ވާހަކަ

ކިނބުލެއްގެ ހިތުގެ އެންމެ ފުންމިނުން

މީހުން ބުނާތީ އަހަމެވެ. ރާއްޖެ އަކީ ދުނިޔެ މަތީގެ ސުވަރުގެ އެވެ. ސާފު މޫދާއި ވިލު ނޫ ފަޅާއި ހިތްގައިމުކަމެވެ. މުރަކައިގެ ޖަޒީރާ ރަށްތަކާއި ހުދު ދޮންވެލީގެ އަޖާއިބެވެ. ސިނޯލުގެ ހިއްކަޑުވާ ބީޗު ދޫކޮށް، 800 އެއްހާ ކިލޯމީޓަރަށް ފަތާފައި ނުވަތަ އޮޔާއި ވައިގައި ޖެހި ބެހިގެން، ވިއްސާރަ އާއި އަވީގައި ލެވި ހަނާވެގެން މި ތަނަށް މި އައީ އެހެންވެ އެވެ.

އެނބުރިގޮސް މި ރަށްތަކުގެ އަޅި މަގޭ އަޚުންނަށް ވެސް ބުރުވާލެވޭނެތީ އެވެ.

ނަމަވެސް މި ރަށްތަކުގެ އަހުލުވެރިންނޭ ކިޔުނު ދިވެހީން މަށަށް ކީ ހީކުރި ކަހަލަ މަރުހަބާއެއް ނޫނެވެ. އަލިމަހުގެ ތުނޑިއެއްހާ ނަލަ ދޮންވެލީގެ ގޮނޑުދޮށަކަށް އަރައި އަނގަ އޭގެ ތަންމިނަށް ހުޅުވާލައިގެން ބަނޑުފުރާލުމުގެ އުއްމީދުގަ އާއި ވަރުބަލިކަން ފޮޅައިލުމުގެ ބޭނުމުގައި ޖައްސާލީމަ، ބަރުހެލިވެފައި އޮތް މަގޭ ހަށިގަނޑަށް ތިރިކޮށްލީ ސިފަ ހުތުރު ކާޅެކެވެ.

ބުރަކަށީގައި ކޮށަންފެށި ކާޅަށް ގުއިރެވިގެން އުދުއްސައިގަތީ ރުޅިއަރައިގަނެގެން މަ ހެދިގަތްގޮތުންނެވެ. އެހެންޏާފަހެ ކަނޑުމަތީގައި ބައްތިރީސް އެތައް ދުވަސްވީ އެވެ. ޅަ ވަރެއްގެ މިޔަރުގަނޑަކާއި މި އޮތް ދިމާލުން ލައްވާލި ރާގޮނޑިއެއް ފިޔަވައި ކާލާނެ އެއްޗެއް މިދިޔަ ދުވަސްތަކަކު ނުލިބެ އެވެ. 

މިހާލުގައި އޮވެ ރަށަށް އަރައި ޖައްސާލިތަނުން ބައްދަލުވީ ކާޅަކާ އެވެ. މަގޭ ބުރަކަށްޓަށް ގުއިރެވުމަށް ފަހު އެ ދޫނިގަނޑެއް ވެސް އުދުއްސައިގެން ދިޔައީ އެވެ.

އަރައިގެންފައި އޮތް ރުޅިގަނޑު މައިތިރިވެ، އަނގަ ލެއްޕި، މީހުން އެ ބުނާ "ކިނބުލުގެ ހިނިތުންވުމެއް" މަގޭ އަނގަމައްޗަށް ވެރިވީ އެއަށް ފަހު އެވެ. ބޯ ހުރާލާފައި އެހެން ދިމާލަކަށް ދާން އެނބުރިގަތްތަނުން މީހަކާ ބައްދަލުވުމުންނެވެ. އެއީ ހިތްކަޑުވާގައި ކުރު ހެދުންލައިގެން ފޯރިނަގަން އުޅޭ ވައްތަރުގެ މީހެއްކަން އެނގުމާ އެކު ދިވެއްސެއްކަން ވެސް ޔަގީންވެއްޖެ އެވެ.

މި މީހާ އޭނާގެ ފިނދުމަސްގަނޑު ކާޅަށް ދީގެން އިން ކަހަލަ އެވެ. އުޑުފައިން އިން މެދުއުމުރުގެ މި ފިރިހެން މީހާ އަހަންނާ ދިމާލަށް ބަލަހައްޓައިގެން އިނދެ ތުރުތުރުއަޅަމުން ގެންދަނީ އެވެ. ބޮޑާކަމާއި ކިބުރުވެރިކަމުގައި އަހަރެން ކުރިއަށް އެޅި ފަރި ފިޔަވަޅާ އެކު ދެނަކާ ދެނެއް ނެތި މި މީހާ ފުންމައިގެން ތެދުވެ ހޯބޯލައްވަމުން މަގޫގަސްތަކުގެ ތެރެއަށް ވަދެ ފިލައިފި އެވެ.

