"މުހައްމަދުއްރަސޫލުﷲ" ޑްރާމާ ސިލްސިލާ އަކީ ބަލައިފޫހިނުވި ޑްރާމާއެކެވެ. އޭގެ މަންޒަރު މިއަދަށް ކިތަންމެ ނުސާފުވެފައި، ފެންވަރު ކިތަންމެ ދަށަސް އަދިވެސް ދިވެހިންގެ އެންމެ ފެވަރިޓް އެއް ޓީވީ ޝޯއަކަށް މި ޑްރާމާ ސިލްސިލާވާނެކަން ޔަގީނެވެ. "ގޭމް އޮފް ތްރޯންސް" އަށް ވެސް މި ބިމުގައި މީގެ މަގްބޫލުކަމާ އެއްވަރަކަށް ނާދެވޭނެކަން ޔަގީނެވެ.
މި ރޯދަ މަހު ވެސް އެންމެ ގިނަ ބަޔަކު އިންތިޒާރުކުރާ ޓީވީއެމްގެ ޝޯއަކަށް "މުހައްމަދުއްރަސޫލުﷲ" ވާނެކަމާ މެދަކު ސުވާލެއް ވެސް ނުއުފެދެ އެވެ.
ޝޯގެ މަންޒަރުތަކާއި ޑައިލޮގްތައް ދިވެހިން ހިތުދަހެވެ. އޭގެ ކެރެކްޓާސްތަކަކީ ދިވެހިންގެ ނިކަން ގާތް އެކުވެރިންނެވެ. – ހުރިހާ ވެސް ޝުކުރެއް، މިސްރުގެ މި ޓީވީ ޑްރާމާއެއް ދިވެހި ބަހުން ޑަބްކުރި އާދަޔާހިލާފު ޓީމަށެވެ. އަދި އޭގެ ޑަބިންގައި ކެރެކްޓާތަކުގެ އަސްލު ނުގެއްލޭ ފެންވަރަށް އަޑު އަޅައިދީފައިވާ އާދަޔާހިލާފު ދިވެހި ވޮއިސް އެކްޓަރުންނަށެވެ.
ނަމަވެސް ކޮންމެ ރޯދަ މަހަކު ދިވެހިން މުނިފޫހިފިލުވައިދޭ މި ޑްރާމާއެއް ބަލަމުންދާއިރު އޭގެ ވޮއިސް އެކްޓަރުންނަކީ ކޮން ބައެއްތޯ ބަލައިލުމަކަށް އަހަރެމެން ކުޑަވެސް ޝައުގުވެރިއެއް ނުވެ އެވެ. ފަހަރެއްގައި، ޑަބްކޮށްފައިވާ މޮޅުކަމުންނާއި ވޮއިސް އެކްޓަރުންގެ ގޮތުގައި އެވެރިން ނެރެފައިވާ ހުނަރު ކަންފަތުގައި ޖެހި އާޝޯހުވެ، އެއީ އަސްލު އަޑު ކަމަށް ގަބޫލުކުރެވެނީ ކަމަށް ވެސް ވެދާނެ އެވެ.
އެގޮތުން ބަލާއިރު މި ޑްރާމާ އިން ކޮންމެ ރޯދަ މަހަކު ދިވެހިންނާ ބައްދަލުކުރާ ކެރެކްޓާސްތަކުގެ ތެރެއިން ހާމާން އަކީ ޔަގީނަށް ވެސް ދިވެހިންގެ އެންމެ ބޮޑު ފެވަރިޓެވެ. ޝޯގައި އޭނާ އަކީ މުސްލިމުންގެ އެންމެ ބޮޑު ދުޝްމަނެވެ. ނަމަވެސް މި ޝޯގެ ބެލުންތެރިންގެ މެދުގައި އޭނާ އަކީ "އެންމެ ބޮޑު ޑާލިން" އެވެ.
