ހަބަރު

ނުކުޅެދުންތެރިކަން ދަރަޖަ ކުރާ މިންގަނޑެއް ކަނޑައަޅަނީ

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ދަރަޖަ ކުރާނެ މިންގަނޑެއް މިއަހަރު ތެރޭގައި ކަނޑައަޅާނެ ކަމަށް ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ހައްގުތައް ހިމާޔަތް ކުރާ ކައުންސިލުން ބުނެފި އެވެ. ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ހައްގުތައް ހިމާޔަތް ކުރާ ކައުންސިލުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޑޮކްޓަރުންގެ ތެރެއިން ކައުންސިލަށް އިންތިހާބު ކުރި ޑރ. އަހުމަދު ޒިޔާން ވިދާޅުވީ ރާއްޖޭގައި މިހާތަނަށް ނުކުޅެދުންތެރިކަން ހުންނަވަރު މިން ކުރުމާއި ދަރަޖަ ކުރުން ނޯންނަ ކަމަށާއި އެގޮތުން އެ މަސައްކަތްތައް މިއަހަރު ތެރޭގައި ކުރުމަށް މަސައްކަތަކެއް ކުރަމުން އަންނަ ކަމަށެވެ.

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ދަރަޖަ ކުރެވޭނެ މިންގަނޑެއް ކަނޑައެޅުމަށް ޑޮކްޓަރުންނާއި މަޝްވަރާކޮށް އެފަރާތްތަކުގެ ލިޔުންތަކާއިއެކު މިއަހަރުތެރޭގައި ގެޒެޓު ކުރާނެ ކަމަށް ވެސް ޒިޔަން ވިދާޅުވި އެވެ.

"މިހާރުވެސް ކޮންމެވެސް ކަހަލަ އުސޫލެއް ކަނޑައެޅިފައިވޭ ނަމަވެސް އެއީ އެންސްޕާއިން އެލަވަންސް ދިނުމުގައި ކަނޑައެޅިފައި އޮންނަ އުސޫލު. އެކަމުގައި އެންސްޕާއިން ކޮންސަލްޓަންޓެއް ގެނެސްގެން ކޮންމެވެސް ވަރަކަށް އެކަން ކުރި އެކަން. ކައުންސިލުން އެއްޗެހި ރިވިއުކުރާނަން އަދި އޭގެ ގިނަ މިންގަޑުތަކަކީ ޑޮކްޓަރުންގެ ލިޔުން ބޭނުންވާ ކަންތަކަށް ވާތީ އެކަމާއި ބެހޭ ޑޮކްޓަރުންނާއި މަޝްވަރާ ކުރުމަށް ފަހު މިއަހަރު ތެރޭގައި ގެޒެޓު ކުރެވިގެންދާނެ،" ޒިޔާން ވިދާޅުވި އެވެ.

ޒިޔާން ވިދާޅުވި ގޮތުގައި ނުކުޅެދުންތެރިކަން ދަރަޖަ ކުރާނެ މިންގަނޑެއް ކަނޑައެޅުމުގެ އެއް ބޭނުމަކީ އިނާޔަތްތައް ދިނުމުގައި ހުރި ބައެއް މައްސަލަތައް ހައްލު ކުރުމެވެ.