފައިވާ ކަމަށެށެވެ. އޭގެ ސަބަބުން ވިއްސާރައިގެ ހުރިހާ މައުލޫމާތުތައް ރިމޯޓުން ލިބޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"މީގެ މުހިންމު ކަމަކީ ރާއްޖޭގެ އެކި ހިސާބުތައް ރިއަލްޓައިމް ކޮށް ލަފާ ކުރަން. އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި މަސައްކަތްތައް ކުރެވިއްޖެ ނަމަ މި ރީޖަންގައި އެންމެ ރަނގަޅަށް މޫސުން ލަފާކޮށް ހިދުމަތް ފޯރުކޮށްދެވޭ ތަނަކަށް ރާއްޖެ ވެގެންދާނެ. އެކަމަށް މި މަސައްކަތް ކުރަނީ. އެއީ އަޅުގަނޑުމެންގެ އުންމީދަކީވެސް،" ތޯރިގު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ މެޓްގައި ހުރި ގޮންޖެހުމަކީ މޫސުން ލަފާ ކުރުމަށް ބޭނުންވާ އިންސާނީ ވަސީލަތްތައް އެކަށީގެންވާ ވަރަށް ނުލިބުން ކަމަށާއި ނަމަވެސް އެކަން ހައްލު ކުރަން މަސައްކަތްތަކެއް ފަށާފައިވާ ކަމަށެވެ.