އޭނާގެ އާދަޔާހިލާފު އަޑާއި ފަނޑުވުމެއްނެތް ޑައިލޮގްތަކަށް ދިވެހިންގެ ހިތްތަކުން ދީފައިވާ ޖާގަ ވަރަށް ވެސް ބޮޑެވެ. – ހުރިހާ ވެސް ޝުކުރެއް އިބްރާހިމް ރަޝީދަށެވެ. ނުވަތަ މަޝްހޫރު ނަމުން ނަމަ، މަހުރަބު އިއްބެ އަށެވެ.
ހާމާނުގެ ކެރެކްޓާ އެ ވަރުގަދަކަމުގައި އަހަރެމެންގެ ހިތްތަކާ ހަމަ އަށް ގެނެސްދިން ވޮއިސް އެކްޓަރަކީ މިއީ އެވެ. އެހެންވީމަ "މުހައްމަދުއްރަސޫލުﷲ" އަށް ޑަބްކޮށްފައިވާ ވޮއިސް އެކްޓަރުންގެ ސިލްސިލާއެއް ފަށާއިރު ޝޯގެ އެންމެ ފެވަރިޓް ނުވަތަ މަގްބޫލު ކެރެކްޓާ އާއި އެ ކެރެކްޓާ އަށް އަޑުއަޅައިދީފައިވާ އިއްބެގެ ވާހަކައިން ފެށީމަ މިއަށް ވަކި މިއަށްވުރެ ރަނގަޅު ފެށުމެއް ލިބޭނެހެނެއް ވެސް ހީއެއް ނުވެ އެވެ.
ހާމާނުގެ ކެރެކްޓާގެ އޮރިޖިނަލް އަޑާ ވައްތަރު ދިވެހި އަޑެއް އުފަންކުރުވި ގޮތުގެ ފަހަތުގައި އޮތް ބެކްސްޓޯރީ ވެސް ނިކަން ޝައުގުވެރިވީމަ އެވެ. އެކަމަކު ހާމާނުގެ މި ދިވެހި އަޑެއް އުފަންވުމުގެ ކުރިން އެންމެ ފުރަތަމަ އިބްރާހިމް ރަޝީދުގެ އޮރިޖިނަލް ސްޓޯރީއިން ފަށައިގަތުން ކިހިނެތްވާނެ ހެއްޔެވެ؟
އަބަދުވެސް އެންމެ މަޖާ މީހާ، އެންމެ އިންޓްރެސްޓިން ކެރެކްޓާ
ޓީވީއެމްގެ އިއްބެ ނުވަތަ އިބްރާހިމް ރަޝީދު ސިފަކޮށްދިނުމަށް މީހެއްގެ ގާތުގައި ސުވާލުކޮށްފި ނަމަ އެއަށް ލިބޭނެ އެންމެ އާންމު ނުވަތަ އެންމެ ފުރިހަމަ ޖަވާބަކަށްވާނީ މިއީކަން ޔަގީނެވެ. ސަބަބަކީ އޭރު ވެސް އަދި މިހާރު ވެސް، އިއްބެހާ މަޖާ ނުވަތަ އޭނަހާ އިންޓްރެސްޓިން ކެރެކްޓާއެއް ޓީވީއެމްގެ ފުރާޅުގެ ދަށުގައި ނެތީމަ އެވެ.
އިއްބެ އާއި ޓީވީއެމްގެ ލޯބީގެ ވާހަކަ ފެށެނީ 1991 އިގެ ނޮވެމްބަރު މަހުންނެވެ. އެކަމަކު އޭގެ ކުރިން މުނިފޫހިފިލުވުމުގެ ސްޓޭޖަށް އޭނާ ނެރެދިނީ މުޅިން ތަފާތު ލޯބީގެ ވާހަކައެކެވެ.
އޭރު އިއްބެ އަކީ ނޯޖަވާނެކެވެ. ކިޔަވާވިދާޅުވަމުން ގެންދަވަނީ އީޕީއެސް ސްކޫލްގަ އެވެ.
