ރޯދަ މަހާ ރޯއްޖާ

ސާރާ އާއި ހާޖަރުގެ ވާހަކަ ކިޔައިދިން އަސަރުގަދަ އަޑު

ޓީވީއެމުން ކޮންމެ ރަމަޟާން މަހަކު ގެނެސްދޭ މަގްބޫލު ޕްރޮގްރާމް "މުހައްމަދުއްރަސޫލުﷲ" ޑްރާމާ އަށް އަޑުއަޅާފައި ތިބި މީހުންގެ ލިސްޓެއް އެކުލަވައިލިއިރު މަޝްހޫރު އަދި މުހިންމު ނުވަތަ ބާރުގަދަ މަގާމުތަކުގައި ތިއްބެވި ބޭފުޅުން ވެސް މި ލިސްޓެއްގައި ހިމެނިވަޑައިގަންނަވަ އެވެ. މިސްރުގެ މި ޑްރާމާ ދިވެހި ބަހުން ޑަބްކޮށްފައި ވަނީ ޓީވީއެމްގައި 1980 ގެ ފަހުކޮޅު އެވެ.

ރޯދަ މަސް ކުރިއަށްދާ ވަރަކަށް، މި ޑްރާމާއެއްގެ "ދިވެހި ސްޓާރުން" ގެ ތެރެއިން ކޮންމެ ދުވަހަކު މީހަކު ގެނެސްދެވޭތޯ ބަލާނަމެވެ.

ވޮއިސް އެކްޓަރުންތަކެއްގެ ގޮތުގައި މި ޑްރާމާ މެދުވެރިކޮށް ދިވެހިންގެ ކަންފަތާ ބައްދަލުކޮށްފައިވާ އާދަޔާހިލާފު އަޑުތަކުގެ ވެރިންގެ ދިރިއުޅުމުގެ ވާހަކަތައް މާ ބޮޑަށް ވެސް ތަފާތުވެފައި އަޖާއިބުކުރުވަނި އެވެ. އަދި އޭގެ ތެރެއިން ވަރަށް ގިނަ ވޮއިސް އެކްޓަރުންނަކީ މިއަދުގެ ގައުމުގެ ބޮޑެތި ހިދުމަތްތެރިންނެވެ.

އެ ފަރާތްތައް ފާހަގަ ނުކުރަންވީ އެއްވެސް ސަބަބެއް ވެސް ނެތެވެ! މިއަދުގެ ހާއްސަ މެހްމާނަކީ، އައިޝަތު ވަރުދާ އަބްދުﷲ އެވެ. މިއީ ހިރިޔާ ސްކޫލްގެ އިސްލާމް މުދައްރިސެކެވެ. އެކަމަކު ކޮންމެ ރޯދަ މަހަކު އަހަރެމެން އެންމެނާ އެނާ ބަދަލުވެގެން މި ދަނީ، އިބްރާހީމްގެ ފާނުގެ ދެ އަނބިކަނބަލުން ކަމުގައިވާ ސާރާ އާއި ހާޖަރުގެ ވާހަކަ ނުވަތަ މެސެޖުތައް އަހަރެމެންނަށް ކިޔައިދޭ އަޑުގެ ވެރިޔަށެވެ. -- ވަރަށް މަޑުމައިތިރި، އެހާ ހިތްތިރި އިހްލާސްތެރި ރާގެއްގަ އެވެ.

އިންޓަވިއުއަށް ދާންޖެހުނީ ހިރިޔާ ސްކޫލަށެވެ. ފުރަތަމަ ފެނިލުމުން އަދި ހިނިތުންވުމުން ވެސް، ވަރުދާގެ މަޑުމައިތިރިކަމާއި ރައްޓެހިކަން ފެނި އެނގިއްޖެ އެވެ. އަދި ސާރާ އާއި ހާޖަރުގެ ވާހަކަ ކިޔައިދޭ މީހެއްގެ ރޯލު އޭނާ އަށް ހައްގުވި ސަބަބު ވެސް އެނގިއްޖެ އެވެ.

އެކަމަކު ވަރުދާ ބުނީ މުހައްމަދުއްރަސޫލުﷲ ޑްރާމާ ޑަބްކުރެއްވުމުގެ މަސައްކަތުގައި އޭރު އިސްކޮށް އުޅުއްވި، އިބްރާހިމް ރަޝީދު މޫސާ، ސާރާ އާއި ހާޖަރުގެ ވާހަކަ ކިޔައިދޭ ކެރެކްޓާ އަށް އޭނާ ހަމަޖެއްސި ސަބަބު އެއްގޮތަކަށް ވެސް ނޭނގޭ ކަމަށެވެ.

