ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް ހައްޔަރުކޮށް ބަންދަށް 15 ދުވަސް އިތުރުކުރި މައްސަލަ އިސްތިއުނާފު ކުރަން މިއަދު ހައި ކޯޓަށް ހުށަހަޅައިފި އެވެ.
ކޯޓު އަމުރެއްގެ ދަށުން އިއްޔެ ރޭ ހައްޔަރުކުރި ނާޒިމްގެ ބަންދުގެ މުއްދަތު އިއްޔެ އިތުުރުކުރި މައްސަލަ އިސްތިއުނާފު ކުރުމަށް ހައި ކޯޓަށް ހުށަހެޅި ނަމަވެސް އެ މައްސަލަ އަދި ކޯޓުން ބަލައެއް ނުގަނެ އެވެ.
ނާޒިމް ހައްޔަރުކޮށްފައި ވަނީ ހަތިޔާރު ބޭނުންކޮށް ދައުލަތުގެ އިސް ވެރިންނަށް ގެއްލުން ދިނުމާއި ވެރިކަން ބަދަލުކުރަން ރޭވި ކަމުގެ ތުހުމަތުގައި ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. ފުލުހުން ބުނީ އެކި ފަރާތްތަކާ ގުޅިގެން ވެރިކަން ބަދަލު ކުރަން ނާޒިމް ރާވާފައިވާ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ. ފުލުހުން ބުނީ ނާޒިމް ހައްޔަރު ކުރި އިރު ދިވެހި ދައުލަތުގެ އިސް ވެރިންތަކަކަށް ޖިސްމާނީ އަނިޔާ ދިނުމަށް ރާވާފައިވާކަން ދޭހަވާފަދަ ލިޔުމެއް ފެނިފައިވަނީ ނާޒިމްގެ ގެއިން ފެނުނު ޕެންޑްރައިވުން ކަމަށެވެ.
ނާޒިމް ހައްޔަރުކޮށްފައި ވަނީ އޭނާގެ އެޕާޓްމަންޓަށް ފުލުހުން ވަދެ ފާސްކުރުމަށް ފަހު އެތަނުން ފިސްތޯލައަކާއި ވަޒަންތަކެއް ފެނުނު ކަމަށް ބުނިތާ ވިއްސަކަށް ދުވަސް ފަހުންނެވެ. އެހެންވެ ނާޒިމްގެ ގާނޫނީ ޓީމުން ބުނަމުން ދަނީ ނާޒިމްގެ ބަންދުގެ މުއްދަތު އިތުރުކުރީ ނާޒިމަކީ މުޖުތަމައަށް ނުރައްކާތެރި މީހެއް ކަމަށް ފުލުހުން ބުނުމުން ކަމަށާއި އެކަމަކު އެހާ ނުރައްކާ މީހެއް ނަމަ މިހާ ދުވަހު ހައްޔަރު ނުކޮށް ބެހެއްޓުމުން ސުވާލު އުފެދޭ ކަމަށެވެ. އަދި ނާޒިމާ ބެހޭ ގޮތުން ލިބިފައިވާ ކަމަށް ބުނާ އިންޓެލިޖެންސް މައުލޫމާތުގައި، ނާޒިމް އެހެން ބަޔަކާ ގުޅިގެން ވެރިކަން ބަދަލުކުރަން ރާވާ ކަމަށް ބުނެފައި ވިޔަސް ނާޒިމްއާ ގުޅިފައިވާ މީހުންނާ މެދު ތަހުގީގެއް ހިންގާކަން އެނގެން ނެތް ކަމަށް ވެސް ނާޒިމްގެ ވަކީލުން ވިދާޅުވެ އެވެ.