"ހިތް ވަކި ހިސާބަކަށް ދިޔައީމަ އާދޭ ނޫންތޯ ވަރަށް އެހެން ކަހަލަ ޖަޒުބާތުތަކާއި އިހްސާސްތައް. އަޅުގަނޑުގެ ހިތް ވެސް އެ މަރުހަލާ ހަމަ ކަޑައްތުކުރިއޭ އިނގޭތޯ. ވީގޮތަކީ އީޕީއެސްގައި އުޅުނު [އަންހެން ކުއްޖަކު] މާ ބޮޑަށް ބޭނުންވީ އޭނާ އަށް އެނގެން. އިއްބެ ބޭނުންވީ އޭނާ އަށް ތައާރަފްވާން. އެހެންވީމަ ދެން ވަރަށް ގިނަ ފަރުދާތައް ކަހާލާފައި ނުކުތީ،" ސްޓޭޖަށް ނުކުމެ އެންމެންގެ ސަމާލުކަން ހޯދަން މަޖުބޫރުވި ގޮތުގެ ބެކްސްޓޯރީ އިއްބެ ފަށައިގަތީ މިހެންނެވެ.
"ހިތުގައި އޮތީ އޭނާ އަށް ފެންނާނެއޭ. އޭނާ އަށް ފެނިދާނެ ކަމުގެ އުއްމީދުގައި އެހުރިހާ ކަމެއް ކުރެވުނީ. އެކަމަކު މަދަރުސާއިން ނިމުނުއިރަކު ވެސް އޭނާ އަކަށް އިއްބެއެއް ނޭނގުނު. އެއީ ދެން އޭގެ ހިތްދަތިކަމަކީ."
އެކަމަކު އެ ހިތްދަތިކަން ފަހުންވީ އުފަލަކަށެވެ. ރާއްޖޭގެ ޓީވީ އިން ބެލުންތެރިންނާ ބައްދަލުކުރި އެންމެ ހުނަރުވެރި ނުވަތަ އެންމެ މަޖާ އަދި އެންމެ ގިނަ ބަޔަކަށް އުފާވެރިކަން ގެނެސްދިން ޓީވީ ޕާސަނާލިޓީ އުފަންވީ އެއަށް ފަހު އެވެ.
އެއީ ކުރީގެ މަޝްހޫރު ސުޕަސްޓާރުން ކަމުގައިވާ މަރިޔަމް ރަޝީދާ އާއި ދަރާ މުހައްމަދު ރަޝީދުމެންގެ ރަންޒަމާނެވެ. އީޕީއެސްގެ ޔުނީފޯމް ބޭލުމަށް ފަހު، ޓީވީއެމްއާ ގުޅުނުއިރު އިއްބެ ވެސް އެންމެ ފުރަތަމަ ޝައުގުވެރިވެފައި ހުރީ މަރިޔަމް ރަޝީދާ އާއި ދަރާ ފަދަ ސުޕަސްޓާރަކަށް ވުމަށެވެ.
"މަރިޔަމް ރަޝީދާ އާއި ދަރާ ރަޝީދުމެން ޓީވީ އިން ފެންނާތީ އޭރު ވެސް ހިތަށް އަރާ ވަރަށް ކުރާހިތްވާ ކަމެކޭ އެއީ. ދެން ހިތުގައި އޮންނަނީ އޭރު ފެންނަ ކޮންމެވެސް ދެ މީހަކާ އެކުގައި ލަވަ/ޑްރާމާ ކުޅެން. ރަމީޒާ އާއި އާސިމާއާ އެކު ފިލްމެއް ކުޅެލަން ނިންމައިގެން އުޅޭނީ އޭރު،" ނިކަން ޝައުގުވެރިކަމާ އެކު އިއްބެ ކިޔައިދިނެވެ.