"އެއްގޮތަކަށް ވެސް ނޭނގޭ އަޅުގަނޑު މަޑުމައިތިރި މީހަކަށްވެގެން ކަމެއް އެ ރޯލު ލިބުނީކީ. ސްކޫލްގައި އުޅުނުއިރު ވަރަށް އިސްކޮށް ގިނަ ހަރަކާތްތަކުން އޭރު އަޅުގަނޑު ފެންނާނެ. އެހެންވީމަ ކަމަށް ވެސް ވެދާނެ އެގޮތަށް ހޮއްވެވީ،" ހިރިޔާ ސްކޫލްގެ ކްލާސް ރޫމެއްގައި ހުރެ ވާހަކަ ދައްކަމުން ވަރުދާ ކިޔައިދިނެވެ.

މުހައްމަދުއްރަސޫލުﷲ އަށް ޑަބްކުރި ދުވަސްވަރަކީ، ވަރުދާމެންގެ ތައުލީމީ ހަޔާތުގެ ރަން ޒަމާނެވެ. އޭރު ކިޔަވަމުން ދިޔައީ މައުހަދުގަ އެވެ. މުހައްމަދުއްރަސޫލުﷲ އަށް ޑަބްކޮށްފައިވާ ވަރަށް ގިނަ މީހުންނަކީ އޭރު މައުހަދުގެ ދަރިވަރުންގެ ގޮތުގައި ތިބި ހުނަރުވެރިންކަން ވެސް ފާހަގަކޮށްލަން ޖެހެ އެވެ.

"އަޅުގަނޑުމެންގެ އޭރުގެ މުދީރު، އިބްރާހިމް ރަޝީދު މޫސާ މުޅި މުހައްމަދު ރަސޫލުއްﷲގެ އަރަބި ތަރުޖަމާ ކޮށްދެއްވީ. އެހެންވީމަ އޭގައި ގިނަ ވާނީ މައުހަދުގެ ދަރިވަރުންނޭ ބުންޏަސް ރަނގަޅުވާނެ. ދޮގަކަށް ނުވާނެ،" ވަރުދާ ކިޔައިދިނެވެ. "ދެން މި ޕްރޮގްރާމަށް އަޑު އަޅަންށޭ ކިޔާފައި ހުރިހާ ކުދިން ގެންދިޔައީ ޓީވީ އަށް. ޓީވީ އަށް ދިޔައީމަ އެނގުނީ އަދި ފެނުނީ އަޅުގަނޑުމެން ކިޔަން ޖެހޭ ޑައިލޮގްތައް ވެސް. އެއްގޮތަކަށް ނެތް ވަކި ކަހަލަ އަޑުތަކަކަށް ޕްރެކްޓިސްކުރެވިފައެއް ވެސް އޭރަކު"

"ދެން އަޅުގަނޑަށް ވެސް ދެއްވީ މި ތަން ކިޔާށޭ ކިޔާފައި. އޭގެ ކުރިއަކުން ނެތް އެ ޕްރޮގްރާމަށް އަޑުއަޅާ ވާހަކައެއް ދެކެވިފައެއް ވެސް."

ކޮންމެއަކަސް މުހައްމަދުއްރަސޫލުﷲ އަށް އަޑުއެޅުން ވެގެންދިޔައީ ސަޕްރައިޒަކަށެވެ. ނަމަވެސް ލިބިފައި ހުރި ހުނަރުވެރިކަމެއްގެ ސަބަބުން ޝޯގެ އެންމެ މުހިންމު ދެ ކެރެކްޓާއަކަށް އަޑުއަޅަން ޖެހިގެން ވަރުދާއަށް ކުރިމަތިވި ގޮންޖެހުމެއް އޭގައި ނެތެވެ.

"އެއްގޮތަކަށް ވެސް ވަކި އަޑުތަކަކަށް ޕްރެކްޓިސްކުރެވިގެން ގުޅޭ އަޑުތަކެއް ހޯދައިގެނެއް ވެސް ނޫން އަޑުއަޅާފައި އެހުރީ. އެ ކުއްޖެއްގެ ބަޔާ ޖެހުނީމަ އެ ކުއްޖަކު އަޑުއަޅަމުން ދިޔައީ. އެގޮތުން އަޅުގަނޑަށް ލިބުނީ ސާރާ އާއި ހާޖަރުގެ ބައި. އިއްތިފާގަކުން ލިބުނު ފުރުސަތެކޭ ބުނެވޭނީ އެއީ،" ވަރުދާ ބުންޏެވެ.