އޭނާ އުޑުފައިން އިން ތަނަށް ގާތްކޮށްލިއިރު ނޯށްދަމާލެވޭ ވަރެއް ނޫނެވެ. މި އޮތީ ވާ ރާއްޖެކޭ ކިޔާފައި އަހަރެން އަނެއްކާވެސް އެހެން ދިމާލަށް އެނބުރިގަތީ އެވެ.

ތުނޑިއެއްހެން އޮތް ވެލިގަނޑުމަތީގައި އެނބުރޭތާ ފުދޭވަރަކަށް ގިނައިރުވިފަހުން އަނެއްކާވެސް ބައެއްގެ ހިލަމެއްވެއްޖެ އެވެ. ފަސް އެނބުރި ބަލައިލިއިރު ކަމުދާކަށް ނެތެވެ. ރަށުގެ އަހުލުވެރިންނޭ ކިޔުނު ދިވެހިންގެ ބޮޑު ލަޝްކަރެއް މަގޭ ފަހަތުން މި އޮތް އަންނަނީ އެވެ.

އެމީހުންގެ އަމާޒަކީ މަކަން އެނގުމުން ދުއްވައިގަނެވުނީ އެންމެ ރައްޓެހި، އެންމެ ފަރިތަ މޫދަށެވެ. ނަމަވެސް އެމީހުން މަށާ ދިމާލަށް އެއްލި ދަލުގައި ނިކަން ރަނގަޅަށް މަ ޖެހި މި ދިވެހީންގެ އަތްދަށުވެއްޖެ އެވެ. އެކަމަކު އެވަރުންވެސް އަހަރެންގެ އިސް ދަށަކަށް ނުޖަހަމެވެ. 

ދަމައި ގެނެސް އަލުން އެއްގަމަށް އެރުވިއިރު ވެސް މަ އޮތީ މަގޭ އެންމެ ނުލަފާ ހިނިގަނޑުން މޫނު ދިއްލާލައިގެންނެވެ. ދެން ހީވީ ރެޑްކާޕެޓްގެ މައިދާނަކަށް މަ ހޫރާލިހެންނެވެ. އެއްގަމަށް އަރުވައިގެން މަގޭ ތުންބަނދެ ހަތަރެސް ފައިގައި ވާ ޖަހަމުން ދިޔައިރު ހަމަ އަސްލަށް ވެސް ލިބުނު ހިތްދަތިކަމަށް ވުރެ އަހަރެން އޮތީ ފޮނިބޮޑުވެފަ އެވެ.

ހިތަށް އެރި އެވެ. ނުވެގެން އުޅުނު ކަންތައް މިވީ އެވެ. މަ ސެލެބްރިޓީއަކަށްވީ އެވެ. އެހެންޏާ އެ ކެމެރާތަކާއި ފޯނުތަކުގެ ފްލޭޝެއް ކަނޑާވަރުން ދެ ލޯ ވެސް ހުޅުވާލެވެނީކީއެއް ނޫންވިއްޔާ އެވެ.

ދެން ކޮންމެއަކަސް މިވެރިންގެ ކޮންމެ މީހެއްގެ އުނގަށް މަ ލައިގެން ފޮޓޯ އާއި ސެލްފީ ނެގުމަށް ފަހު ކޮނޑަށް ލައިގެން އެއްގަމަށް އަރައިގެންފި އެވެ. އަހަންނަށް ހަމަ، ދިފާއުގައި އެއްޗެއް ބުނެލޭ ވަރެއް ވެސް ނޫނެވެ. އަދި ހިތަށް އެރީ މިހާ އިއްޒަތުގައި، ރަށު މީހުންގެ ކޮނޑަށް ލައިގެން ގެންދާ ނަމަ ޝަކުވާއެއް ކުރުމުގެ ބޭނުމެއް ވެސް ނެތް ކަމަށެވެ.

ރަށު ތެރެއަށް އަރައިގެން އައިއިރު އަހަރެންގެ ފައިންފުޅު ދުށުމަށް ރަށު އެންމެން އެއްވެ ތިއްބެވެ. ވީ އުފަލަކުން މަށަށް ތެޅިގަނެވުނީ އެވެ. އެވަރުގެ ބޮޑު އުފާވެރިކަމެއް މީގެ ކުރިން އިހްސާސުކުރެވިފައި ނެތީމަ އެވެ.