"ޓީވީއެމް އަށް ވަންއިރު ވެސް މިކަހަލަ ބައިވަރު ހުވަފެންތަކެއް ހުރި އަޅުގަނޑުގެ. މި ދެ ތަރިންނާ އެކު ފިލްމެއް ކުޅެލުން. ގެލެކްސީގައި ލަވައެއް ކިޔާލުން ފަދަ ކަންކަން"
"އިންޓަވިއުގައި ވެސް އަޅުގަނޑަށް ބުނެވުނީ މަރިޔަމް ރަޝީދާ ހުރި ވަޒީފާއޭ އަޅުގަނޑު ބޮޑަށް ބޭނުމީ. އެއީ ފިލްމުތަކުން ފެނި ފިލްމުތައް ކުޅެ ޕްރޮގްރާމްތަކުގައި މަސައްކަތްކޮށްލުން. ދެން އެކޮޅުން ބުނީ ޕްރޮޑިއުސަރަކަށް އުޅުނީމަ މާ ރަނގަޅުވާނެއޭ."
އުމުރުން ގާތްގަނޑަށް ވިއްސަކަށް އަހަރުގައި އެހިސާބުން ޕްރޮޑިއުސަރު ޓްރެއިނީއެއްގެ ވަޒީފާއިން އޭނާ ޓީވީއެމްއާ ގުޅުނީއެވެ.
އެއަށް ފަހު އޭނާ ބަދަލުވީ ޓީވީއެމްގެ ލެޖެންޑަކަށެވެ. އެކަމަކު ޓީވީއެމް އަށް އެންމެ ފުރަތަމަ، ސްކޫލް ދަރިވަރެއްގެ ބެޖުގައި ދިޔަ ދުވަހު އޭނާ ނިދުނު ސްޓޯރީއަކީ ވެސް މިކަހަލަ ވާހަކައެއް ކިޔައިދޭއިރު ދޫކޮށްލާ ވަރަށް ވުރެ ޝައުގުވެރިކުރުވަނިވި ވާހަކައެކެވެ.
އާދަޔާހިލާފަށް މޮޅު، ތަޖުރިބާކާރު ކުރެހުންތެރިއެއްގެ ރޯލު ކުޅުނު މަޝްހޫރު ޑްރާމާ "ފެނުއަޑީގެ ކެންސަރު" އަކީ އިއްބެ އެންމެ ފުރަތަމަ ޓީވީއެމްގެ ކޮޓަރިއަކަށް ވެއްދި މަސައްކަތެވެ.
"އެއީ އެންމެ ފުރަތަމަ މަދުރަސީ ދައުރުގައި ހެދި ޑްރާމާއެއް. އޭތި ޓީވީއެމްގެ ޕްރޮޑިއުސަރަކަށް މާ ބޮޑަށް ކަމުގޮސްގެން ސްކޫލްގައި އުޅެނިކޮށް ޓެލެޑްރާމާއަކަށް ބަދަލުކުރީ،" މިހާރު ޕީއެސްއެމްގެ ޗީފް ކޮންޓެންޓް އޮފިސަރުގެ މަގާމުގައި ހުރި އިއްބެ ބުންޏެވެ.
"އެ ޑްރާމާ އެޑިޓްކުރަންވެގެން އަޅުގަނޑު އެންމެ ފުރަތަމަ ޓީވީއެމް އަށް ދިޔައީ ވެސް. އެރޭ ދެން އެޑިޓްކުރަންށޭ ކިޔާފައި މިތަނަށް އައީމަ ވެއްދީ ވަރަށް ފިނިތަނަކަށް. ކޮންޓްރޯލް ރޫމަކަށް. ދެން އަޅުގަނޑަށް ފެނުނީ އޭގެ މިނެޓެއް ދެ މިނެޓެއް ވަރު. އަޅުގަނޑަށް ނިދިއްޖެ. ވަރަށް ފިނިތަނެއްވީމަ. އެހެންވީމަ ޓީވީއާ އެކު ކުރެވުނު ފުރަތަމަ ތަޖުރިބާ އަކީ ނިދުން އަޅުގަނޑަށް. ބައިނަލްއަގުވާމީ ފެންވަރުގެ ނިދުމެއް."
