ފިނިޕޭޖް

ކިތަންމެ ބޭނުންވިޔަސް ގިޔާސް އެއް ދެން ލަވަޔަކުން ނުފެންނާނެ

ނަށާ އަހުމަދު ގިޔާސް އޭ ބުނެފިނަމަ ފަހަރުގައި މި ޖެނެރޭޝަންގެ ކުދިންނަށް ނޭނގިދާނެ އެވެ. ގިޔާސް ހުންނަނީ އެހެންނޭ މިހެންނޭ ބުންޏަސް އަދި ބޮލަށް ނުވަދެދާނެ އެވެ. އެކަމަކު އެނގޭ ގޮތަކަށް އޭނާގެ ވާހަކަ ކިޔައިދީފާނަމެވެ.

"މަހޭ ނެތިދާނެ، ވެލޯބިން ދިވާނާ."

މިހާރު އެނގިއްޖެ، އެހެން ނޫންތޯ އެވެ؟ މި ބުނާ ގިޔާސް އަކީ މި އެވެ. ގިޔާސް އަކީ 1990ގެ އަހަރު ތަކުގައި ދިވެހި ފިލްމު އިންޑަސްޓްރީގައި ވިދާލި ތަރި އެކެވެ. ސުޕަސްޓާރެކެވެ.

އެކަމަކު މިހާރު ފިލްމީ ދާއިރާއަށް ސަލާމް ބުނެގެން ގިޔާސް އުޅޭތާ ހަތް ވަރަކަށް އަހަރުވީ އެވެ. ބޮޑަށް އޭނާ މޮޅީވެސް ނަށާށެވެ. ނަށަން އެފަދަ ދެވަނަ އެއް ނެތް ފަދަ ތަރި އެކެވެ. ގިޔާސްގެ ސްޓެޕްތަކަކީ ވަރަށް ތަފާތު ފާހަގަކޮށްލެވޭ ސްޓެޕްތަކެކެވެ. މާގިނަ ފިލްމުތަކެއް އަދި ޑްރާމާތަކެއްގެ މާބޮޑު ރިކޯޑު ނެތަސް ކުޅުނު ލަވައިގެ އަދަދު އިނގިލިން ގުނާލާފައި ބުނާކަށް ނޭނގެ އެވެ.

"އަޅުގަނޑު ފިލްމީ ދާއިރާ އާ ދުރަށް ދިޔައިރު ގާތްގަނޑަކަށް 96 ލަވައެއް ކުޅެފައިވާނެ، އަޅުގަނޑު އެހާ މޮޅެއް ނޫނަސް، އަޅުގަނޑު ގައިގައި ހުރި އެއްޗެއްވެސް ނެެރެވޭނީ ވަރަސް މޮޅު ޑައިރެކްޓަރަކަށް ކަންނޭނގެ. އޭރުވެސް ހިތަށް އަރަނީ ފިލްމެއް ނުކުޅޭނަމޭ. ހަމައެކަނި ލަވަ އޭ ކުޅޭނީ. އެކަމަކު 12 ވަރަކަށް ޑްރާމާ ކުޅުނިން" އަވަސް އަށް ދިން އިންޓަވިއު އެއްގައި ގިޔާސް ބުނީ މިހެންނެވެ.

މާގިނަ ފިލްމު ތަކެއް ނުކުޅުނަސް ގިޔާސްގެ އެކްޓިން އަކީވެސް ފާހަގަކޮށްލެވޭ ވަރުގެ އެކްޓިން އެކެވެ. އޮފީސްތަކުގެ ޑްރާމާ މުބާރާތުގައި އޭނާ އޭރުވެސް މަސައްކަތް ކުރި އަދި މިހާރުވެސް މަސައްކަތް ކުރަމުންދާ އެމްޕީއެލްގެ ޑްރާމާއިން 1995 ވަނަ އަހަރު އެންމެ މޮޅު އެކްޓާގެ މަގާމްވަނީ ހާސިލް ކޮށްފަ އެވެ.

