ބޭރު ކުޅިވަރު

އިނގިރޭސި ޓީމުގެ ސިއްރު ކުޅުންތެރިޔަކަށް ސިންގާއެއް!

ކުޅިވަރުގައި މޮޅުވުމަށް އެކިމީހުން ކުރަނީ އެކި ކަންތައްތަކެވެ. އެބަޔަކު ގަބޫލުކުރާ ހުރާފާތްތައް ކުރިއަށް ނެރެ އެވެ. ރާއްޖޭގައިނަމަ ބޫގަލް ހެދުމަކީ އާއްމުކަމެކެވެ. ނަމަވެސް އަންނަ ހުކުރު ދުވަހު ފްރާންސްގައި ފަށާ ޔޫރޯ ފުޓްބޯޅަ މުބާރާތަށް އިނގިރޭސި ޓީމު ދަތުރުކުރީ ސިއްރު ކުޅުންތެރިއަކާއެކުގަ އެވެ.

އިނގިރޭސިން ތަމްސީލުކުރުމަށް ފްރާންސަށް ދިޔަ 23 ކުޅުންތެރިންނާއި އޮފިޝަލުން ނަގާފައިވާ ފޮޓޯތަކުގައި ހާއްސަ މޫނެއްވެ އެވެ. އެއީ ސިންގާ އެކެވެ. އަސްލު ސިންގާއެއްގެ ބަދަލުގައި ކުޅޭކުޅޭ ސިންގާއެކެވެ. މެސްކޮޓެއްގެ ގޮތުގައި ބޭނުން ކުރަން ހަދާފައިވާ ސިންގާއެކެވެ. ޓީމުން ނިންމާފައިވަނީ އިނގިރޭސިން ކުޅޭ ކޮންމެ މެޗެެއްގެ އިތުރުން ޕްރެކްޓިހަށް ވެސް މި ސިންގާ ގެންދިއުމަށެވެ.

ސިންގާ އުފުލައި ހެދުމުގެ ޒިިންމާ ހަވާލުކޮށްފައިވަނީ މެންޗެސްޓާ ޔުނައިޓެޑުގެ ކްރިސް ސްމޯލިން އަށެވެ. އިނގިރޭސި މި ސިންގާ ފްރާންސަށް ގެންގޮސް ޓީމާއެކު ގެންގުޅެން ނިންމީ މެސްކޮޓެއްގެ ގޮތުގައި ބޭނުންކުރުމަށެވެ. އިނގިރޭސި އެފްއޭގެ ލޯގޯގައި ތިން ސިންގާ ރަމްޒުކޮށްދޭތީވެ، އެމީހުން ގަބޫލުކުރާ ގޮތުގައި މުބާރާތުގައި ކާމިޔާބު ހޯދުމަށް ސިންގާ އެއްް ގެންގުޅުމަކީ ނަސީބުއެހީތެރިވެދޭނެ ކަމެކެވެ. ނަމަވެސް އަދި މިހާތަނަށް މި ސިންގާ އަށް އެއްވެސް ނަމެއްދީފައިނުވެ އެވެ.

ޔުނައިޓެޑް ކިންގްޑަމްގެ ދަށުގައިވާ އިނގިރޭސިންނާއި އަޔަލޭންޑްގެ ސިންގާގެ މާޒީ އަށް ބަލާއިރު ޓީމުތަކުގައި ސިންގާ ގެންގުޅުމަކީ އާކަމެއްނޫނެވެ. އެމީހުންނަށް ނަސީބު އެހީތެރިވެދޭނެ އެއްޗެއްގެ ގޮތުގައި މީގެ ކުރިން ޓީމުތަކުން ސިންގާ ގެންގުޅެފައިވެ އެވެ. މިއިން ކޮންމެ ފަހަރަކު ވެސް ސިންގާ ގެންގުޅުމުގެ ޒިންމާ މަތިކޮށްފައިވަނީ ޓީމުގައި ހުންނަ އެންމެ ޒުވާން ކުޅުންތެރިޔާ އަށެވެ. އިނގިރޭސި ޓީމުގައި މިފަހަރު ހުރި އެންމެ ޒުވާން ކުޅުންތެރިއަކީ މެންޗެސްޓާ ޔުނައިޓެޑުގެ 18 އަހަރުގެ ފޯވަޑް މާކަސް ރަޝްފޯޑެވެ. އެކަމަކު އޭނާއާ އެއް ޓީމަކަށް ކުޅޭ ސްމޯލިން މި ޒިންމާ ނެގުމަކީ ޓީމު މޮޅުކޮށްދޭން ގޯލު ޖެހުމަށް ސިކުނޑި ހުސްކޮށްލަން ރަޝްފޯޑަށް ލިބޭ ފުރުސަތެކެވެ.

ކުޅިވަރުގެ ކާމިޔާބީ ފާހަގަ ކުރުމަށް ސިންގާ ބޭނުންކުރުމަކީ އެކި ފަރާތްތަކުން ކޮށް އުޅޭ ކަމެކެވެ. ފްރާންސްގެ ޓުއާޑީ ފްރާންސް ބައިސްކަލް ރޭސް ކާމިޔާބު ކުރާ ދުއްވުންތެރިޔާ އަށް ޓޮރޮފީއާއެކު ދޭ ރީނދޫ ޖާޒީގެ އިތުރުން ސްޓޭޖްމަތިން ސިންގާ އެއްވެސް ހަވާލުކުރެ އެވެ.