ބޭރު ކުޅިވަރު

ޔޫރޯގެ އަގުބޮޑު ޓީމަކީ ޖަރުމަނު، ދެ ވަނަ ސްޕޭނަށް

އަންނަ ހުކުރު ދުވަހު ފްރާންސްގައި ފަށާ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ވާދަކުރާ އެންމެ އަގުބޮޑު ޓީމަކީ ދުނިޔޭގެ ޗެމްޕިއަން ޖަރުމަނު ކަމަށް ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.

އެސޯސިއޭޝަން އޮފް އެކައުންޓިން ޓެކްނީޝިއަން އިން ކުޅުންތެރިންގެ އަގަށް ބަލައިގެން މުބާރާތުގައި ވާދަކުރާ 24 ޓީމުގެ މައުލޫމާތު ވަނީ އެއްކޮށްފަ އެވެ. މި ހިސާބުތަކުން ދައްކާގޮތުގައި ޖަރުމަނުގެ 23 ކުޅުންތެރިންގެ ޖުމުލަ އަގަކީ 421.5 މިލިއަން ޕައުންޑެވެ.

ދެ ވަނާގައިވަނީ ޔޫރޯގެ އެންމެ ފަހުގެ ދެ މުބާރާތް ކާމިޔާބުކުރި ދިފާއީ ޗެމްޕިއަން ސްޕޭނެވެ. އެ ޓީމުގެ އަގު 418.1 މިލިއަނަށް އަރާފައިވާއިރު ތިން ވަނާގައިވަނީ މިފަހަރު މުބާރާތުގައި ވަރުގަދަ ފައިޓެއް ދޭނެ ކަމަށް ބެލެވިފައިވާ ބެލްޖިއަމެވެ. އެ ޓީމުގެ ޖުމުލަ އަގަކީ 345.68 މިލިއަން ޕައުންޑެވެ.

އެންމެ އަގުބޮޑު ކުޅުންތެރިން ގިނަ އެއް ލީގު ނިސްބަތްވާ އިނގިރޭސި ގައުމީ ޓީމު ހިމެނެނީ މި ލިސްޓުގެ ހަތަރުވަނާގަ އެވެ. ވަރަށް ޒުވާން އުއްމީދީ ޓީމަކާއެކު ޔޫރޯގައި ވާދަކުރާ އިނގިރޭސި 23 ކުޅުންތެރިގެ އަގު އަރަނީ 334.5 އަށެވެ.

ފަސް ވަނާގައިވަނީ މުބާރާތް ބާއްވާ ގައުމު ފްރާންސެވެ. އަގަކީ 323.6 މިލިއަން ޕައުންޑެވެ. ހަ ވަނާގައިވަނީ ޕޯޗުގަލް އެވެ. 241.2 މިލިއަން ޕައުންޑަށް ޕޯޗުގަލް ކުޅުންތެރިންގެ އަގު އަރާފައިފައިވާއިރު 204.2 މިލިއަން ޕައުންޑާއެކު ހަތް ވަނާގައިވަނީ ކްރޮއޭޝިޔާ އެވެ. އަށް ވަނާގައިވަނީ 204.01 މިލިއަން ޕައުންޑާއެކު މަޝްހޫރު އިޓަލީ އެވެ. ނުވަ ވަނާގައިވަނީ 139.5 މިލިއަން ޕައުންޑާއެކު ތުރުކީ އެވެ. ގަދަ 10ގެ ފަހު ޖާގަ ލިބެނީ 131.5 މިލިއަން ޕައުންޑާއެކު ޕޮލެންޑަށެވެ.

މުބާރާތުގައި ވާދަކުރާ 24 ގައުމުގެ ތެރެއިން އެންމެ އަގުހެޔޮ ސްކޮޑެއް އޮތީ ހަންގޭރީގަ އެވެ. އެ ގައުމުގެ 23 ކުޅުންތެރިންގެ އަގަކީ 20 މިލިއަން ޕައުންޑެވެ. މުބާރާތުގައި ވާދަކުރާ އެންމެ އާބާދީ މަދު ގައުމު ކަމަށްވާ އައިސްލޭންޑްގެ ޓީމުގެ އަގަކީ 31 މިލިއަން ޕައުންޑެވެ.