ދިވެހިންގެ ފިލްމީ ދުނިޔޭގައި ބަލަން ކަމުދާވަރުގެ އެކްޓަރަކު ނެތް ކަމަށް ގަބޫލުކުރެވިފައި އޮތް ނަމަ މިއީ ކޮންމެހެން ވެސް ކިޔަން ޖެހޭ ލިޔުމެކެވެ. ސަބަބަކީ މި ލިޔުމެއް ހާއްސަކޮށްފައި މި ވަނީ ދިވެހި ސިނަމާގެ ބޮޑު ސްކްރީނަށް އައި އެންމެ ކުޅަދާނަ އެއް އެކްޓަރަށް ކަމުގައިވާތީ އެވެ. ފަހަރުގައި އޭނާ އަކީ އަހަރެމެންގެ ފުރަތަމަ އެކްޓަރު ވެސްމެ އެވެ. – އެ ބަތަލަކީ އެފަދަ ދެ ވަނައެއް ނެތް، މަޝްހޫރު ރޯނު ހަސަން މަނިކެވެ.
އެކަމަކު އެނގޭ ހެއްޔެވެ؟ ރޯނު ހަސަން މަނިކު "ދިވެހިންގެ ބަތަލަކަށް" ވަނީ ހަމައެކަނި ދިވެހި ސިނަމާ އަށް ކޮށްދީފައިވާ އަގުނުކުރެވޭ މަސައްކަތުން އެކަންޏެއް ނޫނެވެ. ދިވެހި ބަހާއި އަދަބިއްޔާތުގެ މައިދާނާއި އުނގަންނައި ދިނުމުގެ ދޮރާށީގައި ވެސް މިއީ ބަތަލެކެވެ. ނިކަން ކުޅަދާނަ ޝާއިރެއްވެސްމެ އެވެ.
އެހެން ނަމަވެސް، ޕާފޯމިން އާޓްސްގެ ދާއިރާ އިން އާންމު ހިދުމަތުގެ އިނާމް ހާސިލުކޮށްފައިވާ މި އެކްޓަރަކު ރޯދަ މަހު އަހަރެމެންނަށް ހާއްސަވަނީ މިހުރިހައި ކާމިޔާބީއަކާ ގުޅިގެންނެއް ނޫނެވެ. ރޯދަ މަހު އަޅުގަނޑުމެންނަށް، ރޯނު ހަސަން މަނިކު ހާއްސަވެގެން ދަނީ ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް ޓީވީއެމް އިން އޭނާގެ އަޑު އިވި، އިބްރަތްތެރި އެތައް ވާހަކަތަކެއް އެ އަޑަކުން ކިޔައިދޭތީ އެވެ.
މުހައްމަދުއްރަސޫލުއްﷲ ޑްރާމާގެ އެންމެ ބޮޑު ދިވެހި ތަރިއަކީ މިއީއޭ ވެސް ބުނެވިދާނެ އެވެ. އޭގެ ނިކަން މަޝްހޫރު ދެ ކެރެކްޓާކަމުގައި އާޒަރު އާއި ޔަމްލީހާ އަށް ޑަބްކޮށްފައިވާ ހުނަރުވެރިއަކީ މިއީ އެވެ.
އެކަމަކު ފިލްމުކުޅުމުގައި ތަމްސީލުކުޅުން ނުވަތަ މިފަދަ މަސައްކަތުގައި ޝާމިލުވެ އުޅުމަކީ އެންމެ ފުރަތަމަ ހަސަން މަނިކުގެ ހިޔާލުގައި އޮތް ޝައުގުވެރިކަމެއް ނޫނެވެ. މި ދާއިރާ އަށް އޭނާ ވައްދައި، އަހަރެމެންގެ މުނިފޫހިފިލުމުގެ ދާއިރާގެ ޖަވާހިރަކަށް އޭނާ ބަދަލުކޮށްލަ ދިނީ އޭނާގެ ގާތް އެކުވެރިން އަދި މެންޓޯއިންގެ ގޮތުގައި އުޅުއްވި މަރްހޫމް ސައިކުރާ އިބްރާހިމް ނައީމް އާއި ކަށިމާ ޝާކިރު އެވެ.
