މޯލްޑިވްސް ޕޮލިސް ސާވިސް

ފ. އަތޮޅުގެ ހުރިހާ ރަށަކަށް ފުލުހުންގެ ހިދުމަތް

ފ. ދަރަނބޫދޫގައި އިއްޔެ ޕޮލިސް ޕޯސްޓެއް ހުޅުވުމާއެކު ފ. އަތޮޅުގެ ހުރިހާ ރަށެއްގައި ފުލުހުންގެ މަރުކަޒު ގާއިމުކޮށް ހިދުމަތް ދޭން ފަށައިފި އެވެ.

ޕޮލިސް ޕޯސްޓް މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ގާއިމުކުރެވުނު ފުރަތަމަ އަތޮޅަކީ ވެސް ފ. އަތޮޅެވެ.

މިއީ ލާމަރުކަޒީކޮށް ރައްޔިތުންނާ ގާތުން ފުލުހުންގެ ހިދުމަތް ދިނުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ކުރެވުނު މަސައްކަތެއް ކަމުގައި ބުނެ އެވެ.

ފ. ފީއަލީގައި ކުރިން ދެމުންގެންދިޔަ ޕޮލިސް ޑެސްކުގެ ހިދުމަތް ޕޮލިސް ޕޯސްޓަކަށް ބަދަލުކޮށް، ދަރަނބޫދޫގައި ޕޮލިސް ޕޯސްޓެއް ގާއިމުކޮށް ރަސްމީކޮށް ފުލުހުންގެ ހިދުމަތް ދޭން ފަށާފައިވާއިރު ފ. އަތޮޅުގެ އެހެން ރަށްތައް ކަމަށްވާ ނިލަންދޫ، މަގޫދޫ އަދި ބިލެތްދޫގައި ޕޮލިސް ސްޓޭޝަން ގާއިމުކޮށް ފުލުހުންގެ ހިދުމަތް މީގެ ކުރިންވެސް ދެމުން ގެންދެ އެވެ.

މީގެ އިތުރުން ފުރަތަމަ ފަހަރަށް ތ. އަތޮޅުގައި ފުލުހުން ވަނީ އަވަށްޓެރި ފުލުހުންގެ ހިދުމަތްވެސް ފަށާފަ އެވެ. ތ. އަތޮޅަށް އަވަށްޓެރި ފުލުހުންގެ ހިދުމަތް ތައާރަފްކޮށް ހިދުމަތް ދޭން ފެށީ ވޭމަންޑޫގައި މި މަހުގެ ނުވަވަނަ ދުވަހު އެވެ.