ގއ. ނިލަންދޫގައި ޕޮލިސް ޑެސްކް ގާއިމްކޮށް ފުލުހުންގެ ހިދުމަތް ދޭން ފަށައިފި އެވެ.
ނިލަންދޫ ޕޮލިސް ޑެސްކްގެ ހިދުމަތް އިފްތިތާހު ކުރުމުގެ ގޮތުން އިއްޔެ ނިލަންދޫ ކައުންސިލް އިދާރާގައި ބޭއްވި ރަސްމިއްޔާތުގައި ހިދުމަތް އިފްތިތާހު ކޮށްދެއްވީ އަޕާ ސައުތު ޕޮލިސް ޑިވިޝަންގެ ކޮމާންޑާ ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ހަސަން ހަނީފް އާއި ނިލަންދޫ ކައުންސިލްގެ ރައީސް ނާސިހް އިބްރާހީމެވެ.
މި ރަސްމިޔާތުގައި ވާހަކަ ދައްކަވަމުން، ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ހަސަން ހަނީފް ވިދާޅުވީ ގއ. ނިލަންދޫގައި ޕޮލިސް ޑެސްކް އިފްތިތާހުވެގެން ދިއުމަކީ ރައްޔިތުންގެ ނަފުސާއި މުދަލުގެ ރައްކާތެރިކަން ކަށަވަރުކުރަން އެޅިގެންދާ މުހިއްމު ފިޔަވަޅެއް ކަމަށެވެ. އެހެންކަމުން، ރަށުގައި ކިތަންމެ މަދު އަދަދެއްގެ ފުލުހުން ގާއިމްވެތިބި ނަމަވެސް އެ އަމާޒު ހާސިލުކުރުމަށް މަސައްކަތްކޮށް ރަށުގެ ކުށުގެ ހާލަތަށް ރަނގަޅު ބަދަލުތަކެއް ގެންނަން މަސައްކަތްކޮށްދެއްވުމަށް އެ ރަށުގައި ގާއިމްވެތިބޭ ފުލުހުންގެ ކިބައިން ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ހަސަން ހަނީފް އެދިވަޑައިގެންނެވި އެވެ.
ރާއްޖޭގެ ހުރިހާ ރަށެއްގައި ފުލުހުންގެ ހިދުމަތް ގާއިމްކުރަން ކުރަމުންދާ މަސައްކަތްތަކުގެ ދަށުން ދުރުނޫން މުސްތަގުބަލެއްގައި އިތުރު ރަށްރަށުގައިވެސް ޕޮލިސް ޑެސްކްގެ ހިދުމަތް ފެށުމަށް ވަނީ ހަމަޖެހިފައެވެ.