"ވަރަށް ވަރަށް އަވަސް މުއްދަތެއްގެ ތެރޭގައި އަޅުގަނޑުމެންގެ ބައިތައް ރިކޯޑްކޮށް ނިމިއްޖެ. ހަފުތާއެއްގެ ދެ ތިން ދުވަސް މަތިން ގޮސް ރިކޯޑްކުރީ އާންމުކޮށް. އާންމުކޮށް ހަވީރު."

ވަރުދާ އަކީ އޭނާގެ ތައުލީމީ ހަޔާތުގައި ވެސް "ނިކަން ބޮޑު ސްޓާރެކެވެ." އޭރު ޓީވީއެމުން ގެނެސްދިން ސްކޫލް ކުދިންގެ ޑްރާމާތަކުން ވެސް ނިކަން ފާހަގަކޮށްލެވުނު މޫނެކެވެ. އަނެއްކޮޅުން މައުހަދުގައި އޭރު، ސިއްރު ސިއްރުން ބޭއްވި އިތުރު ހަރަކާތްތަކުގައި ވެސް ވަރުދާ އަކީ އެންމެ ކުރީ ސަފުން ފާހަގަކޮށްލެވުނު "ބަތަލާ" އެކެވެ.

މިއަދު ވެސް އޭނާގެ މި މަޝްހޫރު އަޑަކީ އަހަރެމެންނަށް ގަވާއިދުން ކޮންމެ ދުވަހަކުހެން އިވެމުންދާ އަޑެކެވެ. ރޯދަ މަހަށް ހާއްސަވެގެން މި ޝޯއަކުން އެކަންޏެއް ވެސް ނޫނެވެ. ރޭޑިއޯގެ މަޝްހޫރު ދީނީ ޕްރޮގްރާމްތަކުގައި ވަރުދާ އަކީ އަދިވެސް ފާހަގަކޮށްލެވޭ މަޝްހޫރު އަޑެކެވެ.

"ރޭޑިއޯ އަށް ހުންނާނެ އަޅުގަނޑު ވަރަށް ގިނައިން ޑަބްކޮށްދީފައި. މިހާރު ވެސް ވަރަށް ގިނަވާނެ. ރޭޑިއޯ ޕްރޮގްރާމްތައް ގިނަވާނެ،" ވަރުދާ ބުންޏެވެ.

"އެކަމަކު ފަހުން އަޅުގަނޑު ކިޔަވާ ނިމިގެން އައިއިރު ވެސް މުހައްމަދު ރަސޫލުއްﷲ އެއް ނުއެއް ނިމޭ. ކިޔަވައިގެން އެނބުރި އައިސް ވެސް ހުންނާނެ، ބައެއް އެޕިސޯޑްތަކަށް ޑަބްކޮށްދީފައި. ކުދި ރޯލުތަކަށް ވެސް ހުންނާނެ އަޑުއަޅާފައި. ކީރިތި ރަސޫލާގެ މަންމާފުޅުގެ ބަޔަށް ވެސް ހުންނާނެ އަޑު އަޅާފައި. އާލާސްކަންފުޅާ އިންނަވަނިކޮށް ގެނެސްދީފައިވާ މަންޒަރެއް އެއީ"

"ރޭޑިއޯގައި ގިނަ ފަހަރަށް އަޑުއަޅައިދީފައި ހުންނާނީ ބޮޑަށް ދީނީ ޕްރޮގްރާމްތަކަށް. ދެ ނަމާދު ދޭތެރޭގައި އަންނަ ދީނީ ޕްރޮގްރާމްތަކަށް ވެސް ހުންނާނެ. ފަޖުރު ތަރި ޕްރޮގްރާމް، ދެން ވަކިން ހާއްސަކޮށް ރޯދަ މަހަށް ހާއްސަކޮށްގެން ގެނެސްދޭ ދީނީ ވާހަކަތައް ވެސް ހުންނާނެ ނެރޭޓްކޮށްދީފައި."