ނަމަވެސް ރޯނު ހަސަން މަނިކުގެ އޮރިޖިނަލް ދާއިރާއަކީ އިލްމާއި ހިލްމުގެ ރިވެތި އަހުލާގެވެ. އީޕީއެސްއެސް އިން ތައުލީމު ހާސިލުކޮށްގެން ނުކުތް ގޮތަށް އެންމެ ފުރަތަމަ ވަނީ ވެސް ކިޔަވައިދިނުމުގެ ދާއިރާ އަށެވެ.
"އޭރު އާމްލީގޭގައި އަޅުގަނޑު ހިންގާ ސްކޫލެއް ވެސް ހުންނާނެ. އެއީ އެލްޕާޝޯ ކްލާސް. ފަހުން މަދުރަސަތުލް ހަނިއްޔާ. އެތަނުގައި އުޅުނުއިރު ވެސް އަދަބީ ކަންކަމުގައި ކުދިންނަށް ހުނަރު ވެސް ދަސްކޮށްދިނުން އޮންނާނެ،" ހަސަން މަނިކު ކިޔައިދިނެވެ.
ފަހުން ދިވެހި މުދައްރިސަކަށް ވެސް އުޅުނެވެ.
ދެން މިހައި ހިސާބުން 1979ގެ މަންޒަރަކަށް "ކަޓް ކޮށްލަމާ" ހިނގާށެވެ.
އޭނާ އަކީ ފިލްމުގެ ބަތަލެވެ. މި މަންޒަރުގައި އެ އުޅެނީ ފިލްމުގެ ޑައިރެކްޓަރު ހިތްހަމަޖެހޭ ފަދަ ގޮތަކަށް އަލިފާން ފޮށިން ދަނޑިއެއް ނޭޅިގެންނެވެ. އެތައް ފަހަރަކު އަޅައިގެން ނަމަވެސް ޑައިރެކްޓަރު ބޭނުންވާ ގޮތަކަށް އެކަން ކުރެވޭ ގޮތެއް ނުވި އެވެ.
މިއީ ރޯނު ހަސަން މަނިކުގެ ފުރަތަމަ އެކްޓިން ތަޖުރިބާއެއް ނޫނެވެ. އެކަމަކު އޭނާ ކުޅުނު މަޝްހޫރު ފިލްމު "ގެއްލުނު ފުރާވަރު" ގެ ޝޫޓިންގައި އެންމެ އުނދަގުލުން ނެގުނު މަންޒަރެވެ. ތާރީޚަށް ބަލަނީ ނަމަ "ގެއްލުނު ފުރާވަރަކީ" ސްކްރިޕްޓެއް ތައްޔާރުކޮށްގެން ފިލްމު ކްރޫއެއް އެކުލަވާލައިގެން އެގޮތަށް ޝޫޓްކުރި ދިވެހި ފުރަތަމަ ފީޗާ ފިލްމެވެ.
"އެކަމަކު އެ ފިލްމަކީ ސްކްރީން ކުރި ފިލްމެއް ނޫން. ޓިކެޓް ވިއްކައިގެން މީހުން ބެލި ފިލްމެއް ނޫން. އެކަމަކު ޓީވީއެމް އިން އެ ފިލްމު ވެސް ދެއްކި. އަޅުގަނޑަށް ހީވަނީ 1980 ވަނަ އަހަރުހެން ހީވަނީ،" ދިވެހި ސިނަމާގެ ފުރަތަލަ ބަތަލަކީ ރޯނު ހަސަން މަނިކު ކަމަށް ބުނާ ވާހަކައާ ބަޔަކު ހިޔާލުތަފާތުވެފައި ވަނީ މި ސަބަބާ ހެދި ކަމަށް ބުނެ ވާހަކަ ދައްކަމުން ކިޔައިދިނެވެ.
އެކަމަކު ދެބަސް ވެވެން ނެތް ހަގީގަތެއް އެބައޮތެވެ. ރޯނު ހަސަން މަނިކުހާ އެކްޓިން އަށް ގަދަ ދެ ވަނަ މޫނެއް މި ދާއިރާގައި މެދުނުކެނޑި ނެތް ކަމެވެ.