އިއްބެގެ އާދަޔާހިލާފު އެހެން ޑްރާމާތަކާއި ފިލްމުތަކަށް ބަލާއިރު، "ހަދިޔާ" އާއި "ނުފޮޅޭމާ" އަދި މަޝްހޫރު "ލަދު" ފަދަ މަސައްކަތް ފާހަގަކޮށްލެވެ އެވެ. ޓީވީއެމްގައި ޕްރޮޑިއުސަރެއްގެ ވަޒީފާގައި ހުރެ އުފެއްދި މަޝްހޫރު "މަހުރަބު" ޕްރޮގްރާމަކީ ވެސް އިއްބެގެ ކްލެސިކް މަސައްކަތެކެވެ.
މަހުރަބު އިއްބެއެއް އުފަންވީ އެއަށް ފަހު އެވެ. އެއަށް ފަހު "އަވާމެންދުރު އިއްބެ" އެއް ވެސް އަހަރެމެން ދެކެފީމު އެވެ.
އެހެންވީމަ "ހާމާން އިއްބެ" މި އަންނަނީ ކިހާ ހިސާބަކުން ހެއްޔެވެ؟
އެ އަޑު ނެރެވުނީ ކަރު މެށިގެން!
ޓީވީއެމްގެ ވަޒީފާއާ އިއްބެ ގުޅުނުއިރު ވެސް އޭނާ ވަނީ އެކި މީހުންގެ އަޑުތަކުން ވާހަކަ ދެއްކުމުގައި އާންމުންގެ ސަމާލުކަން ހޯދައިފަ އެވެ. ވަކިން ހާއްސަކޮށް އާދަޔާހިލާފު ކެރެކްޓާސްތަކުގެ އަޑުތަކުން ވާހަކަ ދައްކައި ސަމާސާކުރުމަކީ އޭރު ވެސް އޭނާ އަށް އުފަލެކެވެ.
އެހެންކަމުން، މުހައްމަދުއްރަސޫލުﷲ ޑްރާމާގެ އެންމެ އާދަޔާހިލާފު ކެރެކްޓާ އަށް އަޑުއަޅަން ޖެހުމުން ވެސް ޑަބިން ޓީމުގެ ފުރަތަމަ ހޮވުމަކަށްވީ އިއްބެ އެވެ.
"ޕްރޮޑިއުސަރެއްގެ ޖޮބުގައި އަޅުގަނޑު އުޅެނިކޮށް، މުހައްމަދުރަސޫލުއްﷲ އަށް ޑަބްކުރުމުގައި އިސްކޮށް އުޅުނު ޓީމުން އަޅުގަނޑު ކައިރީގައި ބުނެފި އިއްބެ އެބަޖެހެޔޭ ވަރަށް މުހިންމު ބަޔަކަށް، މުޅި މުހައްމަދުއްރަސޫލުﷲގައި ހުރި އެންމެ ނުރައްކާތެރި މީހާގެ ބަޔަށް އަޑު އަޅަން. ދެން އޭރު ވެސް އެކި މީހުންގެ އަޑުން ވާހަކަ ދައްކައި މިކިކްކުރުން އޮންނާތީ އެމީހުންނަށް ވެސް ފެނިފައި ހުންނާނީ،" ހާމާނުގެ ބަޔަށް އަޑުއެޅުމުގެ ފުރުސަތު ލިބުނު ގޮތް ކިޔައިދެމުން އިއްބެ ބުންޏެވެ.