ނަމަވެސް މަގޭ ދިހަ ފޫޓެއްހާ ދިގު 300 ކިލޯއެއްހާ ބަރު ހަށިގަނޑު ނުހިފެހެއްޓިގެން ބިން މައްޗަށް ވެއްޓުނީ އެވެ. ދެން ފެނުނީ މީހުންތައް ފިތްކަނޑައިގެން ގޮސް ބައެއް މީހުން ހޭނެތި އަނެއް ބަޔަކު ދުންޖަހާފައި ހޮރުހޮރަށް ވަނުމަށް ތެޅިގަތް މަންޒަރެވެ.

އޭރު ހަތަރެސްފައިގައި އައްސާފައި އޮތް ވާފަށް ދޫވެފައި އޮތުމުން މަށަށް ކޮންމެވެސް ވަރަކަށް ދުވެވެސްލެވެ އެވެ. ނަމަވެސް އެކަން ވެސް ވީ މީހުން އިތުރަށް ބިރުގަތް ކަމެކެވެ.

ދެން ފެނުނީ އެ މީހުންތަކުގެ ތެރެއިން ނޫ ކުލައިގެ ޔުނީފޯމެއްގައި ތިބި ހައެއްކަ ފިރިހެނަކު މޭ ފުއްޕާލާފައި އައިސް މަށާ ކުރިމަތިލައިގެން މަގޭ ހަތަރެސްފައި އަލުން ބަނދެ ފިޔަވަޅެއް ނޭޅޭވަރުކޮށްލި ތަނެވެ. އެމީހުން ވެސް އަދި މަށާ އެކު ސެލްފީ ނެގި އެވެ. ވީފޫއްސަކުން މަ އެ ކެމެރާގަނޑަކަށް ނުބަލަމެވެ.

އެހެންޏާ އަހަރެން މި ރާއްޖެއައީކީ މިވެރިންނާ އެކު ސެލްފީނަގާކަށް ނޫން ވިއްޔާ އެވެ.

ކޮންމެއަކަސް، މިވެރިން އެވެރިންގެ ކޮނޑަށް މަ ލައިގެން ގެންދިޔައީ އަހަންނާ ރުހި ގަބޫލުވެ ވީ ލޯތްބެއްގެ ބޮޑުކަމަކުން ނޫންކަން ރޭކާލީ ދެނެވެ. އެއްވެފައި އޮތް ބައިގަނޑުގެ ތެރެއިން ބައެއް މީހުން މަގޭ ގައިގައި ގަލުން ތަޅައި މޫނަށް ކުޅު ވެސް ޖަހަން ފެށީ އެވެ. ހެއްދެވި ނެހެއްދެވި އަށް ގޮވަން ފަށައިފި އެވެ.

ބުނާ އަޑު އިވެ އެވެ. މި ރާއްޖެ އަކީ ސުވަރުގެއެކެވެ. ކަނޑުގެ ދިރުންތަކަށް ވެސް ގާނޫނުން ހިމާޔަތް ލިބިދީފައިވާ ގައުމެކެވެ. އަނެއްކާ މިވެރިން މި އުޅެނީ މަގޭ ބަނޑު ފަޅާލައިގެން މަގޭ މަސްކާން ހެއްޔެވެ؟ ހިތަށް މިހެން އަރައި ވެރިވި ބިރުވެރިކަމުގައި ދެ ލޯ ފެންކަޅިވެއްޖެ އެވެ.

އެހެން އޮތްވައި އަނެއްކާވެސް މީހަކު ނިކަން ގަދަ އަށް ކަރުކެހިލާފައި މަގޭ މޫނަށް ކުޅެއް ޖަހާލައިފި އެވެ. އޭރު ބަނޑުހައިވެގެން ގޮސް މަ އެ އޮތް ހަބަރުހުސްވަނީ އެވެ.

ހިތަށް އެރި އެވެ. މި ސުވަރުގެއަކަށް ނާދެވުނު ނަމަ މާ ރަނގަޅުވީހެއް ނޫން ހެއްޔެވެ؟

ބަނޑުހައިވެގެން ކާލާނެ އެއްޗެއް ލިބޭނެ ކަމުގެ އުއްމީދުގައި މީހަކާ ދިމާލަށް ބަލާލީމަ ވެސް މޫނަށް މި ޖަހާލަނީ ކުޅެކެވެ. ރަށު ތެރެއަށް ވެސް ނޭރިގެން އުޅެނިކޮށް މަ ފަކީރުގެ ހަތަރެސްފައި ބަނދެ ހަދާނެ އެއްޗެއް ހަދާލައިފި އެވެ.