ވަރުދާ ބުނީ އަޑުއެޅުން ނުވަތަ ޑްރާމާ ފަދަ ޕްރޮގްރާމްތަކަށް އެގޮތަށް އަޑު ރިކޯޑްކުރުމަކީ އޭނާގެ ނިކަން ބޮޑު ޝައުގުވެރިކަމަކާ ވެސް ގުޅިފައި އޮތް ކަމެއް ކަމަށެވެ. އެންމެކުރިން ވެސް އެކަން އެގޮތަށް އޮތުމަކީ މިއަދު ވެސް އެކަން ހުއްޓާނުލެވިފައި އޮތް ސަބަބު ކަމަށް ބުންޏެވެ. ހިރިޔާ ސްކޫލުގެ ޓީޗަރުންގެ މެދުގައި ވެސް މިފަދަ ހަރަކާތެއް ހިންގާ ނަމަ ވަރުދާ އަކީ ކުރީ ސަފުން ފެންނަން ހުންނަ މޫނެކެވެ.

"ބުނެވިދާނެ ކިޔަވައިދިނުމަށް ފަހު އެންމެ ކުރާ ހިތްވާ ކަމަކީ މިގޮތަށް ޑަބްކުރުމޭ. އެއީ ސްކޫލްގައި ވެސް އިތުރު ހަރަކާތްތަކާ، މައުހަދުގައި އޮންނަ ޑްރާމާތަކުގައި ވެސް ހުންނާނެ ބައިވެރިވެފައި. އެއީ ސްކޫލްތަކުގައި ކޮންމެ މަހަކު ބާއްވާ ޑްރާމާތައް،" ޓީޗަރުން ގިނަ އާއިލާއަކަށް ނިސްބަތްވާ ވަރުދާ ބުންޏެވެ.

"މައުހަދުން ނިމުނުއިރު ވެސް ސްކޫލްތަކަށް ގޮސް ކިޔަވައިދޭން އެޑިއުކޭޝަނުން އޮތީ ގޮވާލާފައި. އެއީ 6-7 އަށް އަރަބި ކިޔަވައިދޭން. އެހެންވީމަ ސްކޫލް ނިންމާލި ގޮތަށް އުމުރުން 17 އަހަރުގައި ޓީޗިން އަށް ވަދެވިއްޖެ. ދެން ނުކުތީ. އެކަމަކު ކުޑައިރު، އަޅުގަނޑު ބޮޑުވެގެން ވިސްނުން ހުރީ ކޮންމެހެން ޓީޗަރަކަށްވާކަށް ނޫން. ހިތުގައި އޮތީ ސިއްހީ ދާއިރާ އަށް ވަންނަން. އެކަމަކު ކަން ދިމާކުރި ގޮތުން މި ދާއިރާ ޗޫޒްކުރަން ޖެހުނީ."

އެކަމަކު ވަރުދާ ބުނީ ޓީޗަރެއްގެ ގޮތުގައި އޭނާ މަސައްކަތްކުރާތާ 17 އަހަރުވީއިރު، މުހައްމަދުއްރަސޫލުﷲ ޑްރާމާ އަށް އަޑުއެޅި ވާހަކަ އޭނާގެ ދަރިވަރުންގެ މެދުގައި އެހާ މަޝްހޫރެއް ނޫން ކަމަށެވެ. ކްލާސް ތެރޭގައި ވާހަކަ ދައްކައި އުޅޭއިރު އެކަން ފާހަގަކުރެވޭ މާ ގިނަ ދަރިވަރުންތަކަކާ ދިމާނުވާ ކަމަށް ވެސް ބުންޏެވެ.

އަނެއްކާ ވަރުދާގެ އެންމެ ގާތް އެކުވެރިންނަށް މިކަން އެނގޭބާއެވެ؟

"އެކުގައި އުޅޭތާ މިހާ ގިނަ ދުވަސްވެފައި ހުންނައިރު ވެސް ބައެއް މީހުންނަށް އެނގިފައި ނޯވެދާނެ ސާރާ އާއި ހާޖަރަށް އަޑުއެޅީ އަޅުގަނޑު ކަމަކަށް،" ވަރުދާ ބުނީ މިހެންނެވެ.