"ދެން އެ ޝައުގުވެރިކަމުގައި މި ދިޔައީ ޑަބިން ރޫމަށް. އެހިސާބުން ދައްކާލައިފި ހާމާނުގެ ރޯލު. އަޑު އިއްވާލިއިރު ވަރަށް ބަރުބަރު އަޑެއް އެއީ. ދެން އަޅުގަނޑު ބުނެފިން އަޅެ އަޑެއް ލައްވާލަންހޭ. ކިޔާފައި އަޑެއް ލައްވާލައިފިން."
"އެއަށް ފަހު ތިން އަޑެއް ޓްރައިކުރިން. ދެން ކުއްލިއަކަށް ހިތަށް އެރީ އަޅުގަނޑުގެ އުސްތާޒެއްގެ މަތިން. ވަރަށް ގިނަ މީހުން ވެސް ދަންނާނެ ބޭފުޅެއް އެއީ."
އެއީ ކާކުކަން އެނގޭ ހެއްޔެވެ؟ މަޝްހޫރު މަޖީދު ސޯ އެވެ. އިއްބެ ބުނީ މަޖީދު ސޯގެ އަޑު ކުއްލިއަކަށް ބޮލަށް ވަދެ އެ އަޑުން ހާމާނަށް ޑަބްކޮށްލުމާ އެކު ޑަބިން ރޫމް ވެސް އެއްކޮށް ހިމޭންވެއްޖެ ކަމަށެވެ.
"އެއީ މަޖީދު ސޯ. މަޖީދު ގޭގައި އަޅުގަނޑު ކިޔަވައިދޭން އުޅުނުއިރު ވެސް އެއަޑުން އެއްޗެއް ބުނެލީމަ މުޅި ކްލާސް ރޫމް ހިމޭންވެގެންދާނީ. ނޭވާ ލާ އަޑު ވެސް ނީވޭނެ. ދަރިވަރުން ހީކުރާނީ މަޖީދު ސޯ އައީ ކަމަށް،" މަޖީދު ސޯ ކައިރިން ކިޔެވުމަށް ފަހު އެ ގޭގައި އިނގިރޭސި މާއްދާ ކިޔަވައިދިނުމަށް ވެސް އުޅުނު އިއްބެ ބުންޏެވެ.
"ދެން މަޖީދު ސޯގެ އަޑު ހިތަށް އަރައިގެން އެކަހަލަ އަޑެއް އަޅުގަނޑު މި އިއްވާލީ. އެހިސާބުން ވަގުތުން އެ އަޑު ފާސްވީ. މި އަޑު ދެން ވަރަށް ކަމުގޮސްފި."
އިއްބެ ބުނީ އެއީ ކަރު މެށިގެން ނެރެވުނު އަޑެއް ކަމަށާއި އަޑު އަޅާ ރެއެއް ނަމަ ކަރުތެރެ އެކުގައި މެށި ހަލާކުވެގެންދާކަމަށެވެ. އަދި ޑްރާމާގައި ހާމާނު މަރުވާ މަންޒަރަށް އަޑު އެޅި ދުވަހަކީ ނިކަން ގަދަ އަށް ހަޅޭފަޅޭޖަހައި އުޅެން ޖެހުނު ދުވަހެއް ކަމަށެވެ.
"އަޑު އެ އަންނަނީ ކަރު މެށިގެން. އަޑުއަޅާ ރެއެއް ނަމަ ކަރުތެރެ ހުންނާނީ ހަލާކުވެފައި. އަޑުއަޅަން ހުންނައިރު ސަމާސާކުރުން ވެސް އޮންނާނެ. އަނގަޔާ ދިމާވާ ގޮތަށް އެހެން ޑައިލޮގްސް އަޅައިގެން މަޖާކުރުން ވެސް،" އިއްބެ ބުންޏެވެ.
"ހާމާނު މަރުވުން. އެ ދުވަހަކީ ވަރަށް ބޮޑަށް ހަޅޭލަވައި އުޅެން ޖެހުނު ދުވަހެއް. އޭނަ މަރުވި ދުވަހު ހިތަށް އެރީ އާނ ދެން ކަރަށް ޗުއްޓީއެއް ލިބުނީއޭ."