"އަޅުގަނޑަށް އެންމެ ރަނގަޅު އެކްޓިން އެއް ދެއްކުނީ ކައްތިރި ޑްރާމާގައި. ލަވަތަކަށް ބަލާއިރު ކޮންމެ ލަވައެއްވެސް ކުޅުނީ ވަރަށް ކުޅޭހިތުން އެހެންވެ ވަަށް ރީތި ހުރިހާ ލަވައެއްވެސް"

ގިޔާސްގެ ވާހަކަ މިވަރަށް ދެއްކި ނަމަވެސް މިހާރު އޭނާ ހުރީ ފިލްމު އިންޑަސްޓްރީއަށް ފަސޭހަ ގޮތަކަށް އަތުވާ ހިސާބެއްގައި ނޫނެވެ. މިހާރު ފިލްމެއް އަދި ލަވައެއް ކުޅޭކަށް އޭނާގެ ހިޔާލަކަށް ނާދެ އެވެ.

"ކުރީގައިވެސް މި ދައިރާގައި މަސައްކަތް ކުރީ ދިރިއުޅުމަށް މަސައްކަތް ކުރަމުން. ދެން ދާއިރާގެ ތެރޭގައި އަޅުގަނޑުމެން ގަބޫލު ކުރާކަހަލަ އެކުވެރި ކަމަކާއި މިކަންތައްތައް އަސްލު އެހާ ބޮޑަކަށް ފާހަގައެއް ނުކުރެވޭ. ދެން އަނެއްކާ ރާއްޖޭގައި ދިރިއުޅުމަށް ކުރަން އެހާ ކަމަކު ނުދޭ، ދެން މިހާރުގެ ހާލަތު ހުރި ގޮތުން އެހާ ހިންހަމައެއް ނުޖެހޭ ދިރިއުޅުމުގެ ކަންތައްތައް ބުރަވެލީމަ ކުދިންނަށްވެސް ވަގުތު ދޭން ޖެހޭތީވެ ދުރުވެލީ" ފިލްމީ ދާއިރާއިން ގެއްލުނު ގޮތް އަވަސް އަށް ކިޔައިދެމުން ބުނީ މިހެންނެވެ.

"މިހާރު ފިލްމް އިންޑަސްޓްރީގައި ކުރިން އޮތް ޓީމް ވޯކް އެއް ނެތް، އޭރު ޕްރެކްޓިސްކޮށް ގަޑިއަށް ޝޫޓިން ތަކަށްގޮސް ވަރަށް ބޮޑަށް ފަރުވާތެރި، އެކަމަކު މިހާރު އުޅޭކުދިންގެ ފަރާތުން އިވިފައިވާ އަޑުތަކަށް ބަލާއިރުގަޑިޖެހިގެން ޝޫޓިން ތަކަށް ދިއުމާއި ޓީމް ވޯކެއް ނެތް، މީ އެކަމަކު އެއްވެސް ކުއްޖަކަށް ބުނާ ބަދުބަހެއް ނޫން" މިހާރުގެ ދިވެހި ފިލްމް އިންޑަސްޓްރީ އޭނާ ސިފަކުރާގޮޔް ކިޔައިދެމުން ބުންޏެވެ.

އިތުރަށް ފިލްމު ކުޅެ ލަވަ ކުޅޭކަށް ގިޔާސްގެ ވިސްނުމަކު ނެތެވެ. މިހާރު އޭނާ ބޭނުންވަނީ އެނގިފައިވާ އެއްޗެއް އެހެން މީހަަކަށް ދަސްކޮށްދޭށެވެ. އެގޮތުން ޝޯ ތަކަށް ޑާންސް ދަސްކޮށްދޭ ފަރާތެއްގެ ގޮތުގައި ވަރަށް ޝައުގުވެރި ކަމާއެކު ހަރަކާތްތެރިވެ އެވެ.

"ދެން ލަވައެއްވެސް ނުކުޅޭނަމެކޭ ނޫން، ހިޔާލަކީ ބަދަލުވާ އެއްޗެއް، އެކަމަކު އަދި ނެތް ވިސްނުމަކު ކުޅޭކަށް. އެކަމަކު ގިނަ ސްޓާރުން ބައިވެރިވާ އެއްޗެއްގައި ވިއްޔާ ބައިވެރިވާނަން" ގިޔާސް ބުންޏެވެ.

ދެން ލަވަޔަކުން ގިޔާސް ފެނުމުގެ ފުރުސަތު ބޮނބި ނަރަކަށްވުރެ މިވަނީ ހިމަވެފަ އެވެ. އެކަމަކު ގިޔާސް ބުނާހެން އިންސާނާގެ ހިޔާލަކީ ބަދަލުވާ އެއްޗެކެވެ. އެހެންވީމަ ފެނިދާނެ އެވެ. ފެނިވެސްދާނެ އެވެ.