ދެން ވެރިވީ ފޫހިކަމެވެ. ކައުންސިލެކޭ ކިޔުނު ތަނަކަށް ގެންގޮސް މަގު މަތީގައި އަހަރެން ބާއްވާލައިގެން ތިބޭތާ އެތައް އިރެއްވީފަހުން އެހެން ބަޔަކާ މަ އެންމެފަހުން ހަވާލުކޮށްފި އެވެ. އެމީހުން ވެސް އައިސް އަހަރެން ނަގައިގެން ގެންދިޔައީ އެވެ. ލޮނުގަނޑު ކަފަމުން ސްޕީޑް ބޯޓެއްގަ އެވެ. 

އެމީހުން ގޮސް މަ އެއްލައިލީ ކޮށްޓެއްގެ ތެރެއަށެވެ. ފެންގަނޑެއް ވެސް އެތަނުގައި އޮތެވެ. ދެން އޮތީ އަހަރެން ކަހަލަ ދެ ތިން ކިނބުލެވެ. މަ ގޮސް މި ކޮށިގަނޑުގެ ތެރެއަށް ގުޅައަކަށް ޖެހުމާ އެކު ދެން ތިބި އެއްޗެހިތައް ޗަކަޗަކަލާފައި ހޭން ފަށައިގަތެވެ.

"ކޮބާ ޗަކޮއި މަޝްހޫރުވެއްޖެ ދޯ؟ ދެން މި ވެރިން ހަދާނީ ޗަކޮއި ކިޔާ ފިލްމެއް،" އެއީ އެތަނުގައި އޮތް އެންމެ ފަލަ، ޖާނު ވަރުގަދަ އެތި އެވެ.

މަންމަ ކިނބުލެކެވެ. ދަރިން ފަތި ގޮވައިގެން މި ރާއްޖެ އެރިތަނުން، މަސްވެރިންނޭ ކިޔުނު ބަޔަކު ހިފީ އެވެ. އޭނާގެ ފަސް ދަރިން އެކަމަކު ފިލީ އެވެ.

ކޮންމެއަކަސް އެ މަންމަގެ މި ހިތާމަ އަށް ވުރެ މަށަށް މުހިންމުވީ "ޗަކޮއި" ކިޔާ ފިލްމެވެ. އެހެން އެ ބުނީ ސަމާސާއަކަށް ކަމުގައިވިޔަސް އަހަރެންގެ ހަޔާތުގެ މައްޗަށް މި ވެރިން ލައްވައި ފިލްމެއް ހައްދާހިތްވެ އެ ހިޔާލުތަކުގެ ތެރެއަށް މަގޭ ހިތް ކޮންމެއަކަސް ބަނޑުންވެއްޖެ އެވެ.

ނިކަން ހިޔާލަށް ގެނެސް ބައްލަވާށެވެ. ހުރިހާ ދިވެހިންނާ އަހަރެންގެ ހަތަރެސްފައި ގުޅާލައިގެން ހަވާ އަރުވަން އުޅޭ ގޮތެވެ. ނަމަވެސް މި އުޅޭ ދިވެހިން އަހަރެން ދެކެ ގަންނާމިކުރައްވާ ބިރަކާ ހެދި މިކަމެއް ނުވާނެކަން ވެސް އެނގެ އެވެ.

ހިތާމަ އަކީ މިވަރުގެ ބަޔަކު ނެތޭ ހިތަށް އަރައިގެން އެމީހުންގެ ތައްޕާހަށް އާދެވުނު މޮޔަ އެވެ. އަދި މި މޯޑިސްއަކުން އަހަރެން ދެން ސަލާމަތެއް ނުވާނެ ކަމެވެ. ކުރެވޭ ތުހުމަތަކީ ރަށެއްގެ ރައްޔިތުން ބިރުވެރިކަމެއްގެ ތެރެއަށް ވައްޓާލައި ބައެއްގެ ފުރާނަ ދުއްވާލަން މަސައްކަތްކުރި ކަމުގެ ތުހުމަތެވެ.

މިހާރު ވެސް "ކުޑަކުދިންގެ ބަގީޗާ" އޭ ކިޔުނު ޖަލެއްގެ ކުޑަގޮޅިއެއްގައި އަހަރެމެންގެ ބްރޯއެއް އެބައޮތެވެ. ޒުވާން އުމުރުގައި ހައްޔަރުކޮށް ބަންދުކުރިގޮތަށް އޮވެ އެ އޮތީ ގައިން ބާރު ދޫވެ މުސްކުޅިވެފަ އެވެ. ކުށަކީ ފަޅު ރަށަކަށް އެރުމެވެ.

މިއީ އެނބުރި ދެވޭނެ ގޮތެއް ނެތް ތަނެކެވެ. އަހަރެންގެ ޒުވާންކަމުގެ ދުވަސްތައް އަދި ކުރިއަށް އޮތީ އެވެ. ފުރާވަރުގެ ސަމާސާއެއް ވިހަވެ މޯޑިސްގައި ބަންދުވީ އެވެ. މުޅިން ކަޑަ އެވެ.