އަލީ ސީޒަން ޑައިރެކްޓްކޮށް ލީޑް ރޯލު ކުޅެފައިވާ، ދެކެދެކެވެސްގެ ފިލްމު "ވަފާތެރިކެހިވެރިޔާ" ގެ ވަދާއީ ޝޯތައް ޝްވެކް ސިނަމާގައި ފަށާފައިވާއިރު ރެއަކީ ވަރަށް ވެސް ބަދުނަސީބު ނުވަތަ ފިލްމަށް ނިކަން ކެހިވެރިރެއެކެވެ. މިފަހަރު ކެހި ދިނީ ބެލުންތެރިންނެވެ.
ރޭ ޝްވެކް ސިނަމާގައި ދައްކަން އުޅުނު މި ފިލްމުގެ ޝޯ ވަނީ، ފިލްމު ބަލާނެ ބަޔަކު ނުވެގެން ކެންސަލްކޮށްފަ އެވެ. މިއީ އޮލިމްޕަހުގައި ނިކަން ކުލަގަދަކޮށް ޕްރިމިއާކޮށް، ހަތް ޝޯ ދެއްކުމަށް ފަހު ނެގި މި ފިލްމުގެ އެނބުރިއައުން ނިމިގެންދިޔަ ގޮތެވެ.
އެކަމަކު މިހައި ހިސާބުން، ޕްރޮޑިއުސަރު މުހައްމަދު އަބްދުﷲ (މުހައްމާ) ގެ މި ފިލްމުގެ ޝޯތައް ނިމުނީކީއެއް ނޫނެވެ. ވަދާއީ ތިން ޝޯ ޝްވެކް ސިނަމާގައި ކުރިއަށް އެބައޮތެވެ.
އެކަމަކު "ވަފާތެރިކެހިވެރިޔާ" އަށް ބެލުންތެރިންގެ ޝައުގުވެރިކަން މިހައި އަވަހަށް ގެއްލުމަކީ ހަގީގަތުގައި ވެސް ބޮޑު ތަހުގީގެއް ހިންގައިގެން ނަމަވެސް މުހައްމާ ބަލަން ޖެހޭ މައްސަލައެކެވެ. މުހައްމާ އަކީ ނިކަން ވެސް ކާމިޔާބު ޕްރޮޑިއުސަރެކެވެ. އޭނާ މީގެ ކުރިން ގެނެސްދިން ބޮޑު ފިލްމު "ނިއުމާ" އަކީ ގާތްގަނޑަކަށް ރިކޯޑް މުގުރި ފިލްމެކެވެ.
ނަމަވެސް "ވަފާތެރިކެހިވެރިޔާ" ގެ ކެހި ނުލިބި މި ފިލްމުގެ ޝޯތައް ނިމޭނެ ކަމަކަށް ނުދައްކަ އެވެ. ޔަގީނަށް ވެސް މިއީ ވިޔަފާރީގެ ގޮތުން މުހައްމާ އަށް ބޮޑު ގެއްލުމެއް ކުރިމަތިކުރުވާނެ ފިލްމެއް ކަމަށް ބެލެވެ އެވެ. ޔަގީނަށް ވެސް މިވަގުތަށް ފިލްމުގެ ޝޯތަކަށް ބަލާއިރު އެކަން އޮތީ އެހެންނެވެ.
ކުރިން އަވަސް އަށް ދިން އިންޓަވިއުއެއްގައި ވެސް މުހައްމާ ބުނެފައި ވަނީ ގާތްގަނޑަކަށް ވިއްސަކަށް ޝޯ ހައުސް ފުލްކޮށް ނުދެއްކިއްޖެ ނަމަ މިއީ ފިލްމަށް ކުރި ހޭދަ އަނބުރާ ލިބޭނެ ފިލްމެއް ނޫނެވެ.
"ވަފާތެރިކެހިވެރިޔާ" ގެ ވަދާއީ ފުރަތަމަ ޝޯ ކެންސަލްކުރަން ޖެހިފައި ވަނީ ޝްވެކް ސިނަމާއިން ބޭނުންވާ ވަރަށް އެ ޝޯ ބަލާނެ މީހުން ނުވެގެންނެވެ. ޝްވެކް ސިނަމާއިން މައުލޫމާތު ލިބުނު ގޮތުގައި ރޭގެ ޝޯ އަށް ވިކުނީ އެންމެ ތިން ޓިކެޓެވެ. އާންމުކޮށް އެމީހުން މިގޮތަށް ވިޔަފާރީގެ އުސޫލުން އަޅުވާ ދިވެހި ފިލްމުތަކުގެ ޝޯތަކަށް ފެހި ސިގްނަލް ދެނީ ޝޯއަކުން މަދުވެގެން 10 ޓިކެޓް ވިކުމުންނެވެ.
މި ފިލްމުގައި ސީޒަންއާ އެކު ދެން ފެނިގެން ދަނީ ޒީނަތު އައްބާސް އާއި އަލަށް ތައާރަފްވެފައިވާ މޫނެއްކަމުގައިވާ މަލީހާ އެވެ.