އިއްބެ ބުނީ ހާމާނަށް ޑަބްކުރުމުގައި އެންމެ ހަނދާނުން ފޮހެލަން އުނދަގޫ ދުވަހަކަށް އެ ދުވަސްވި ނަމަވެސް ބެލުންތެރިންނަށް އެންމެ ކަމުދަނީ އެ ދުވަހު ރިކޯޑްކުރި ޑައިލޮގްތަކެއް ނޫން ކަމަށެވެ.
"އަޅުގަނޑަށް ހީވަނީ ބެލުންތެރިންނަށް އެންމެ ކަމުދިޔައީ، ވަރަށް ގިނަ މީހުން ބުނާނެ، މިތަނުގައި ވާ އެއްޗެއް، ނުވާ އެއްޗެއް އެ ޑައޮލޮގްއޭ. ވަރަށް ގިނަ މީހުންނަށް ކަމުގޮސްފައި އޮތް ޑައިލޮގްކޮޅެއް އެއީ،" ހާމާނަށް ޑަބްކުރި އަޑުން ވާހަކަ ދައްކަމުން އިއްބެ ބުންޏެވެ.
ދެން އުފެދޭ ސުވާލަކީ ހާމާނުގެ އޮރިޖިނަލް އަޑާ އިއްބެގެ އަޑު ކިހާ ވައްތަރުތޯ ބެލުމުގެ ޝައުގުވެރިކަމެވެ.
"އަޅުގަނޑު ދަންނަވާނީ 90 ޕަސެންޓާ އެއްގޮތޭ އެ އަޑު. މަޖީދު ސޯގެ އަޑު އަޅުގަނޑު މި ނެރޭ ތަނުންނޭ ބުނެވޭނީ ހާމާނުގެ އޮރިޖިނަލް އަޑު ވެސް ނެރެފައި އެހުރީ ގާތްގަނޑަކަށް،" އިއްބެ ބުނަނީ މިހެންނެވެ.
އިއްބެ އަށް އަދިވެސް ހާމާން ވަރަށް ހާއްސަ!
"ހާމާނަކީ އަޅުގަނޑަށް ވަރަށް ހާއްސަ ކެރެކްޓާއެއް. އިއްބެ އިންޓަވިއުއެއްގައި ވެސް ދުވަހަކު ވެސް ހާމާނު ނައިސްއެއް ނެތް. އެއްވެސް ދިމާލަކުން ހާމާނު ނައިސްއެއް ނެތް. ހަގީގަތުގައި ވަރަށް އެންޖޯއިކުރެވޭ،" އިއްބެ ބުންޏެވެ.
"ރޯދަ މަސް އައީމަ އަބަދުވެސް އެންމެ ހިތްހަމަޖެހޭ އެއް ކަމަކީ މިކަންތައް. ހާމާނުގެ އަޑު އަންނާނީ ބަޔަކު މީހުން ވެސް އެންޖޯއިކުރޭ. އަޅުގަނޑު ދަންނަވާނީ މިއީ އަހަރު އެއް ފަހަރު އުފާވާން ލިބޭ ފުރުސަތެކޭ. އަޅުގަނޑު އެންޖޯއިކުރަން. އަދި އެކަން ކުރެވުނީތީ ވަރަށް ބޮޑަށް ޝުކުރު ވެސް އަދާކުރަން ޑަބިން ޓީމުގައި އިސްކޮށް އުޅުއްވި ކަށިމާ ޝާކިރު އާއި ނަޒީރަށް. ޕްލަސް މަޖީދާ އެކު އުޅުމުގެ ފުރުސަތު އަޅުގަނޑަށް ލިބުނު ކަމަށްޓަކައި އަލްހަމްދުލިއްލާހި ޝުކުރު"
"އަޅުގަނޑުގެ ކެރިއަރުގައި އެންމެ ހިތްހަމަޖެހޭ ކަންތަކުގެ ތެރެއިން ކަމެއް އެއީ، ހާމާނަށް ޑަބްކުރުން."