އޭނާ ބުނީ ސްކޫލްގައި ކިޔަވައިދޭން އުޅޭއިރު ބައެއް ފަހަރަށް ކުދިންނަށް ފާހަގަކުރެވިގެން، "މިސް ދޯ އޭ މުހައްމަދުރަސޫލުއްﷲގެ މި ބަޔަށް އަޑުއަޅައިދީފައި އެ ހުރީ" އޭ ކިޔާފައި ދަރިވަރުން ސުވާލުތައްކުރާ ކަމަށެވެ. އަދި އެގޮތަށް ޑައިލޮގް ޖައްސައި ދިނުމަށް ވެސް ބައެއް ކުދިން އެދޭ ކަމަށެވެ.

"ކުލާސްތެރޭގައި ވާހަކަ ދައްކާއިރު ބައެއް ދަރިވަރުން ސުވާލުކޮށްލާނެ އެއީ މިސްހޭ ކިޔާފައި. މުހައްމަދު ރަސޫލުއްﷲ އަށް އަޑުއަޅާފައި ހުރީ. އެއީ ދެން އެންމެ ފުރަތަމަ ވެސް އަޅުގަނޑާ އެގޮތަށް ދިމާވި ނުވަތަ އަޅުގަނޑުގެ އަޑުކަން އެއީ އެނގުނު ގޮތަކީ ބަޔަކަށް،" ވަރުދާ ކިޔައިދިނެވެ.

"ކުދިން ވަރަށް މަޖާ ސުވާލުކުރާނެ. ބުނާނެ ޑައިލޮގްކޮޅެއް ކިޔާލަ ދީބަލާށޭ ވެސް. ވަރަށް އަޑުއަހާލާހިތްވެޔޭ. ދެން އަޅުގަނޑު ބުނަން މިހާރަކު އެގޮތަކަށް ނުޖެއްސޭނެއޭ ޑައިލޮގްތަކެއް. ތި ކުދިންނާ ދިމާލަށް ހަޅޭލަވާލަވާ އެ އަޑު ވެސް ގޮއްސިއޭ. އަޅުގަނޑު ބުނަނީ ރޯދަ މަސް އައީމަ ބަލާލާށޭ"

"ރޯދަ މަސް އައީމަ، ޝޯ ބަލާފަ އައިސް ކުދިންބުނާނެ ވަރަށް މޮޅޭ."

"އަނެއްހެން މާ ބޮޑު ބަދަލެއް ނާދޭ. އަޅުގަނޑަށް ހީވަނީ މުހައްމަދުރަސޫލުﷲހި ބެލުމަށް ފަހު ދެން ސާރާ އާއި ހާޖަރު، ދިވެހި މުޖުތަމައުގައި އެހާ ގަޔާވެގެން ބެލުމަށް ފަހު، އެ ކެރެކްޓާތަކަށް އަޑު އަޅާފައިވަނީ ކޮން ބައެއްތޯ ނުވަތަ ކާކުތޯ ބަލަން އެހާ ގަޔާވެގެން މީހުންނެއް ނޫޅޭހެން."

އެކަމަކު ހާޖަރާއި ސާރާގެ ވާހަކަ ކިޔައިދިން ރޯލަށް އަޑުއެޅި ތަޖުރިބާ އަދިވެސް ވަރުދާ އަށް ވަރަށް ހާއްސަ އެވެ.

"އަޅުގަނޑު ވެސް ޝައުގުވެރިވޭ އަދިވެސް ޝޯ އަށް. ކޮންމެ އަހަރަކު ވެސް. ފެމިލީ ތެރޭގައި ވަރަށް ބަލާނެ. އެންމެން ވެސް ވަރަށް ބަލާނެ އެ ޝޯ."

ވަރުދާ ބުނީ ޑަބްކޮށްފައިވާ ލައިންތަކަށް ބަލާއިރު އެންމެ ފަސޭހައީ އަދި ހާއްސައީ ވީހާ ވެސް ދިގު ޑައިލޮގްތައް ކަމަށެވެ.

"ހާޖަރުގެ ފާނު ގިނިކަންޏާ މައްކާގެ ހުސް ހަނަފަސް ބިމަށް ދޫކޮށްލާފައި ވަޑައިގަތުމުން ދައްކަވާ ވާހަކަކޮޅު ވަރަށް ރީއްޗަށް އަޅުގަނޑަށް ކިޔާލެވުނު. އެއީ އެއްފަހަރާ ދިގުކޮށް ކިޔާލަން ލިބުމުން. އެއީ ވަރަށް އަސަރުގަދަކޮށް ކިޔާލެވުނު ތަންކޮޅެއް،" ވަރުދާ ބުންޏެވެ.