ރޯނު ހަސަން މަނިކު ބުނާ ގޮތުން ނަމަ މިކަމުގެ ސިއްރަކީ "ޑެޑިކޭޝަން" އެވެ. މަސައްކަތަށް ބެހެއްޓި ފަރުވާ އާއި ދިން ސަމާލުކަމާއި އުފެއްދި ޝައުގުވެރިކަމެވެ.
"އެއްޗަކަށް އެއްޗެއް ހަދާލާ އުސޫލަކުންނެއް ނޫން މަސައްކަތްކުރެވެނީ. އެހެންވީމަ އެކަމަކާ ވަރަށް ގަޔާވެގެން ކުރާ ކަހަލަ ގޮތެއް ހުންނަނީ. އެއީކަން ނޭނގެ ތަމްސީލުތަކުގެ ތެރެއިން އަޅުގަނޑަށް ކުރިއަށް ދެވުނު ސަބަބަކީ ވެސް އިނގޭތޯ،" މިހާރު އުމުރުން 57 އަހަރުވެފައިވާ ހަސަން މަނިކު ބުންޏެވެ.
"މިސާލަކަށް ބައްޕައެއްގެ ބައި ކުޅެން ޖެހުނަސް މިފަހުން އައިސް އަޅުގަނޑު ގެންގުޅޭ އުސޫލުތަކެއް ހުންނާނެ. ހަމައެކަނި ބައްޕައެކޭ ބުންޏަސް އަދި ކަމަކުނުދާނެ ދެއްތޯ. ކޮން ކަހަލަ ބައްޕައެއްތޯ، ރުޅިގަދަ ބައްޕައެއްތޯ ނުވަތަ އޭނާގެ ޝަހުސިއްޔަތަކީ ކޮބައިތޯ ބަލަން ބޭނުންވާނެ. އޭރުން އަޅުގަނޑަށް އެކްޓްކުރެވެނީ އެގޮތަކަށް"
"އެހެންވީމަ އެ ކެރެކްޓާއެއް ލިޔެފައި އޮންނަ ގޮތް ވަރަށް މުހިންމުވެ އަޅުގަނޑަށް. އެއީ އޭގައި ބުނެފައި އޮންނަ ގޮތަކަށް ހެދުން އަޅައިގެން އެކްޓްކުރަން ނުކުތީމަ ފެންނަން ޖެހެނީ ހަސަން މަނިކެއް ނޫން. ފެންނަން ވާނީ އޭގައި އުޅޭ ބައްޕަ."
ދިވެހި ސިނަމާގައި މެތަޑް އެކްޓަރުން އުޅޭ ނަމަ ނުވަތަ އެފަދަ ހުނަރަކާ ކިރިޔާ ވެސް ގާތްކުރާ ފެންވަރުގެ އެކްޓަރުންގެ ލިސްޓެއްގެ އެންމެ ކުރިއަށް އަރާނެ ނަމަކީ ޔަގީނަށް ވެސް މިއީ އެވެ. ރޯނު ހަސަން މަނިކުގެ އެންމެ މަޝްހޫރު އެއް ރޯލު ކަމުގައިވާ، ފިލްމު "ހައްގު" ގައި އޭނާ ކުޅެފައިވާ ބައްޕައެއްގެ ރޯލަކީ ގާތްގަނޑަކަށް މެތަޑު އެކްޓިން ޖައްސައިގެން އޭނާ ނެރެފައިވާ ހުނަރެވެ.
އޭގެ ނަތީޖާ ވެސް ފެނުނެވެ. އެފަހަރުގެ ގައުމީ އެވޯޑްސްގައި އެންމެ މޮޅު ސަޕޯޓިން އެކްޓަރުގެ އެވޯޑަށް ނޮމިނޭޓްވި އެވެ.
