އެމްޑީޕީ

ދެކުދިން މަރާލި އިރު ފުލުހުން އިސްކަން ދިނީ މާހެފުން ރޫޅާލަން: އެމްޑީޕީ

މިދިޔަ ހުކުރު ދުވަހުގެ ހަމަލާދީ ދެ ކުޑަކުދިން މަރާލި އިރު ފުލުހުން އިސްކަން ދިނީ އެމްޑީޕީ އިން ބޭއްވި މާހެފުން ރޫޅައިލަން ކަމަށް އެ ޕާޓީ އިން ބުނެފި އެވެ.

މާހެފުން ރޫޅައިލުމުން، އެކަން ކުއްވެރިކޮށް މިއަދު އެމްޑީޕީން ނެރުނު ބަޔާނުގައި ބުނެފައި ވަނީ މާހެފުން ރޫޅައިލަން 50 އަށްވުރެ ގިނަ ފުލުހުން ސޯސަން މަގުގައި ހަރަކާތްތެރިވަމުން ދިޔައިރު ރާއްޖޭގައި ދުވަހަކު ވެސް ހިނގާފައިނުވާފަދަ ގޮތަކަށް އެއްރެއެއްގައި މާރާމާރީތަކެއް ހިނގައި ރަހުމެއް ނެތް ގޮތުގައި ކުޑަ ދެކުއްޖަކު މަރާލިއިފަވާ ކަމަށެވެ.

"އެހެން ނަމަވެސް އެކަންކަން ހުއްޓުވުމަށް ފުލުހުންގެ މުއައްސަސާގެ ވަސީލަތްތައް ބޭނުންނުކޮށް މާހެފުން ރޫޅާލުމަށް އިސްކަންދީ، މުޅި މުއައްސަސާގެ ވަސީލަތްތައް މާހެފުން ރޫޅާލުމަށް ބޭނުންކުރީ،" އެމްޑީޕީ އިން ބުންޏެވެ.

އެ ބަޔާނުގައި އިތުރަށް ބުނެފައިވާ ގޮތުގައި އެ ރޭ މާހެފުން ބޭއްވީ ހުއްދަ ނުހޯދައި ކަމަށް ފުލުހުން ބުނާ ވާހަކައަކީ ވެސް ކަންޑައެޅިގެން ދޮގެކެވެ. އަދި ސޯސަންމަގުގައި ހުންނަ އެމްޑީޕީ އޮފީސް ކުރިމަތި މަގު ބަންދުކޮށްގެން ބޭނުންކުރުމުގެ ހުއްދައަށް އެދި ހައުސިން މިނިސްޓްރީ އަށް ސިޓީއަކުން ވަނީ އެދިފައި ކަމަށާއި އެ ސިޓީގެ ކޮޕީ އެއް މިދިޔަ މެއި 29 ވަނަ ދުވަހު ފުލުހުންނަށާއި، އިލެކްޝަންސް ކޮމިޝަނަށާއި، ހިޔުމަން ރައިޓްސް ކޮމިޝަނަށްވެސް ވަނީ ކޮޕީކޮށް މި މައުލޫމާތު އެފަރާތްތަކާވެސް ވަނީ ހިއްސާކޮށްފަވާނެ ކަމަށް އެ ބަޔާނުގައި ބުނެފައިވެ އެވެ.