އަބްދުލް ބާރީ ޔޫސުފް

12 ގަޑިއިރު ޝަރީއަތްކޮށް ގާޒީ ބާރީ ރިކޯޑް ހައްދަވައިފި

އިއްޔެއަކީ ޝަރުއީ ދާއިރާގެ ބޮޑު ދުވަހެކެވެ. ރާއްޖޭގައި މިހާތަނަށް ކޯޓެއްގައި އެއް ދުވަހު ޝަރީއަތް ނުކުރާހާ ގިނަ ވަގުތު ކްރިމިނަލް ކޯޓުގައި ވަނީ ޝަރީއަތްތަކެއް ކުރިއަށް ގެންގޮސްފަ އެވެ. ގާތްގަނޑަކަށް 12 ގަޑިއިރެއްހާއިރަށް އިއްޔެ ޝަރީއަތް ކުރިއަށް ގެންގޮސްފައިވެ އެވެ.

މި އަދަދާ އެކު ގާޒީ، އަބްދުލް ބާރީ ޔޫސުފް މި ވަނީ އެއް ދުވަހެއްގައި އެންމެ ގިނައިރު ޝަރީއަތް ކުރެއްވި ގާޒީކަމުގެ ރިކޯޑު ހައްދަވައިފަ އެވެ.

އިއްޔެ ގާޒީ ބާރީ ޝަރީއަތުގެ އަޑުއެހުމެއް ފައްޓަވާފައިވަނީ ހެނދުނު 10:30 ހާއިރު އެވެ. އެއީ، ފިނިފެންމާ ލޯންޗުކޮޅުގައި އެއްޗެއް ގޮއްވާލި މައްސަލާގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އޭނާގެ ދެ ބޮޑީގާޑުންގެ މައްޗަށް އުފުލާފައިވާ ޓެރަރިޒަމްގެ ދައުވާގެ އަޑުއެހުމެވެ. އެ އަޑުހުމުގައި ވަނީ ހެކިވެރިންގެ ހެކިބަސް ނަގާފަ އެވެ. ދިގު ދެމިގެން ދިޔަ މި އަޑުއެހުމުގެ މެދު ތެރެއިން ހުސް ވަގުތު ކޮޅެއް ނަގާފައިވެ އެވެ. އަދި އަލުން ޝަރީއަތް ފެށީ މެންދުރު 1:10 ހާއިރު އެވެ. އަޑުއެހުން އަލުން ފަށާފައިވަނީ 2:10 ހާއިރު އެވެ.

އެ އަޑުއެހުން ފަށާ ހެކި ބަސް ނެގުން ވަނީ ކުރިއަށް ގެންގޮސްފަ އެވެ. އެ އަޑުއެހުން މެދުކަނޑާލީ 4:40 ހާއިރު އެވެ. އެފަހަރު މެދުކަނޑާލީ ރޭގަނޑަށް ތާވަލުކުރުމަށްފަހު އެވެ.

ދެން އިއްޔެ ކުރިއަށް ދިޔައީ ރައީސް އަބްދުﷲ ޔާމީން ހައްޔަރުކުރުމަށް ސައްހަ ނޫން ކޯޓު އަމުރެއް ނެރުނު މައްސަލާގައި ކުރީގެ ޕީޖީ މުހުތާޒު މުހުސިންނާއި މާމިނގިލީ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް އަހުމަދު ނިހާންގެ މައްޗަށް އުފުލާފައިވާ ދައުވާތަކެވެ. މި ދެ ބޭފުޅުންގެ ޝަރީއަތް ކުރިން ބެއްލެވީ ވަކިވަކިން އެހެން ގާޒީ އެކެވެ. މި މައްސަަ ބެލުމާ އިއްޔެ ގާޒީ ބާރީ ހަވާލުވެ، ދެ ބޭފުޅުންގެ މައްސަލަ އެކުގައި ކުރިއަށް ގެންދިޔުމަށް ވަނީ ނިންމާފަ އެވެ. މި މައްސަލާގައި ވެސް އޮތީ ހެކި ބަސް ނެގުމެވެ.

އެ އަޑުއެހުން ނިންމާލީ 6:45 ހާއިރު އެވެ. އެ ފަހަރު އަޑުއެހުން މެދުކަނޑާލީ މުހުތާޒާއި ނިހާން ރޯދައަށް ހުންނެވުމުން ރޯދަ ވިއްލާ ކެއުމަށް ފުރުސަތު ދިނުމަށެވެ. ދެން އަޑުއެހުން ފަށާފައިވަނީ 07:15 ހާއިރު އެވެ. އެ އަޑުއެހުން ނުވައެއް ޖަހަންދެން ކުރިއަށް ދިޔަ އެވެ. އެއަށްފަހު ކުރިއަށް ދިޔައީ ފިނިފެންމާ މައްސަލާގެ އަޑުއެހުމެވެ. ނުވަގަޑި ބައިހާއިރު އެ މައްސަލާގެ އަޑުއެހުން ފެށިގެން 10:30 ހާއިރަށް އަޑުއެހުން ދެމިގެން ދިޔަ އެވެ. އެ އަޑުއެހުން ނިންމާލީ މައްސަލާގައި ހެކި ބަސް ނަންގަން ޖެހޭ ފަރާތްތަކުގެ ހެކި ބަސް ނަގާ ނިމުންނެވެ.

އަނެއްކާވެސް 11 ޖަހާކަށްހާއިރު މުހުތާޒާއި ނިހާންގެ މައްސަލާގެ އަޑުއެހުން ފެށި އެވެ. އެ އަޑުހުމުގައި ނުނެގި ހުރި ހެކިވެރިންގެ ހެކި ބަސް ވަނީ ނަގާފަ އެވެ. އެ އަޑުއެހުން މެންދަމު 1:20 ވަންދެން ކުރިއަށް ދިޔަ އެވެ. މިއަދު ހެނދުނު 10:30 ގައި ޝަރީއަތް ކުރައްވަން ފެއްޓެވި ގޮތަށް ގާޒީ ބާރީ މިއަދަށް ޝަރީއަތް ކުރެއްވުން ނިންމާލާފައިވަނީ އެހާއިރު އެވެ.

މިއީ މިހާތަނަށް ފެނިފައިވާ މަންޒަރެއް ނޫނެވެ. އެއް ގާޒީއަކު މިހާ ގިނައިރު ވަންދެން ޝަރީއަތް ކުރިއަށް ގެންދެވި މިއީ ފުރަތަމަ ފަހަރު ކަމަށް ބުނެވިދާނެ އެވެ. ގާޒީގެ ހިތްވަރަށް ސާބަސް ދަންނަވަންޖެހޭއިރު، ގާޒީ މިވަނީ ވަރުގަދަ ރިކޯޑެއް ހައްދަވާ ތާރީހުގެ ތެެރެއަށް ވަންނަވާފަ އެވެ.