"ޔޫސުފް ރަފީއު އެއް ދުވަހަކު އަޅުގަނޑު ގާތަށް އައިސް ބުނެފި ވެއްޖެއޭ ފިލްމެއް ކުޅެލަދޭން. ދެން އަޅުގަނޑު ބުނެފިން އަޅުގަނޑު މިއީ ކޮމާޝަލް ފިލްމު ކުޅޭ މީހެއް ވެސް ނޫނޭ. އެހެން މީހަކު ލައިގެން ފިލްމު ކުޅޭށޭ. އެކަމަކު އެއްގޮކަށް ވެސް ޔޫސޭ ދުލެއް ނުކުރި އަޅުގަނޑު އެކަމަކަށް އެއްބަހެއް ނުވަނީސް،" ޔޫސޭ އާއި މަރިޔަމް ނިޝާގެ މަޝްހޫރު ފިލްމުން ފުރުސަތު ލިބުނު ގޮތް ކިޔައިދެމުން ހަސަން މަނިކު ބުންޏެވެ.
"ދެން ފޮތް ވެސް ދީފި. އެއީ ފިލްމު ހައްގު. ޔޫސޭ ބުނީ ވާހަކަ ކިޔާފައި ވަރަށް ހަރުދަނާ ބައްޕައަކަށޭ ވާނީ. ދެން އެ ވާހަކަ ކިޔުމަކަށް ފަހު އެ ބުނާ ހަރުދަނާ ބައްޕައެއް އެއަކުން ސިފައެއް ނުވި."
"ދެން އަޅުގަނޑު ގޮސްފިން، ހަރުދަނާ ބައްޕައެއް ކަމަށް ލަފާކުރާ ބައްޕައެއްގެ ގާތަށް. ދެން ދެ ދުވަހެއް ވަންދެން އޭނާއާ އެކު ވަރަށް ގިނަ ވަގުތު އަޅުގަނޑު ހޭދަކޮށްފިން ކުރަން މި އުޅޭ ކަމެއްގެ ވާހަކަ ކިޔައިނުދީ. އޭނަ އުޅޭ ގޮތާއި ކުރާ ކަންތަކާއި ދަރިންނާ މެދު އަމަލުކުރާ ގޮތްތައް ބަލައިގެން ދަސްކުރީ. މައްސަލަތައް ހައްލުކުރާ ގޮތް ވެސް ބަލައިގެން ދަސްކުރީ."
"ދެން ފިލްމުގައި އަޅުގަނޑުގެ ރޯލު ކުޅުނީ ވާހަކައާ މުޅިން ހިލާފަށް އިމްޕްރޮވައިޒްކޮށްގެން. ޑައިރެކްޓަރު ވެސް ބުނެގެނެއް ނޫން އެގޮތަށް އެ ރޯލު ކުޅުނީކީ. ޔޫސޭ ގަބޫލެއް ނުކުރައްވާ އޭރު އަޅުގަނޑަކަށް އެހާ މޮޅަކަށް އެ ރޯލު ކުޅެވިދާނެ ކަމަކަށް. އެއީ ޔޫސޭއާ އެކު ކުރި ފުރަތަމަ މަސައްކަތް ވެސްމެ."
އެ ރޯލާ އެކު ތަރިއެއްހެން އަރައިގެން ދިޔައީ އެވެ. އެކަމަކު އޭގެ މާ ކުރިން ވެސް ހަސަން މަނިކަކީ ސްޓާރެކެވެ. މާލޭ މީހުން މުނިފޫހިފިލުވައިދިން މަޝްހޫރު ސީޑީސީގެ ޒަމާނުގައި ސުޕަސްޓާރެކެވެ. އީޕީއެސްއެސްގައި ކިޔަވަން އުޅުނު އިވެސް ސްޓާރެކެވެ.
ސީޑީސީގެ މަޝްހޫރު އުފެއްދުންތަކަށް ބަލާއިރު "ދޮން ހިޔަލަ އާއި އަލިފުޅު" ގައި ވެސް ހަސަން މަނިކު ފެނިގެންދެ އެވެ. އޭނާ ކުޅުނީ ދޮންފަނު ކަތީބުގެ ރޯލެވެ.
