ފެނަކަ ކޯޕްރޭޝަން

ފުވައްމުލަކަށް މިވަގުތަށް އޮތް ހައްލަކީ މަދުން ކަރަންޓު ބޭނުންކުރުން: ފެނަކަ

ފުވައްމުލަކަށް މިހާރު ދިމާވެފައިވާ ކަރަންޓުގެ މައްސަލައަށް އޮތް ވަގުތީ ހައްލަކީ ވީހާވެސް މަދުން ކަރަންޓ ބޭނުންކުރުން ކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފި އެވެ.

ފުވައްމުލަކުގެ ކަރަންޓް ނެޓްވާކް ކޭބަލަކަށް އިއްޔެ ދިމާވި މައްސަލައަކާ ގުޅިގެން އިއްޔެ ފުވައްމުލަކުން ކަރަންޓު ކެނޑުމުގެ ސަބަބުން ރއްޔިތުންނަށް ބޮޑެތި ދަތިތަކާ ކުރިމަތިވި އެވެ. މިހާރު ވެސް އެކި ހިސާބުތަކުން ކަރަންޓު ދަނީ އެކި ގަޑިތަކުގައި ކަނޑަމުންނެވެ.

ފެނަކަ ފުވައްމުލަކު ބްރާންޗުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ނެޓްވާކް ކޭބަލަށް ދިމާވި މައްސަލައާ ގުޅިގެން ދަޑިމަގު، ދިގުވާނޑު، ހޯދަޑު، މާލެ އަވަށުގެ އިތުރުން މާދަޑުން ބަޔަކާއި މިސްކިތް މަގު އަވަށުގެ ބަޔަކުން ކަރަންޓު ކެނޑޭނެ ކަމަށެވެ.

ބަޔާނުގައި ބުނެފައިވަނީ، ކަރަންޓުގެ މައްސަލައަށް ހައްލެއް ލިބެން ދުވަސްކޮޅެއް ނަގާނެ ކަމަށާއި މައްސަލަ ހައްލުވަންދެން ވީހާވެސް މަދުން ކަރަންޓު ބޭނުންކުރަން އިލްތިމާސްކުރާ ކަމަށެވެ. ކޮންމެހެން ބޭނުންކުރަން ޖެހޭ ކަރަންޓެއް ނޫނީ ބޭނުން ނުކުރުމަށް އެ ބަޔާނުގައި ވަނީ އިލްތިމާސްކޮށްފަ އެވެ. މައްސަލަ ހައްލުކުރަން ނަގާނެ ދުވަހެއް އެ ބްރާންޗުން ބުނެފައެއް ނުވެ އެވެ.

ކަރަންޓު ބޭނުންކުރާ މިންވަރު ހުރިހާ ރައްޔިތުން ވެސް މަދުކޮށްފިނަމަ، ކަރަންޓު ކަނޑަން ޖެހޭ މިންވަރު މަދުވާނެ ކަމަށް ވެސް ބަޔާނުގައި ބުނެފައިވެ އެވެ.