ބޭރު ކުޅިވަރު

ގަދަ ހަދާފައި ބާސެލޯނާއިން ދާކަށް ބޭނުމެއްނޫން: މަޝެރާނޯ

ކުލަބުން އޭނާ ބަހައްޓަން ބޭނުންވާއިރު އެގޮތް ގަބޫލުނުކޮށް ބާސެލޯނާއިން ދާން ބޭނުންނުވާ ކަމަށް ޑިފެންޑަރު ހާވިއާ މަޝެރާނޯ ބުނެފި އެވެ.

އޭނާ މިހެން ބުނީ އިޓަލީގެ ޔުވެންޓަސް އަށް ދާން އުޅޭ ކަމަށް ކުރިން ދެކެވެމުންދިޔަ ވާހަކަތަކަށް ބާރުދިނުމަށްފަހު އެވެ.

"އަހަރެން ބޭނުމެއްނޫން ކުލަބާ އޮތް ރަނގަޅު ގުޅުން ގޯސްކޮށްލާފައިދާކަށް. ބާސެލޯނާއިން ވަނީ އަހަރެންގާތުގައި ބުނެފައި އެމީހުން އަހަރެން ދޫކޮށްލަން ބޭނުންނުވާ ވާހަކަ. މިފަދަ ކުލަބަކުން އެގޮތަށް ބުނެފައިވަނިކޮށް ދިއުމަކީ އެހާ ފަސޭހަކަމެއްްނޫން،" 31 އަހަރުގެ ކުޅުންތެރިޔާ ބުންޏެވެ.

ލިވަޕޫލުން 2010 ވަނަ އަހަރު 18 މިލިއަން ޕައުންޑަށް ބާސެލޯނާ އަށް ގެނައި ކުޅުންތެރިޔާ ބާސެލޯނާ ދޫކޮށްލަން ބޭނުންވީ ކުރިއަށް އޮތް ސީޒަނަށް ފަހު އޭނާ އަށް ފުރަތަމަ 11އިނަ ޖާގަ ނުލިބިދާނެ ކަމަށް ބަލާފަ އެވެ. ނަމަވެސް އޭނާ ވިއްކާލަން ބޭނުންނުވާކަން ކުލަބުން ވަނީ ކުޅުންތެރިޔާ އަށް އަންގާފަ އެވެ.

"އަހަންނަށް ކުލަބުން ދިއުމުގެ ފުރުސަތު ވެސް އެބައޮތް. މަޑުކުރުމުގެ ފުރުސަތު ވެސް އެބައޮތް. އެކަމަކު ކުލަބުން އަހަރެން ފޮނުވާލަން ބޭނުންނުވާއިރު ގަދަކަމުން އަހަރެންދާން ބޭނުންނުވަނީ. މިހާރު އޮތް ރަނގަޅު ގުޅުން ހަލާކުކޮށްލާކަށް ބޭނުމެއްނޫން،" މަޝެރާނޯ ބުންޏެވެ.

އަންނަ ސީޒަނަށް ބާސެލޯނާ ވަރުގަދަކުރާއިރު ކުލަބަށް ބޮޑު ބަދަލެއް އައުން އެކަށީގެންވެ އެވެ. މިހެންވެ ދުވަސްވީ ބައެއް ކުޅުންތެރިންނާއި ރަނގަޅު ކުޅުމެއް ނުދެއްކާ ކުޅުންތެރިން ދޫކޮށްލާނެ އެވެ. މި ގޮތުން ބްރެޒިލްގެ ޑެނީ އަލްވެޒް ވަނީ ކާމިޔާބު އަށް އަހަރަށް ފަހު ބާސެލޯނާ ދޫކޮށް ޔުވެންޓަސް އަށް ބަދަލުވާން އުޅޭ ކަމަށް ބުނެފަ އެވެ. އޭނާގެ ނިންމުމަށް ބާސެލޯނާ ވެސް ވަނީ މަރުހަބާ ކިޔައިފަ އެވެ.