ފަހުގެ ފިލްމުތަކަކަށް ބަލަނީ ނަމަ މިއީ އަދިވެސް ދިވެހި ސިނަމާގެ އެންމެ އަލިގަދަ ތަރިންނަކަށް ދޫކުރާ ލެޖެންޑެއް ނޫނެވެ. ވަރަށް ފަހުން ލީޑްރޯލެއް ވެސް ކުޅެފައި އެބައޮތެވެ. އެއީ ޑާކް ރެއިންގެ އާޓް ފިލްމު "ހުޅުދާން" ގަ އެވެ. އެ ފިލްމުގައި އޭނާ ދައްކާފައިވާ މޮޅު އެކްޓިން ބަލައިނުލެވި އޮވެއްޖެ ނަމަ އެ ފިލްމުގެ ޝޯތަކެއް ޝްވެކް ސިނަމާއަށް އެނބުރި އެބަ އާދެ އެވެ. އެއްގޮތަކަށް ވެސް މިސްކޮށްލައިގެން ނުވާނެ އެވެ.
"އޭގައި ކުޅެފައި ހުރި ރޯލުތަކަކީ ވަރަށް ބޮޑަށް ހިތްހަމަޖެހޭ ބައިތަކެއް،" ހަސަން މަނިކު ބުންޏެވެ.
"ވާހަކަ ލިޔާ މީހާ އާއި ޑައިރެކްޓާރު އެކަކަށްވީމަ އެ ފިލްމުގައި އަޅުގަނޑުގެ ޕާފޯމެންސް އަދި އެހާ ތަފާތީ. އެއީ ވާހަކައިގައި ގެނެސްފައިވާ ގޮތަށް ފިލްމަށް ސެޓްކުރަން އެނގޭނީ ޑައިރެކްޓަރަށްތާ. ވާހަކަ ވެސް ލިޔުނީމަތާ. ހުރިހާ އިހްސާސްތަކެއް ނެރެވޭ އެގޮތަށް މަސައްކަތްކުރީމަ."
ފާތިމަތު ނަހުލާގެ "މިހަށިން ފުރާނަ ދަންދެން" އަކީ ވެސް ހަސަން މަނިކު ފާހަގަކުރާ ފިލްމެކެވެ.
އެއަށް ފަހު މި އަންނަނީ މުހައްމަދުއްރަސޫލުއްﷲގެ ބައިތަކެވެ. ހަސަން މަނިކު ބުނީ 1980ގެ ފަހުކޮޅު ޓީވީއެމްގައި ކުރި އެ މަސައްކަތަކީ އެއްގޮތަކަށް ވެސް ފަސޭހަ މަސައްކަތެއް ނޫން ކަމަށެވެ. ފަހަރެއްގައި އޭނާގެ ދިގު ކެރިއަރުގައި އަދިވެސް އެންމެ މުހިންމު އެއް މަސައްކަތަށް އެ ތަޖުރިބާވެފައި އޮތީ އެހެންވެ އެވެ.
އެކަމަކު ހަސަން މަނިކު ބުނާ ވާހަކައެއް މިހާރު އެބައޮތެވެ.
"މިހާރު މުހައްމަދުއްރަސޫލުއްﷲ އަޑުއިވުނީމަ ހިތަށް އަރަނީ މިހާރު އަޑު ޑަބްކުރާ ނަމަ އެގޮތަކަށް ނޫނޭ ޑަބްކުރާނީކީ. އަޅުގަނޑު ކުޔާފައި ހުރި އެއްޗެހީގައި ވެސް އެބަހުރި މައްސަލަ، މިހާރު ބަލައިލީމަ ފާހަގަކުރެވޭ. އެންމެ ބޮޑަށް އެ ރާގު ގެންދެވިފައި ހުރި ގޮތް،" މިހާރު ވެސް މުހައްމަދުއްރަސޫލުﷲގެ ޝޯތަކަށް ޝައުގުވެރިވާ ކަމަށް ބުނެ ވާހަކަ ދައްކަމުން ހަސަން މަނިކު ކިޔައިދިނެވެ.
"މިއަދު އަޅުގަނޑު އެ ޑަބްކޮށްފި ނަމަ މާ ރީއްޗަށް ހުންނާނީ."
ޔަގީނަށް ވެސް އެކަން އޮތީ އެހެންނެވެ. ރޯނު ހަސަން މަނިކަކީ ދިވެހި މުނިފޫހިފިލުމުގެ ދާއިރާގައި ލެޖެންޑެކެވެ.