އޭނާ ބުނީ ހާމާންގެ ޑައިލޮގްތަކަށް ބަލާއިރު އެންމެ ކަމުދަނީ ހާމާނުގެ ފަރާތުން އައިސްފައިވާ ނިކަން އިބްރަތްތެރި ވާހަކައެއް ކަމަށެވެ.
"އަޅުގަނޑަކަށް އެހެން ނެތް ވަކި ހާއްސަ ޑައިލޮގެއް. މިއީ ހާދަ ތަފާތު ޑައިލޮގެކޭ ބުނާވަރުގެ. އެކަމަކު ވަރަށް ފަހުން، މިދިޔަ އަހަރު، ކުރީގެ މަޖިލިސް މެމްބަރަކު އަޅުގަނޑު ކައިރީގައި މި ބުނަނީ، އިއްބެ އަށް އެނގޭ ހެއްޔޭ އެންމެ މޮޅު ވާހަކައެއް ބުނެފައި ވަނީ ހާމާނޭ،" އިއްބެ ކިޔައިދިނެވެ.
"އެއީ އެ ބައެއްގެ ތެރެއިން އެ ބައެއް ހަލާކުކޮށްލުންއޭ ކިޔާފައި ހާމާނު އެ ދައްކާ ވާހަކައޭ. ދެން ހިތަށް އެއީ އެއީ ތެދެކޭ. ތަނެއް ހަލާކުކޮށްލަން ބޭނުމިއްޔާއޭ ކިޔާފައި އޭނާ ވަސްވާން މި ދެނީ އެންމެ ފަސޭހަވާނީ އޭގެ ތެރެއިން އެ އެއްޗެއް ނެގިއްޔާއޭ ހަލާކުކޮށްލުމަށްޓަކައި."
އިއްބެ ބުނީ ހާމާނުގެ ކެރެކްޓާ އަށް އޭނާ ޑަބްކޮށްގެން އެކަމަކާ ހިތްހަމަނުޖެހުނު މީހަކަށް ބައްދަލުވީ މިހާތަނަށް އެންމެ މީހަކު ކަމަށެވެ.
"ރަހުމަތްތެރިޔަކު އެއް ދުވަހަކު އަޅުގަނޑު ކައިރީގައި ބުނަނީ ވަރަށް ބޮޑު ގޯހެއް އެބައޮތޭ އަޅުގަނޑަށް ހެދިފައ. ހާމާނު އެއީ އިއްބެ ކޮށްގެން ނުވާނެ ކަމެކޭ. ހާމާނު އެބަ މުހާތަބުކުރެޔޭ ސީދާ ﷲ އަށް ނިސްބަތްކޮށް ވެސް. އެހެންވީމަ އެއީ އެއްގޮތަކަށް ވެސް އިއްބެކޮށްގެން ވާނެ ކަމެއް ނޫނޭ. ތައުބާވެސް ވާން ޖެހޭ ވަރުގެ ކަމެކޭ،" އިއްބެ ބުންޏެވެ.
"ވާހަކަ އަކީ އެންމެ މީހެކޭ މިހާތަނަށް ލައިފްގައި ވެސް އެގޮތަށް ކޮމެންޓްކުރީ. އެ ދުވަހު ހިތަށް އެރި އެކި ފިކުރުގެ މީހުންނޭ މި އުޅެނީ. އެނޫނިއްޔާމު މީހަކު އެހެނެއް ނުއެއް ބުނެއޭ. ދެން ހިތަށް އެރީ އެކި މީހުންނަށް އެކި ގޮތަށް ދޯ އޭ ހާމާނު ނެގުނީ ވެސް."